65 އަހަރުވުމުން ވެރިކަމަށް ކުރިމަތިނުލެވޭ އިސްލާހު އުވާލަން ހުށަހަޅައިފި

އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތި ނުލެވޭ ގޮތަށް ގާނޫނު އަސާސީ އަށް ގެނެސްފައިވާ އިސްލާހު އުވާލުމަށް މަޖިލީހަށް ހުށަހަޅައިފި އެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ. ފަލާހު ސަން އަށް ވިދާޅުވީ އެ އިސްލާހު ހުށަހެޅުއްވީ މިއަދު ކަމަށެވެ.

ގާނޫނު އަސާސީ އަށް ބަދަލުގެނެސް 2015 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ އުމުރު 30 އަހަރާއި 65 އަހަރާ ދެމެދުގެ މިހާކަށް ވާން ޖެހޭނެ ކަމަށް ކަނޑައަޅައިފަ އެވެ.

ފަލާހު މީގެ ކުރިން ސަން އަށް ވިދާޅުވީ 65 އަހަރުން މަތީގެ މީހަކަށް ރައީސް ކަމަށް ކުރިމަތި ނުލެވޭ ގޮތަށް ފާސް ކުރުނަށް ކުރިން ވެސް ތާއީދު ނުކުރައްވާ ކަމަށެވެ.

ގާނޫނު އަސާސީ އެކުލަވާލި އިރު، އޭގައި ކަނޑައަޅާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް ކަމަށް ކުރިމަތިލައްވާ ބޭފުޅުންގެ ޝަރުތަކީ 35 އަހަރުން މަތީގެ ބޭފުޅަކަށްވުން ކަމުގަ އެވެ. ނަމަވެސް އަހުމަދު އަދީބު ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު، ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސްގެ ޝަރުތަކީ 30 އަހަރާއި 65 އަހަރާ ދެމެދު ކަމަށް ބަދަލު ގެނައުމަށް ފަހު އަދީބަށް ވަނީ ނައިބު ރައީސްކަން ދެއްވައިފަ އެވެ.

ފަލާހު މިއަދު ވިދާޅުވީ ޕެންޝަން ފަންޑުގެ ފައިސާ ލުއި ފަސޭހަކޮށް ބޭނުންކުރެވޭނެ ގޮތެއް ހެދުމަށް ޕެންޝަނުގެ ގާނޫނަށް އިސްލާހު ހުށަހަޅުއްވަން ނިންމާފައިވާ ކަމަށެވެ. އެ އިސްލާހު އަންނަ ހަފްތާގައި މަޖިލީހަށް ވައްދާނެ ކަމަށް ފަލާހު ވިދާޅުވި އެވެ.

comment ކޮމެންޓް