ސަލާމަތީ ކަންކަމާ ގުޅިގެން އިންޑިއާއިން ބަންގްލަދޭޝްގެ ހައި ކޮމިޝަނަރު ހާޒިރުކޮށްފި

އިންޑިއާ ފުލުހުންތަކެއް: ސަލާމަތީ ކަންކަމާ ގުޅިގެން އިންޑިއާއިން ވަނީ ބަންގްލަދޭޝްގެ ހައި ކޮމިޝަނަރު ހާޒިރުކޮށްފައި -- ފޮޓޯ/ އޭއޭ

ބަންގްލަދޭޝްގެ ސަލާމަތީ ހާލަތު ގޯސްވަމުންދާތީ، ކަންބޮޑުވާ ކަމަށް ބުނެ އިންޑިއާގައި ހުންނަ ބަންގްލަދޭޝްގެ ހައި ކޮމިޝަނަރު އިންޑިއާގެ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށްފިއެވެ.

ހައި ކޮމިޝަނަރު ރިޔާޒު ހަމީދުﷲ ހާޒިރުކުރީ ބަންގްލަދޭޝްގެ ސިޔާސީ ކަންކަމަށް އިންޑިއާއިން ތަދައްޚުލްވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ބުނެ ބަންގްލަދޭޝްގައި ހުންނަ އިންޑިއާ ހައި ކޮމިޝަން ކައިރިއަށް އެއްވުމަށް ބަންގްލަދޭޝްގެ ޖަމާއަތަކުން ގޮވާލުމާ ގުޅިގެންނެވެ.

އިންޑިއާ ހައި ކޮމިޝަންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި ބަންގްލަދޭޝްގެ ސަރުކާރުގެ ޒިންމާ ހައި ކޮމިޝަނަރަށް ހަނދާންކޮށްދީފައިވާ ކަމަށް އިންޑިއާގެ ފޮރިން މިނިސްޓްރީއާ ހަވާލާދީ ބޭރުގެ ނޫސްތަކުން ބުނެފައިވެއެވެ.

އިންޑިއާއިން ބަންގްލަދޭޝް ހައި ކޮމިޝަނަރު ހާޒިރުކުރީ އިންޑިއާގައި ހުންނަވައި ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ބަންގްލަދޭޝްގައި ހުންނަ އިންޑިއާ ހައި ކޮމިޝަނަރު ހާޒިރުކުރިތާ ދެ ދުވަސް ފަހުންނެވެ.

ހައި ކޮމިޝަނަރު ހާޒިރުކުރުމަށްފަހު، ބަންގްލަދޭޝްއިން ވަނީ ހަސީނާގެ އެފަދަ ވާހަކަތަކުގެ ސަބަބުން އެގައުމުގެ ކުރިއަށް އޮތް މަޖިލިސް އިންތިޚާބަށް ނުރައްކާވެދާނެ ކަމަށް ބުނެފައެވެ.

https://sun.mv/214506

ބަންގްލަދޭޝްގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ފެބުރުއަރީ 12 ވަނަ ދުވަހުއެވެ.

ބަންގްލަދޭޝްގައި މިހާރު އޮތް ވަގުތީ ވެރިކަން ގާއިމުކުރަން ޖެހުނީ މިދިޔަ އަހަރު އޮގަސްޓު މަހު ގިނަ ބަޔަކު އެއްވެ ކުރި މުޒާހަރާތަކާއި ގުޅިގެން ވެރިކަމުން ދޫކުރައްވައި، ޝެއިޚް ހަސިނާ ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެންނެވުމާ ގުޅިގެންނެވެ.

ހަސީނާ އިންޑިއާއަށް ވަޑައިގެންނެވި ފަހުން ދެ ގައުމުގެ ގުޅުން ހީނަރުވެފައިވާއިރު، ބަންގްލަދޭޝްއިން ވަނީ ހަސީނާ ހަވާލުކުރުމަށް ތަކުރާރުކޮށް އެދިފައެވެ. އެކަމާ ގުޅިގެން އިންޑިއާއިން ބުނީ ހަސީނާ ހަވާލުކުރުމަށް ބަންގްލަދޭޝްއިން އެދުނު މައްސަލަ ބަލަމުންދާ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ހަސީނާ މަރަން ވެސް އެ ގައުމުގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ.

comment ކޮމެންޓް