މުދައްރިސުންގެ ދުވަސް: އުނގަންނައިދިނުމުގެ މިނިވަންކަމާއި ޓީޗަރުން ބާރުވެރިކުރުވުން

މިއަދަކީ ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކުރާ މުދައްރިސުންގެ ދުވަހެވެ. ހަރުދަނާ މުޖުތަަމައެއް ބިނާ ކުރުމަށްޓަކައި އެންމެ މުހިއްމު އެއް ކަމަކީ، އެއްވެސް ތަފާތު ކުރުމަކާ ނުލައި އެންމެންނަށް ތައުލީމާއި ތަރުބިއްޔަތު ފޯރުކޮށްދިނުމެވެ. މިދެންނެވި މަސައްކަތުގައި އެންމެ އިސް ދައުރެއް އަދާ ކުރާ ބަޔަކީ މުދައްރިސުންކަމާ މެދު ޝައްކެއްވެސް ނެތެވެ. އެގޮތުން މިއަދަކީ ދުނިޔޭގެ ޓީޗަރުންގެ އަގު ވަޒަންކޮށް އެމަސައްކަތުގައި ދިމާވާ ދަތިތަކަށް އަލި އަޅުވާލުމުގެ ގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަ ކުރާ ދުވަހެވެ.

މިއަހަރުގެ ޓީޗަރުންގެ ދުވަހަށް ޔުނެސްކޯއިން ކަނޑައަޅާފައިވާ ޝިއާރު ބިނާކޮށްފައި ވަނީ، އުނގަންނައި ދިނުމުގެ މިނިވަންކަމަށާއި ޓީޗަރުން ބާރުވެރި ކުރުވުމަށެވެ. އެގޮތުން ޓީޗަރުން ބާރުވެރިކުރުމަށްޓަކައި، ޔުނެސްކޯއިން ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ޓީޗަރުން ތަމްރީނު ކުރުމާއި، މަސައްކަތާ އެކަށީގެންވާ ވަރުގެ މުސާރައެއް ދިނުމާއި، ވަޒީފާގައި ކުރިއެރުމަށް ފުރުސަތު ދިނުން ހިމެނެ އެވެ.

އަދި ގައުމީ މަންހަޖު އެކުލަވާލުމުގައި ޓީޗަރުންގެ ހިޔާލު ދިނުމުގެ މިނިވަންކަން އޮތުމާއި، އުނގަންނައިދިނުމަށް އެންމެ ރަނގަޅު ގޮތްތައް ހިޔާރު ކުރުމުގެ ފުރިހަމަ މިނިވަންކަން ކޮންމެ ޓީޗަރަކަށް އޮތުން މުހިއްމު ކަމަށް ޔުނެސްކޯގެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން، އދ.ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގައިވާ ގޮތަށް ކުދިބޮޑު އެންމެންނަށް ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ހުރިހާ ގައުމެއްގެ ސަރުކާރުންނާއި އެގައުމުތަކުގެ އެޑިއުކޭޝަން ސެކްޓަރުން ބާރުވެރި، މިނިވަން މުވައްޒަފުން އިތުރު ކުރުމަށް އެދިފައިވެ އެވެ.

ހުރިހާ ޓީޗަރުންނަށްވެސް މަސައްކަތް ކުރާނެ ރަނގަޅު މާހައުލެއް ގާއިމުކޮށް، މަސައްކަތާ އެކަށީގެންވާ ވަރުގެ މުސާރައެއް ދިނުމަށާއި، ތައުލީމީ ހުރިހާ މަރުހަލާއެއްގައިވެސް އުނގައިދިނުމުގެ މިނިވަންކަން ދިފާއު ކުރުމަށާއި އެކަމަށް އޮތް ހުރަސްތައް ނައްތާލުމަށް ޔުނެސްކޯއިން ގޮވާލާފައިވެ އެވެ.

comment ކޮމެންޓް