ވަޓްސްއެޕްގެ އެންމެ ބޮޑު މާކެޓް، އިންޑިއާއިން އެ ކުންފުންޏަށް ބޮޑެތި ގޮންޖެހުންތަކެއް

އިންޑިއާގައި ވަޓްސްއެޕް ބޭނުންކުރާ 500 މިލިއަނަށްވުރެ ގިނަ މީހުން ތިބޭ ---

ވަޓްސްއެޕްގެ ޚިދުމަތް އެންމެ ގިނަ ބަޔަކު ބޭނުންކުރަމުން އަންނަ އިންޑިއާއަކީ އެ ކުންފުންޏަށް މިހާރު އެންމެ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުން އަންނަ ގައުމަށް ވެއްޖެއެވެ.

ޓެކްކްރަންޗް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، 2025 ވަނަ އަހަރު ނިމެމުންދާއިރު، ވަޓްސްއެޕްގެ މައި ކުންފުނި "މެޓާ" އަށް އިންޑިއާގެ މާކެޓުގައި ވަނީ ގާނޫނީ ގޮތުންނާއި ވިޔަފާރީގެ ގޮތުން ނުތަނަވަސް ހާލަތަކާ ކުރިމަތިލާން ޖެހިފައެވެ.

މިގޮތުން ދިމާވެފައިވާ އެންމެ ބޮޑު އެއް ހުރަހަކީ އިންޑިއާގެ ކޮމްޕެޓިޝަން ކޮމިޝަނުން މެޓާއާ ދެކޮޅަށް ނިންމި ނިންމުމެކެވެ. އެ ކޮމިޝަނުން ވަނީ ވަޓްސްއެޕް ބޭނުންކުރާ ފަރާތްތަކުގެ ޒާތީ މައުލޫމާތު، އިޝްތިހާރު ދެއްކުމުގެ ބޭނުމުގައި ފޭސްބުކް އަދި އިންސްޓަގްރާމް ފަދަ މެޓާގެ އެހެން ޕްލެޓްފޯމްތަކާ ހިއްސާކުރުން ކުރިއަށް އޮތް 5 އަހަރު ދުވަހުގެ މުއްދަތަށް މަނާކޮށްފައެވެ. މިއީ ވަޓްސްއެޕް ބޭނުންކޮށްގެން އާމްދަނީ އިތުރުކުރުމަށް މެޓާއިން ގެންގުޅޭ މައިގަނޑު ސިޔާސަތަށް އެޅުނު ވަރަށް ބޮޑު ހުރަހެކެވެ.

https://sun.mv/214153

ޑޭޓާ ހިއްސާކުރުން މަނާކުރުމުގެ އިތުރުން، އިންޑިއާގެ ވާދަވެރިކަމާބެހޭ ގާނޫނުތަކާ ޚިލާފުވެފައިވާކަމަށް ނިންމައި، ގާތްގަނޑަކަށް 25.4 މިލިއަން ޑޮލަރުން މެޓާ ވަނީ ޖޫރިމަނާ ވެސް ކޮށްފައެވެ.

ރެގިއުލޭޓަރުން ދެކޭ ގޮތުގައި ވަޓްސްއެޕުން ވަނީ އެމީހުންގެ މާކެޓްގެ ނުފޫޒު ބޭނުންކޮށް، 2021 ވަނަ އަހަރު ގެނައި ޕްރައިވެސީ ޕޮލިސީ ކަސްޓަމަރުންނަށް ގަބޫލުކުރުމަށް މަޖުބޫރުކުރުވާފައެވެ.

މީގެއިތުރުން، އިންޑިއާ ސަރުކާރުން އަލަށް އެކުލަވާލި ސައިބަ ސެކިއުރިޓީ ގަވާއިދުތަކުގެ ސަބަބުން، އެޕް ބޭނުންކުރާ އާންމު ފަރާތްތަކަށް ވެސް ދަތިތަކާ ކުރިމަތިވުމުގެ ފުރުސަތު އެބައޮތެވެ.

އޮޅުވާލައިގެން ފައިސާ ހޯދާ މީހުން (ސްކޭމަރުން) ހުއްޓުވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން، ސިމް ކާޑު ވެރިފިކޭޝަން ހަރުދަނާކުރުމަށް ސަރުކާރުން ވަނީ އަންގާފައެވެ. މިކަމުގެ ސަބަބުން ކޮމްޕިއުޓަރުގައި ބޭނުންކުރާ "ވަޓްސްއެޕް ވެބް" ފަދަ ޚިދުމަތްތަކުން ކޮންމެ ހަ ގަޑިއިރަކުން އޮޓަމެޓިކުން ލޮގް-އައުޓް ވާނެކަމަށް ބެލެވެއެވެ.

އިންޑިއާގައި ވަޓްސްއެޕް ބޭނުންކުރާ 500 މިލިއަނަށްވުރެ ގިނަ މީހުން ތިބިއިރު، މިއީ އެ ކުންފުނީގެ އެންމެ މުހިންމު މާކެޓެވެ. ނަމަވެސް، ސަރުކާރުގެ އައު ސިޔާސަތުތަކާއި ރެގިއުލޭޓަރީ ފިޔަވަޅުތަކުގެ ސަބަބުން، ކުރިއަށް އޮތް ދުވަސްތަކަކީ ވަޓްސްއެޕްގެ މުސްތަގުބަލަށް ވަރަށް ނާޒުކު ދުވަސްތަކެއް ކަމަށް ކަމާބެހޭ މާހިރުން ލަފާކުރެއެވެ.

comment ކޮމެންޓް