އަމިއްލަ އެދުންތަކުގައި މެންބަރުންނަށް ގުޅުން ހުއްޓާލާ!

ރައްޔިތުންގެ މަޖިލިސް--- ސަން ފޮޓޯ/ މާޝާ ނައީމް

އާސަންދައާއި ވަޒީފާ ހަމަޖައްސައި ދިނުމާއި ބޭހަށް ދާން ޓިކެޓް ނަގައިދިނުމާއި ނުދެއްކި ހުރި ކަރަންޓް ބިލާއި ފެންބިލު ދައްކައިދިނުމުން ފެށިގެން ގޮސް އެތައް ކަމެކެވެ. މިއީ މިހާތަނަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ ދާއިރާއެއްގެ ރައްޔިތުންނަށް ކޮށްދޭ ކަންކަމެވެ. ދާއިރާގެ މެންބަރު ވެފައި އޮންނަނީ ގިނަ ބަޔަކު ސަލާންޖަހަންދާ މީހަކަށެވެ. މިއަދާ ހަމައަށް އެއީ ބޮޑު ހަގީގަތެކެވެ. އާ މަޖިލީހަށް މެންބަރުން އިންތިޚާބުކޮށްފައިވާއިރު މި ހަގީގަތާ މެދު ފުންކޮށް ވިސްނާލަން ޖެހެއެވެ.

ގިނަ ބަޔަކު އެއްބަސްވާ އެއް ކަމަކީ ރައްޔިތުންގެ މަޖިލީހަކީ އެންމެ ކޮރަޕްޓް އެއް މުއައްސަސާކަމެވެ. ކޮންމެ ދައުރެއްގައި ވެސް މަޖިލީހުގައި ތިބޭ ގިނަ މެންބަރުންތަކަކަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވެއެވެ. ކަޅު ފައިސާގެ އަޅުންނަށްވާކަމުގެ ތުހުމަތެވެ. މި ތުހުމަތުތައް ކުރެވޭއިރު މަޖިލީހުގެ މެންބަރުން އެ ހާލަތަށް ވެއްޓޭ ސަބަބުތަކުގެ ތެރެއިން އެއް ކަމަކީ ރައްޔިތުން ވެސް އެކަމަށް މަޖުބޫރުކުރުމެވެ. މެންބަރުންނަށް ކިތަންމެ ބޮޑު މުސާރައެއް ލިބުނު ނަމަވެސް ދާއިރާގެ ގިނަ ބަޔަކު އަމިއްލަ ކަންކަމުގައި ގޮސް ސަލާންޖެހުމުން، އެ ބޮޑު މުސާރައިން މާ ބޮޑު އެއްޗެއް ބާކީއެއް ނޯވެއެވެ. އެހެންވެ، އެ މެންބަރުން އިތުރަށް ފައިސާ ހޯދަން ކޮރަޕްޓްވާތަން ވެސް ފެނެއެވެ.

ރައްޔިތުން މިކަން ހުއްޓާ، ނޫނީ އިސްލާހުވާކަށް ނެތް

މިހާރު މަޖިލީހުގައި ތިއްބެވި ބައެއް މެންބަރުން ވިދާޅުވާގޮތުގައި މުސާރައާއި އިނާޔަތުގެ ގޮތުގައި މަޖިލީހުން ލިބޭ އާމްދަނީން ބޮޑު ބައެއް އެ މެންބަރުން ހޭދަކުރަން ޖެހެނީ ދާއިރާގެ ރައްޔިތުންނަށް އެކިއެކި އެހީވުމަށެވެ. ދިރިއުޅުމަށް އާމްދަނީއެއް ހޯދަން ޖެހެނީ އެހެން ގޮތްގޮތުންނެވެ. އެ ވިދާޅުވާ އެހެން ގޮތްގޮތުގެ ތެރޭގައި ސަރުކާރުގެ އެކި ޕްރޮޖެކްޓްތައް ހޯދުމާއި ނުފޫޒު ބޭނުންކޮށްގެން ކުރާ ކަންތައްތަކުން މާލީ މަންފާ ހޯދުން ހިމެނޭ ކަމަށް ތުހުމަތުކުރެވެއެވެ.

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

އާއްމުން މިގޮތަށް މެންބަރުން ބޭނުންކުރާނަމަ އެތައް މައްސަލަތަކެއް ނިޒާމަށް ކުރިމަތިވެއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހަކީ ކޮރަޕްޓް ތަނަކަށްވެ، އާންމުންގެ އިތުބާރު ގެއްލި، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން މަގާމުތައް އަމިއްލަ ފައިދާއަށް ބޭނުންކުރަން މަގުފަހިވެއެވެ. މަޖިލީހުގެ މެންބަރުން މެދުވެރިކޮށް ސިއްހީ ކަންކަމާއި އެހެން ކަންކަމުގައި ސަރުކާރުގެ ތެރެއިން އެހީތައް އެއް ބަޔަކު ހޯދާއިރު މިފަދަ ކަންކަމުގެ ސަބަބުން މެންބަރެއްގެ ނުވަތަ ނުފޫޒު ގަދަ މީހެއްގެ އެހީއާނުލައި އެ ހިދުމަތް ހޯދަން އުޅޭ އާއްމު ރައްޔިތުންނަށް ހިދުމަތް ލިބުމުގައި ހުރަސްތައް ވެސް ކުރިމަތިވެދާނެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ދިނީ އޭރު ވެރިކަން ކުރި ޕީޕީއެމަށެވެ. މިހާރު މި ހިނގާ މަޖިލީހުގެ މެޖޯރިޓީ ދިނީ އޭރު ވެރިކަމުގައި އޮތް އެމްޑީޕީއަށެވެ. އެއާއެކު ފެނިގެން ދިޔައީ ސަރުކާރަށް ނިސްބަތްވާ މެންބަރުން ހުރިހާ ކަމަކަށް ނުފޫޒު ފޯރުވިތަނެވެ. ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާތަކަކީ މެންބަރުން ރުހޭ މީހަކަށް އެކަނި ލިބޭ އެއްޗަކަށް ވެގެންދިޔައެވެ. ކިތަންމެ ގާބިލު މީހަކު ކުރިމަތިލި ނަމަވެސް މެންބަރެއްގެ ރުހުން ނެތް ނަމަ ގިނަ ފަހަރަށް ވަޒީފާއެއް ނުލިބެއެވެ. އަދި، ކިތަންމެ ނާގާބިލު މީހެއް ނަމަވެސް މެންބަރު ދޭން ހުރެއްޖެނަމަ ވަޒީފާ ލިބެއެވެ. މިއަދާ ހަމައަށް އަދިވެސް އޮތީ މި ހަގީގަތެވެ.

އަނެއްކާ ވެސް ރައްޔިތުން މި ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރަކަށް ދީފައެވެ. މި ފަހަރު އިންތިޚާބުވި މެންބަރުން ވެސް ކުރިން މި ބުނިގޮތަށް އަމަލު ކުރަން ވެއްޖެނަމަ ކަންކަން އިސްލާހެއް ނުވާނެއެވެ. ވާނީ އިތުރަށް ގޯހެވެ. އެހެންކަމުން އާ މަޖިލީހަށް ހޮވުނު މެންބަރުން މިކަމަށް ވިސްނަންޖެހެއެވެ.

މަޖިލިސް މެންބަރަކު މި ހޮވަނީ ވެލްފެއާ ހަމަޖައްސާކަށް ނޫން

ގިނަ ދިވެހީންނަށް ވިސްނިފައި އޮންނަނީ ރައްޔިތުންގެ މަޖިލީހަށް މެންބަރަކު ހޮވަނީ ރައްޔިތުންނަށް މާލީ ގޮތުން ދިމާވާ ދަތިތައް ހައްލުކުރަން ކަމަށެވެ. އެހެންވެ، ކިރިޔާ ވެސް ކަމެއް ދަތިވެއްޖެ ނަމަ ގުޅަނީ މެންބަރަށެވެ. މެންބަރު ފޯނު ނުނަގައިފިނަމަ ނުވަތަ އެހީއެއް ނުދީފި ނަމަ، އެ ގޯސްވީއެވެ. އެއީ، މެންބަރު ކޮށްދޭން މަޖުބޫރު ކަމެއް ނުކޮށްދިނީ ކަމަށް ގިނަ ރައްޔިތުންތަކެއް ދެކެއެވެ. ނަމަވެސް އަސްލު ކަން އޮތް ގޮތަކީ އެއީއެއް ނޫނެވެ.

ރައްޔިތުން މަޖިލިސް ކުރާ ގޭ ކައިރިން ފުލުހުންތަކެއް ހިނގާފައިދަނީ -- ސަން ފޮޓޯ

ގާނޫނުއަސާސީގައި މެންބަރުން މަސައްކަތުގައި ރިޢާޔަތްކުރާންވީ ކަންކަން ބަޔާންކޮށް، ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަމަލުކުރާންވާނީ، ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެން ކަމަށެވެ. އަދި، އެއްވެސް މެންބަރަކު އެ މީހެއްގެ ނުވަތަ އެ މީހަކާ ޚާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަގާމުގެ ބޭނުންކޮށްގެން ނުވާނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވެއެވެ. އަދި، އެ މެންބަރުން، އެ މެންބަރަކު އިންތިޚާބުވީ ދާއިރާތައް ތަމުސީލުކުރުމުގައި، މުޅި ގައުމާއި ހުރިހާ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ރިއާޔަތްކުރާންވާނެ ކަމަށް ވެސް ގާނޫނުއަސީސީގައި ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބު ކުރަނީ އެ އެއްޗެއްގެ މައްޗަށް މުޅި ގައުމު އަމަލުކުރަން ޖެހޭ ގާނޫނުތައް ހެދުމަށެވެ. ސަރުކާރު ޖަވާބު ދާރީ ކުރުވުމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ދައުރަކީ ގާނޫނުތައް ހެދުމާއި ފާސްކުރުމާއި އިސްލާހުކުރުމާއި ސަރުކާރު ޖަވާބުދާރީކުރުވަން ކުރަންޖެހޭ ކަންކަން ކުރުމެވެ. އަދި، ސަރުކާރުން ހުށަހަޅާ ބަޖެޓަށް ބަހުސްކޮށް، އިސްލާހު ހުށަހަޅައި، ފާސް ކުރުންފަދަ މަސައްކަތްތައް ކުރުމެވެ. އެއްވެސް ގޮތަކަށް ދާއިރާގެ ވަކިވަކި ފަރުދުންގެ އަމިއްލަ ކަންކަން ކޮށްދޭކަށް ނޫނެވެ. އެއީ މެންބަރުން ކުރަން ޖެހޭ ކަމެއް ނޫނެވެ.

މަޖިލީހުގެ މެންބަރުންނަށް އެ މީހުންގެ ދާއިރާތައް ތަރައްގީކޮށް ރަނގަޅުކުރުމަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއުތައް އަވަސްކުރަން މަސައްކަތް ކުރެވިދާނެއެވެ. އަދި، ދާއިރާގެ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހައި ނިޒާމުގެ ތެރެއިން ކަންކަން ހައްލުކޮށް ދިނުމަށް މަސައްކަތް ކުރެވިދާނެއެވެ. ހަމައެހެންމެ، ކޮންމެ އަހަރަކަށް ކަނޑައަޅާ ދައުލަތުގެ ބަޖެޓަށް އިސްލާހުތައް ގެނެސް، ގައުމަށާއި ދާއިރާއަށް ފައިދާވާގޮތަށް މަސައްކަތްތައް ބައްޓަންކުރެވޭނެއެވެ.

އެއްވެސް ގޮތަކަށް މެންބަރުގެ ޒިންމާއަކީ ރައްޔިތުންގެ ބޭސް ސިޓީއާއި ގޭގެ ބިލްތައް ދައްކައިދިނުމެއް ނޫނެވެ. އެ ގާނޫނު ހަދާ މެންބަރުންނެވެ. އެހެންކަމުން، ރައްޔިތުން މި ހަގީގަތް ގަބޫލުކުރަން ޖެހެއެވެ. ނޫނީ ތިޔަ ބާރުއެޅެނީ، މި އިންތިޚާބުވި މަޖިލީސް ވެސް ކޮރަޕްޓްވާށެވެ. އާ މެންބަރުން ހަމަ މަގުގައި ބޭތިއްބުމަށް ރައްޔިތުން ވެސް މި ހަގީގަތް ގަބޫލުކުރަން ޖެހެއެވެ.

comment ކޮމެންޓް