ނޭވާލާން އުނދަގޫވެގެން، ލަންކާގެ ސްކޫލެއްގެ 36 ދަރިވަރަކު ހޮސްޕިޓަލަށް

ލަންކާގެ ސްކޫލެއް: ނޭވާލާން އުނދަގޫވެގެން، ލަންކާގެ ސްކޫލެއްގެ 36 ދަރިވަރަކު ހޮސްޕިޓަލަށް ގެންގޮސްފައިވޭ -- ފޮޓޯ/ ޑެއިލީ މިރާ

ސްރީލަންކާގެ މަސްކެލިޔާގައި ހުންނަ ސެއިންޓް ޖޯސެފްސް ނޭޝަނަލް ކޮލެޖްގެ 36 ދަރިވަރަކަށް ނޭވާލާން އުނދަގޫވެގެން މަސްކެލިޔާ ޑިވިޝަނަލް ހޮސްޕިޓަލުގައި މިއަދު އެނދުމަތިކޮށްފިއެވެ.

ޑެއިލީ މިރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ދަރިވަރުންނަށް ސިއްހީ މައްސަލަތައް ކުރިމަތިވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ކްލާސްތަކުގައި ކިޔަވަން ތިއްބައެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 8:45 ގެ ފަހުން، އެ ސްކޫލުގެ ޕްރައިމަރީ ބައިގައި ކިޔަވާ 96 ދަރިވަރަކު ހެނދުނުގެ ނާސްތާ ނެގިތާ ކުޑައިރުކޮޅެއްގެ ތެރޭގައެވެ. ނާސްތާއަށް ފަހު ކްލާސްރޫމްތަކުގައި ތިއްބައި އޭގެ ތެރެއިން 36 ދަރިވަރަކަށް ނޭވާލުމަށް އުނދަގޫތަކެއް ކުރިމަތިވި ކަމަށާއި، އެ ކުދިންނަށް ފަރުވާ ދިނުމަށް ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށް އެ ނޫހުން ބުނެފައިވެއެވެ.

މަސްކެލިޔާ ޑިވިޝަނަލް ހޮސްޕިޓަލުގެ މަސްދަރުތަކާ ހަވާލާދީ ޑެއިލީ މިރާއިން ބުނި ގޮތުގައި، ފަރުވާ ދިނުމަށް ފަހު އޭގެ ތެރެއިން 30 ދަރިވަރަކު މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ. ނަމަވެސް، ބާކީ ފަސް ދަރިވަރަކަށް އަދިވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް އެ ހޮސްޕިޓަލުގެ މަސްދަރުތަކުން ބުންޏެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އަވަށްޓެރި ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހީން ތައުލީމަށާއި ބޭސްފަރުވާއަށް ގޮސް ދިރިއުޅޭ ގައުމެކެވެ.

comment ކޮމެންޓް