ލަންކާގެ މެޓްރޯޕޮލީޓަން ކޮލެޖުގައި ދިވެހި ދަރިވަރުންނަށް ހެޔޮއަގުގައި ކިޔެވޭނެގޮތް ހަދައިފި

ސްރީ ލަންކާގައި ހުންނަ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރާއި ލަންކާގެ މެޓްރޯޕޮލީޓަން ކޮލެޖާ ދެމެދު އެމްއޯޔޫގައި ސޮއިކުރުމަށް މިއަދު ހަވީރު އެމްއީސީސީގައި ބޭއްވި ރަސްމިއްޔާތުގެ ތެރޭން -- ސަން ފޮޓޯ: އެމްއީސީސީ

ސްރީ ލަންކާގެ މެޓްރޯޕޮލީޓަން ކޮލެޖްގައި މަތީ ތައުލީމު ހާސިލްކުރާން ބޭނުންވާ ދިވެހި ދަރިވަރުންނަށް، ހެޔޮ އަގެއްގައި ކޯސްތައް ފުރިހަމަކުރެވޭނޭ މަގު، ލަންކާގައި ހުންނަ ދިވެހި އެމްބަސީން ފަހިކޮށްދީފިއެވެ.

ލަންކާގައި ހުންނަ، މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު (އެމްއީސީސީ)އާއި ލަންކާގެ މެޓްރޯޕޮލީޓަން ކޮލެޖާ ދެމެދު މިއަދު ސޮއިކުރެވުނު، މެމޯރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމްއޯޔޫ)ގެ ދަށުން، އެމްއީސީސީ މެދުވެރިކޮށް މެޓްރޯޕޮލީޓަން ކޮލެޖްގެ ކޯސްތަކުގައި ބައިވެރިވާ ދިވެހި ދަރިވަރުންގެ ކޯސް ފީގެ 50 އިންސައްތަ ކުޑަކޮށްދޭނެއެވެ.

ސްރީ ލަންކާގައި ހުންނަ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރާއި ލަންކާގެ މެޓްރޯޕޮލީޓަން ކޮލެޖާ ދެމެދު އެމްއޯޔޫގައި ސޮއިކުރުމަށް މިއަދު ހަވީރު އެމްއީސީސީގައި ބޭއްވި ރަސްމިއްޔާތުގެ ތެރޭން -- ސަން ފޮޓޯ: އެމްއީސީސީ

އެމްއޯޔޫގައި ސޮއިކުރުން އޮތީ، އެކަމަށް ޚާއްސަކޮށްގެން އެމްއީސީސީގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެގައެވެ. އެ އެއްބަސްވުމުގައި އެމްއީސީސީގެ ފަރާތުން ސޮއިކުރެއްވީ، ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޙުސައިން ޝަރީފް (މުންދު)އެވެ. އަދި މެޓްރޯޕޮލީޓަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެ ކޮލެޖްގެ ޗެއާމަން ޑރ. ސިރާޖް މީރަސާހިބްއެވެ.

މެޓްރޯޕޮލީޓަން ކޮލެޖުން ހިންގާ ކޯސްތަކުގެ ތެރޭގައި އެމްބީއޭ ފެންވަރުގެ ކޯސްތަކާއި، ހަޔަރ ނޭޝަނަލް ޑިޕްލޮމާ އަދި ޑިޕްލޮމާ ފެންވަރުގެ ގިނަ ދާއިރާތަކުގެ ކޯސްތައް ހިމެނެއެވެ.

އެމްއީސީސީއަކީ، ސްރީ ލަންކާގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް އިސްލާމް، ދިވެހި އަދި ގުރުއާން ކިޔަވައިދިނުމަށް ޚާއްސަކޮށްގެން ދިވެހި ސަރުކާރުގެ ފަރާތުން ގާއިމުކޮށްފައިވާ ސެންޓަރެކެވެ. އެ ސެންޓަރުގައި ނާސަރީން ފެށިގެން ގްރޭޑް 10 އަކާ ހަމައަށް ކިޔަވައިދެމުން ދާއިރު، މިހާރު އެތަނުން ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންގެ އަދަދު 600އަށް އަރައެވެ.

comment ކޮމެންޓް