މިއަދު ވެސް އިންޑިގޯގެ 50 އަށްވުރެ ގިނަ ފްލައިޓް ކެންސަލް

އިންޑިގޯއިން މިއަދުވެސް ވަނީ ބޮޑެތި އެއާޕޯޓުތަކުން 50 އަށްވުރެ ގިނަ ފްލައިޓް ކެންސަލްކޮށްފައި. ފޮޓޯ/ފައިނޭޝިއަލް އެކްސްޕްރެސް

މުވައްޒަފުން މަދުވެ، އިންޑިއާގެ އެންމެ ބޮޑު އެއާލައިން، އިންޑިގޯގެ ފްލައިޓްތައް ކެންސަލްކުރަމުން އަންނަތާ ދެ ހަފުތާއަށްވުރެ ގިނަ ދުވަސްވެފައިވާއިރު، މިއަދު ވެސް 50 އަށްވުރެ ގިނަ ފްލައިޓް ކެންސަލްކޮށްފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.

ބޮޑެތި އެއާޕޯޓްތަކުގެ ތެރެއިން ދިއްލީ، ކޮލްކަތާ، ބެންގަލޫރު، މުމްބާއީ، އަދި ހައިދަރުއާބާދުން ގިނަ ފްލައިޓްތަކެއް ކެންސަލްކޮށްފައިވާއިރު، އިއްޔެ ވެސް ވަނީ 50 އަށްވުރެ ގިނަ ފްލައިޓް ކެންސަލްކޮށްފައެވެ. އޭގެ ކުރިން ހޯމަ ދުވަހު 172 ފްލައިޓް ކެންސަލްކޮށްފައިވެއެވެ.

އިއްޔެގެ ވަގުތެއްގައި އިންޑިގޯއިން ނެރުނު ޓްރެވަލް އެޑްވައިޒަރީގައި ބުނެފައިވަނީ އުތުރާއި އިރުމަތީ އިންޑިއާގައި ފިނި މޫސުމާއި ދުންފިނި އުފެދިފައިވާ ވާތީ، ފްލައިޓްތައް ލަސްވުމާއި ޝެޑިއުލަށް ބުރޫއެރުން އެކަށީގެންވާ ކަމަށެވެ.

އަދި، ދުންފިނީގެ ސަބަބުން އެއްގަމު ދަތުރުފަތުރަށް އަސަރު ފޯރާފާނެކަމުގެ އިންޒާރު ވެސް އެއާލައިނުން ދީފައިވާއިރު، އެއާޕޯޓަށް ދާއިރު ކުރިއާލާ ވަގުތު އޮއްވައި ދަތުރު ފެށުމަށް ވެސް ފަސިންޖަރުންނަށް އިލްތިމާސްކޮށްފައިވެއެވެ.

މި ދުވަސްވަރަކީ ދުންފުނީގެ އިތުރުން އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ވައި ވަރަށް ބޮޑަށް ނުސާފުވެފައިވާ ދުވަސްވަރެކެވެ.

ސެންޓްރަލް ޕޮލިއުޝަން ކޮންޓްރޯލް ބޯޑު (ސީޕީސީބީ)ން ބުނީ، ވައިގެ ސާފުކަން މިންކޮށްދޭ އެއާ ކޮލިޓީ އިންޑެކްސް (އޭކިޔުއައި) އިއްޔެ ހެނދުނު ހުރީ 378 ގައި ކަމަށެވެ. އެއީ، 'ވަރަށް ދަށް' ކަމަށް ބަލާ މިންގަޑަށް ފެތޭ މިންވަރެކެވެ.

އިންޑިގޯގެ ފްލައިޓް އޮޕަރޭޝަންތަކުގެ ގާތްގަޑަކަށް 90 ޕަސަންޓް އާންމު ހާލަތަށް އައިސްފައިވާ ކަމަށް ޔޫނިއަން މިސްޓްރީން މި މަހުގެ 14 ވަނަ ދުވަހު ވަނީ ބުނެފައެވެ.

މުވައްޒަފުން މަދުވެ، އިންޑިގޯއިން ވަނީ އެތައް ހާސް ފްލައިޓެއް ކެންސަލްކޮށްފައެވެ. އެންމެ ގިނައިން ފްލައިޓް ކެންސަލްކޮށްފައިވަނީ މި މަހުގެ ފަސްވަނަ ދުވަހެވެ.

ފްލައިޓްތައް ކެންސަލްވުމުން ޕަސިންޖަރުންނަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމުގެ ގޮތުން އިންޑިގޯއިން ވަނީ ރީފަންޑު ވެސް ދީފައެވެ. އަދި، 24 ގަޑިއިރުގެ ތެރޭގައި ފްލައިޓް ކެންސަލްވެ، އެއާޕޯޓުތަކުގައި ތާށިވި ޕަސިންޖަރުންނަށް ޖުމްލަ 500 ކްރޯޑް ރުޕީސްއަށް ބޮޑު ބަދަލެއް ދޭނެ ކަމަށް ވެސް އިންޑިގޯއިން ވަނީ ބުނެފައެވެ.

އިންޑިގޯގެ ދަތުރުތައް މަދުވެފައިވަނީ، ޕައިލެޓުން އަރާމުކުރުމަށް އިތުރު ވަގުތު ދޭންޖެހޭ ގޮތަށް އިންޑިއާ ސަރުކާރުން ގަވައިދަށް ގެނައި ބަދަލަށް އަމަލުކުރަން ފަށައި، ވަގުތު ޖެހުނުއިރު އިންޑިގޯއަށް ތައްޔާރު ނުވެވި, ޕައިލެޓުންގެ ދަތިކަން ބޮޑުވުމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް