އަށް މަސް ފަހުން ސާފް ޗެމްޕިއަންޝިޕުގެ އިތުރު މުބާރާތެއް އޮންނާނެ ކަމަށާއި އެ މުބާރާތް ހޯސްޓު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސްރީ ލަންކާ ފުޓުބޯޅަ އިދާރާގެ ރައީސް، އަދި ސައުތު އޭޝިއަން ފުޓުބޯޅަ ފެޑަރޭޝަން (ސާފް)ގެ ނައިބު ރައީސް ޖަސްވާރު ޢުމަރު ވިދާޅުވެއްޖެއެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕުގައި ސްރީ ލަންކާއިން ނެރުނު ދަށް ނަތީޖާތަކާއެކު، އެ ގައުމު މުބާރާތުން ކެޓުމާއެކު ލަންކާގެ ސަޕޯޓަރުންގެ ކިބައިން މާފަށް އެދި، ޖަސްވާރު ނެރުނު ބަޔާނުގައި ބުނެފައިވަނީ އަންނަ އަހަރު ސާފު ޗެމްޕިއަންޝިޕް މުބާރާތް ސްރީ ލަންކާގައި ހޯސްޓުކުރުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.
އެ މުބާރާތް ލަންކާގައި ބޭއްވިއްޖެނަމަ ވެގެންދާނީ ލަންކާ ޓީމަށް އަމިއްލަ ގައުމުގައި ކާމިޔާބު ހޯދަން ލިބޭނެ ބޮޑު ފުރުސަތަކަށްކަން ޖަސްވާރުގެ ބަޔާނުގައި ފާހަގަކުރައްވާފައި ވެއެވެ.
ޖަސްވާރުގެ ބަޔާނުގައި ވަނީ، މުބާރާތާ ލަންކާއިން ކުރިމަތިލާފައި ވަނީ އެ ގައުމުގެ ފުޓުބޯޅައަށް ދިމާވި އެންމެ ދަތި އެއް ހާލަތުގެ ތެރެއިން ކަމަށެވެ. އަދި ފެށުނީންސުރެ ވެސް ކުޅުންތެރިންގެ ކޮންފިޑެންސް އިތުރުކުރުމާއެކު، ވަރުގަދަ ޓީމެއް އެކުލަވާލައި، ފަޚުރުވެރިކަމާއެކު ޤައުމު ތަމްސީލުކުރާނެ ޓީމެއް ނެރެން ބުރަ މަސައްކަތްތަކެއް ކޮށްފައި ވާނެ ކަމަށެވެ.
ސްރީ ލަންކާގައި ސާފް ޗެމްޕިއަންޝިޕުގެ މުބާރާތެއް ފުރަތަމަ ފަހަރަށް ބާއްވާފައިވަނީ 1995 އަހަރުއެވެ. އެފަހަރު ލަންކާއިން ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައެވެ. އޭގެ ފަހުން 2008 ވަނަ އަހަރު ރާއްޖެއާއެކު ވެސް ލަންކާއިން ވަނީ ސާފް ހޯސްޓުކޮށްފައެވެ.
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ލަންކާއިން ނުކުތީ މުބާރާތް ކާމިޔާބުކުރުމުގެ އަޒުމާއެކުގައި ނަމަވެސް ފުރަތަމަ މެޗުގައި ބޫޓާން އަތުން 2-2 ގެ ނަތީޖާއަކުން އެއްވަރުވެ، ދެވަނަ މެޗުގައި މުބާރާތް ބާއްވާ ގައުމު ބަންގްލަދޭޝް އަތުން 0-4 ގެ ނަތީޖާއަކުން ބަލިވެ ލަންކާ އަށް މުބާރާތް ވަނީ ނިމިފައެވެ.