އިސީން ޔާމީންގެ ޕީއެންއެފް ރަޖިސްޓްރީކޮށްދީފި

ޕީއެންއެފްގެ ރަޖިސްޓްރީ --

އިލެކްޝަންސް ކޮމިޝަން (އީސީ)އިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އުފައްދަވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) މިއަދު ރަޖިސްޓްރީކޮށްދީފިއެވެ.

ޕާޓީ އީސީގެ ދަފުތަރުގައި ރަޖިސްޓްރީކޮށްދިން ކަމުގެ ލިޔުން އެ ޕާޓީގައި އިސްކޮށް އުޅުއްވާ ކުރީގެ މިނިސްޓަރު މުޙައްމަދު މަލީހު ޖަމާލުވަނީ އާންމު ކުރައްވައިފައެވެ.

ޕީއެންސީ އުފައްދަން ޖަލްސާ ބޭއްވީ މި މަހުގެ 10ވަނަ ދުވަހެވެ.

އެ ރޭ ގިނަ ހަމަނުޖެހުންތަކަކަށްފަހު ޖަލްސާ ބޭއްވީ 420 މެމްބަރުންނާއެކު 329 މެމްބަރުންގެ ކޯރަމް ހަމަކޮށްގެންނެވެ.

އެ ޕާޓީގެ މުއައްސިސަކީ ރައީސް ޔާމީންގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީނެވެ. އެއާއެކު ޕާޓީގެ ވަގުތީ ރައީސް ކަމަށް ވެސް ޒޭން ވަނީ އެ ރޭ ހޮވައިފައެވެ.

މީގެ އިތުރުން އެ ރޭގެ ޖަލްސާގައި ޕާޓީގެ ވަގުތީ ސެނެޓެއް ވަނީ އުފައްދައިފައެވެ. އެ ސެނެޓުގައި ޔާމީން ހިމެނިވަޑައިގަންނަވާއިރު ޕާޓީގެ ދާއިމީ މަގާމުތަކުގެ މަސްއޫލިއްޔަތު ވަގުތީގޮތުން އެކި ބޭފުޅުންނާ ހަވާލު ވެސް ކޮށްފައިވެއެވެ.

ޕީޕީއެމް/ޕީއެންސީ ވެރިކަމަށް އައިތާ ހަފުތާއެއް ނުވަނީސް ޔާމީން ވަނީ އެ ކޯލިޝަންގެ ލީޑަރުކަމުން އިސްތިއުފާ ދެއްވައިފައެވެ. އެއަށްފަހު، އަމިއްލަފުޅު ޕާޓީއެއް އުފައްދަވަން ހުށަހެޅުއްވުމަށް އެ މަސައްކަތްކުރަން އީސީން ހުއްދަ ދިނީ މިދިޔަ ނޮވެމްބަރު މަހުގެ 29 ގައެވެ.

މިހާރު އާރަށު މައްސަލައިގެ ޖަލު ހުކުމުން ޔާމީން މިނިވަންވެވަޑައިގެންފައިވާއިރު، ދެން އެ މަނިކުފާނަށް ސިޔާސީ ކަންކަމުގައި އުޅުއްވުމަށް ހުރަހެއް ވެސް ނޯންނާނެއެވެ.

comment ކޮމެންޓް