އަސްލަމް ޝަކުވާ ހުށަހަޅާފައި ވަނިކޮށް، އިންތިހާބުގެ ދާއީމީ ނަތިޖާ އިއުލާންކޮށްފި

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރައްވާ ތިން ބޭފުޅުން: ދާއިމީ ނަތީޖާ މިހާރު ވަނީ އިއުލާން ކޮށްފައި ---

މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީ ލީޑާޝީޕް އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކޮށްފިއެވެ.

ދާއިމީ ނަތީޖާ އިއުލާންކޮށްފައި މި ވަނީ، އެމްޑީޕީ ނައިބު ރައީސް ކަމަށް ވާދަކޮށް ނާކާމިޔާބާ ކުރިމަތިވަޑައިގެންވި، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާ މެމްބަރު މުހައްމަދު އަސްލަމް، އެޕާޓީގެ އިންތިހާބާ ގުޅިގެން ޝަކުވާތަކެއް ހުށަހަޅާފައި ވަނިކޮށެވެ.

މިއަދު އާންމުކުރި އިންތިހާބުގެ ދާއިމީ ނަތީޖާއާ އެޕާޓީން މިދިޔަ ހޯމަ ދުވަހު އިއުލާން ކުރި ވަގުތީ ނަތީޖާއަށް ބަދަލެއް އައިސްފައި ނުވެއެވެ.

ދާއިމީ ނަތީޖާ ދައްކާ ގޮތުން އެޕާޓީގެ ރައީސްކަމަށް ދެވަނަ ދައުރަކަށް ވާދަ ކުރެއްވި ހަމަ އެކަނި ކެންޑިޑޭޓް އަދި ކުރީގެ މުހައްމަދު ނަޝީދު އެ މަގާމަށް އައްޔަންކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ، 24،202 މެމްބަރުންނެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ، 421 އެވެ. ބާތިލު 479 ވޯޓު ހިމެނުނު އިރު، ޖުމްލަ ވޯޓުގެ އަދަދަކީ 25،102 އެވެ.

ނައިބު ރައީސްކަމުގެ މަގާމަށް ދެވަނަ ދައުރަކަށް ވާދަކުރެއްވި ރައީސް އޮފީހުގެ މިނިސްޓަރު، މުހައްމަދު ޝިފާޒު އެމަގާމު ދިފާއު ކުރެއްވީ، އަސްލަމް އާ ވާދަކޮށް، 2،975 ވޯޓުންނެވެ. ޝިފާޒްއަށް 13،815 ވޯޓު ލިބުނު އިރު، އަސްލަމަށް ލިބުނީ، 10،840 އެވެ.

އެމްޑީޕީ ލީޑާޝިޕް އިންތިހާބު ގަބޫލުނުކޮށް މިދިޔަ އާދިއްތަ ދުވަހު އަސްލަމް 11 ކަމެއް ބައްލަވައިދެއްވުމަށް އެޕާޓީގެ ސެކެޓްރީއަށް ހުށަހެޅުއްވިއެވެ. ނަމަވެސް އެ މައްސަލަތައް ބެލި ކަމެއް ނުބަލާކަމެއް ސާފެއް ނޫންނެވެ. އެކަމާ ގުޅޭގޮތުން އެމްޑީޕީގެ ރަސްމީ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

އެމްޑީޕީން މިދިޔަ ހޯމަ ދުވަހު ބުނެފައިވަނީ، ވަގުތީ ނަތީޖާ އިއުލާން ކުރީ، އަސްލަމްއަށް ސާފުކޮށްދޭން ޖެހޭ ކަންތަތައް ސާފުކޮށްދީފައި ކަމަށެވެ. އެކަމާ ގުޅޭގޮތުން އަސްލަމްގެ ބަހެއްވެސް ލިބޭގޮތް ނުވެފައެވެ.

https://sun.mv/127793

comment ކޮމެންޓް