ސަރުކާރުގެ ސްޕީޑު ލަސް، ފަރުވާކުޑަކަމާއި އަޅައިނުލުންވެސް އުޅޭ: ނަޝީދު

އެމްޑީޕީގެ ކައުންސިލަރުންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު --- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުގެ ތެރޭގައި "ލެގް"ވުމެއް ނުވަތަ ލަސްކަމެއް އުޅޭކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނު މަޖިލީހުގައި ތަމްސީލު ކުރައްވާ މައްޗަންގޮޅި މެދު ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ އަހްމަދިއްޔާ ސްކޫލުގައި އޮތް ބައްދަލުވުމުގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޕީޑާ އެއްވަރަށް ސަރުކާރުގެ ސްޕީޑު ހިނގައިގަންނަން ކިހާ ދުވަހެއް ނަގާނެތޯ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، ސަރުކާރުގައި ލަސްކަމެއް އުޅޭކަން ހީފުޅުކުރެވޭ ކަމަށެވެ.

ސަރުކާރުން ބައެއް ކަންކަމުގައި ފަރުވާ ކުޑަވުމާއި، އަޅައިނުލުން ވެސް އެބަހުރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެއްތަނުން އަނެއް ތަނަށް ސިޓީ ފޮނުވުމުގައި ދިމާވާ ލަސްވުމާއި ފަރުވާކުޑަކަމުން ދިމާވާ ލަސްވުމާއި ކަންކަމާ އަޅާނުލެވޭތީއާ ކަންކަން ނުބަލަހައްޓާތީއާ މިހެން ގޮސް މި ހުރިހާ ކަމެއް އެބަހުރި،" ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް ކޮންމެ ސަރުކާރަކަށްވެސް ބާރު ސްޕީޑުގައި ކަންކަން ކުރަން ވަގުތުކޮޅެއް ނަގާނެކަން ނަޝީދު ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ސަރުކާރުގެ ސްޕީޑު ހަލުވި ވެގެންދާނެކަމަށް ގަބޫލުކުރައްވާ ކަމަށާއި، ސަރުކާރުގެ ޕްލޭންތައް ވެސް ވަރުގަދަވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މަޖިލީހުގެ ރައީސް އިތުރަށް ވިދާޅުވީ މަޖިލީހުގެ ސްޕީޑާ އެއްވަރަށް ސަރުކާރުގެ މަސައްކަތް ކުރިއަށް ގެންދެވޭނީ، ހުރިހާ ވުޒާރާތަކެއް އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ.

ނަމަވެސް މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ރައީސް ނަޝީދު ވިދާޅުވަމުން ގެންދެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަޝްރޫއުތައް ހިންގުމުގައި ވަރަށް ބޮޑަށް ލަސްވެފައިވާ ކަމަށް ބުނެ ދައްކާ ވާހަކައަކީ "ބުހުތާނު ދޮގެއް" ކަމަށެވެ.

އެމްޑީޕީގެ ޒުވާނުންގެ ކޮންގްރެސް ފެށުމުގެ ހަފްލާގައި އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރައީސް ސޯލިހުގެ ސަރުކާރު ލަސްވެ، އެއް ކަމެއްވެސް ނުވާ ކަމަށް ބުނެ އެ ދޮގު ތަކުރާރުކުރަނީ، އެއީ ތެދެއްކަން ރައްޔިތުންނަށް ވިސްނައި ދިނުމުގެ ބޭނުމުގައި ކަމަށެވެ.

އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ސަރުކާރުގައިވެސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައިވެސް ބަޖެޓުކުރާ ޕީއެސްއައިޕީ ނޫނީ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުން އެ އަހަރަކު ފެށޭނީ 70 ޕަސެންޓަށް ވުރެ ދަށް އަދަދެއްގެ މަސައްކަތްތައް ކަމަށެވެ.

"ރައީސް ސޯލިހުގެ ސަރުކާރުން ކުރާ [ތަރައްގީގެ] ކަންކަން ލަސްކަމަށް ބުނެ އެބަ ވާހަކަދައްކާ. އެއީ ދޮގެއް! އެއީ ކަނޑައެޅިގެން ދޮގެއް. އެއީ ތަކުރާރު ކޮށް ކޮށް ކޮށް އެއީ ތެދަކަށް ހަދަން އުޅޭ ދޮގެއް. ވިސްނަވާތީ އެ ދޮގުގެ ތެރެއަށް ތިބޭފުޅުން ނުވަންނަވާތީ. އެ ދޮގު ތަކުރާރު ނުކުރައްވާތި. އަދި މީހަކު ކަމެއް ނުވެގެން ލަސްވެގެނެއް އުޅޭކަށް ނުވޭ،" ނަޝީދު އޭރު ވިދާޅުވިއެވެ.

ރޭގެ ބައްދަލުވުމުގައި ނަޝީދު ވަނީ މަޖިލީހުގެ ފުރަތަމަ ދައުރުގައި، އެމަނިކުފާނުގެ ދާއިރާގެ ރައްޔިތުން ބޭނުންވާ މިންވަރަށް މަސައްކަތްތައް ކުރެވިފައި ނުވާކަން ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އަދި ކުރިއަށް އޮތް ތަނުގައި ރައްޔިތުންގެ އުންމީދުތަކާ އެއްގޮތަށް މަސައްކަތްކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

comment ކޮމެންޓް