ފީފާ ވޯލްޑް ރޭންކިންގައި އިންޑިއާ 96 ވަނައަށް، ރާއްޖެ އަދިވެސް 150 ވަނައިގައި

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާއި ބޫޓާން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ރާއްޖެ މޮޅުވީ 7-0ގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކޮންމެ މަހަކު، ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ނެރޭ ފީފާ ވޯލްޑް ރޭންކިންގައި އެއް ދަރަޖައިގެ ކުރިއެރުމަކާ އެކު އިންޑިއާއަށް 96 ވަނަ ލިބިއްޖެ އެވެ.

މިއަދު ނެރުނު ރޭންކިންގެ ކުރިން އިންޑިއާ އޮތީ ރޭންކިންގެ 97 ވަނައިގަ އެވެ. އެހެން ނަމަވެސް ކުރިން ގައުމުތަށް ރޭންކު ކުރި ސިސްޓަމުގެ ބަދަލުގައި އާ ސިސްޓަމެއް ފީފާއިން ބޭނުން ކުރަން ފެށި ފަހުން، މިފަހަރު އިންޑިއާ މިވަނީ އެއް ދަރަޖަ ކުރިއަށް ގޮސްފަ އެވެ.

ރޭންކިންގައި ސާކް ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އެންމެ ކުރީގައި އޮތީ އިންޑިއާ އެވެ. ރާއްޖެ އޮތީ ކުރިން ވެސް އޮތް ގޮތަށް ރޭންކިންގެ 150 ވަނައިގަ އެވެ. ރާއްޖެއަށް ވުރެ ފަސް ދަރަޖަ ކުރީގައި 145 ވަނައިގައި އޮތް އަފްޣާނިސްތާނުގެ ރޭންކިންއަށް ވެސް މިފަހަރު ބަދަލެއް ނާދެ އެވެ.

މި ސަރަހައްދުގެ އެހެން ގައުމުތަކަށް ބަލާއިރު ނޭޕާލް އޮތީ ރޭންކިންގެ 161 ވަނައިގައެވެ. އަދި ބޫޓާނަށް 183 ވަނަ ލިބުނު އިރު ދެން އެންމެ ކައިރީގައި އޮތް ބަންގްލަދޭޝްއަށް އޮތީ 194 ވަނައިގަ އެވެ. އަވަށްޓެރި ސްރީލަންކާ 200 ވަނައިގައި އޮތް އިރު ޕާކިސްތާނު އޮތީ 201 ވަނައިގަ އެވެ.

އިންޑިއާއިން ރޭންކިންގައި ކުރި ހޯދަމުންދާ އިރު މިހާރު އެގައުމު ދަނީ އަންނަ އަހަރު އޮންނަ އޭޝިއަން ކަޕަށް ތައްޔާރުވަމުންނެވެ. އަދި އަންނަ ސެޕްޓެމްބަރު 4-15 އަށް ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުގައި ވެސް އެ ގައުމު ބައިވެރިވާނެ އެވެ.

މިފަހަރުގެ ރޭންކިންއާ އެކު ދުނިޔޭގެ އެއްވަނަ ރޭންކިން ލިބިފައި ވަނީ ހަ ދަރަޖައިގެ ކުރިއެރުމަކާ އެކު ދުނިޔޭގެ ޗެމްޕިއަން ފްރާންސަށެވެ. ރޭންކިންގެ ދެވަނައިގައި އޮތީ ބެލްޖިއަމެވެ.

comment ކޮމެންޓް