ސެޓްފިކެޓަށް ބަލާއިރު ހަމަހަމަވި ނަމަވެސް, ނަރުހުންގެ މުސާރައާއި ޓީޗަރުންގެ މުސާރައިގެ ތަފާތު މާ ބޮޑު ކަމަށް ބުނާ ބަހުސް އަނެއްކާ ވެސް ފަށާފައިވާއިރު, މުސާރައިގެ އޮނިގަނޑު ހަދާއިރު, މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ)ގެ ބަހެއް ހޯދުން މުހިންމު ކަމަށް އެ އޮތީރިޓީން މިއަދު ބުނެފިއެވެ.
ވަރަށް ބުރަ މަސައްކަތްތަކެއް ނަމަވެސް, ކުޑަ މުސާރައެއްގައި ކުރިން މަސައްކަތް ކުރަން ޖެހުމުން, ޓީޗަރުންނާއި ނަރުހުންގެ ދާއިރާ ދޫކޮށް ދިވެހީން ދިއުން އޭރު އޮތީ ވަރަށް އިތުރުވެފައެވެ. ޚާއްސަކޮށް ޓީޗިންގެ ދާއިރާއާ ގުޅޭނެ ދިވެހިން ލިބޭ މިންވަރު އޮތީ ވަރަށް މަދުވެފައެވެ.

ޓީޗަރުންތަކެއް: މިދިޔަ އަހަރު ރާއްޖޭގައި 2،000އަށް ވުރެ ގިނަ ބިދޭސީ ޓީޗަރުން ކިޔަވައިދިން --- ފޮޓޯ/ ޕީއެސްއެމް
އެ މައްސަލަ ހައްލު ކުރުމަށް ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި, ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ނަރުހުންނާއި ޓީޗަރުންގެ މުސާރައަށް ވަރަށް ބޮޑު ކުރިއެރުންތަކެއް ގެންނަވައިފައެވެ. ނަމަވެސް މި ކުރިއެރުންތައް ގެނައިއިރު ވެސް ޓީޗަރުންނާއި ނަރުހުން, ސެޓްފިކެޓްގެ ގޮތުން އެއް ލެވެލެއް ނަމަވެސް މުސާރައިގެ ތަފާތު މާ ބޮޑު ކަމުގެ ޝަކުވާ އޭރު ވެސް ފެންމަތިވިއެވެ.
މި ފަހުން ސަރުކާރުގެ ގިނަ މުވައްޒަފުންތަކެއްގެ މުސާރަ ބޮޑު ކޮށްފައިވާއިރު ސޯޝަލް މީޑިއާގައި އަނެއްކާ ވެސް މި ބަހުސް މި ވަނީ ބޮޑުވެފައެވެ.
އެ ކަންބޮޑުވުން ފާޅުކުރާ މީހުން ބުނަމުން އަންނަނީ, ޑިޕްލޮމާ ނަރުހެއް ގެއަށް ގެންދަން ލިބޭ މުސާރައަކީ 20،927.80 ރުފިޔާ ކަމަށްވާއިރު, ޑިޕްލޮމާ މުދައްރިސެއްގެ މުސާރައަކީ 14،474.40 ރުފިޔާ ކަމަށެވެ.
އެހެންކަމުން, އެއް ލެވެލްއެއްގައި ތިބި ނަމަވެސް، މި ދެ ދާއިރާގެ ފަންނީ މުވައްޒަފުންގެ އަސާސީ މުސާރަ އާއި ވަޒީފާގެ އެލަވަންސް ވަރަށް ބޮޑަށް ތަފާތުކަން ބައެއް ޓީޗަރުން ގެންދަނީ ފާހަގަ ކުރަމުންނެވެ. ހަމައެހެންމެ، އެޓެންޑެންސް އެލަވަންސްގެ ގޮތުގައި ދެވޭ އަދަދުތަކުގައިވެސް އެއް ލެވެލްގައި ތިބި މީހުންގެ ބޮޑެތި ފަރަގުތަކެއް ހުރިކަން ފާހަގަ ކުރެއެވެ.
މި ކަންބޮޑުވުންތަކާ ގުޅިގެން, ތައުލީމީ ދާއިރާގެ ފެންވަރު ކަށަވަރު ކުރާ, އެމްކިއުއޭގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު ވިދާޅުވީ މި މައްސަލައިގައި ފާހަގަ ކުރެވޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ނަރުހަކަށް ޑިޕްލޮމާގެ ސަނަދެއް ލިބެނީ، އެމްއެންކިޔުއެފްގެ މިންގަނޑާ ޚިލާފަށް، އެއް އަހަރު ކިޔަވައި 120 ކްރެޑިޓްސް ހޯދުމުގެ އިތުރުން ތިން އަހަރު ކިޔަވައި 360 ކްރެޑިޓްސްއާއެކުކަން އޭނާ ފާހަގަކުރެއްވިއެވެ.
އެއީ އެމްއެންކިޔުއެފް ލެވަލް ހަތެއްގެ ބެޗްލާސް ފެންވަރުގެ ކިޔެވުމެއް ކަމަށް ފިޒާނާ ވިދާޅުވިއެވެ. އެހެންކަމުން އެ ނަރުހުންގެ ލެވަލް ހަގީގަތުގައި ވާން ޖެހޭނީ ޑިގްރީ ލެވަލްއަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"ނަރުހުންގެ މުސާރަ ވެސް ބޮޑު ވާން ޖެހޭނެ. ނަރުސްކަން ކިޔަވާފައި ވަޒީފާ ދޫކޮށް ދާ މިންގަނޑު އިތުރުވާ ސަބަބަކީ މިއީ. ނާސިން ކައުންސިލްއިން އެމްއެންކިޔުއެފްގެ މިންގަނޑަކަށް ނޫން ސަނަދުތައް މިން ކޮށްފަ ހުރީ. މިކަން ބަދަލުވާން ޖެހޭ," ފިޒާނާ ވިދާޅުވިއެވެ.
"ގޮތް ދޫކުރަން އެބަޖެހޭ ދާއިރާގެ ކުރިމަގު, ވަޒީފާގައި މީހުން ހަރު ލެއްވުމަށްޓަކައި."

ކޮލިފިކޭޝަންސް އޮތޯރިޓީގެ ސީއީއޯ މަރްޔަމް ފިޒާނާ ރަޝީދު: ލަންކާގައި ގަވާއިދާ ޚިލާފު ކޯސްތަކެއް ހިންގާތީ ސަމާލުވާން ވަނީ އެދިފައި -- ފޮޓޯ/ އެމްކިއުއޭ
ޓީޗަރުންގެ ކަންތަކުގައި ފިޒާނާ ވިދާޅުވީ، ނަރުހުންނާ ޚިލާފަށް ޓީޗަރުންގެ ޑިޕްލޮމާއަކީ ލެވެލް ފަހެއްގެ އެއް އަހަރުގެ ކިޔެވުމާއެކު 120 ކްރެޑިޓްސްއާއެކު ހާސިލް ކުރެވޭ އެއްޗެއް ކަމަށެވެ. ނަމަވެސް އެ ޓީޗަރުންނަށް ދޭ މުސާރަ ކުޑަ ކަމަށް ފިޒާނާ ވިދާޅުވިއެވެ. ސަބަބެއް ކަމަށް އޭނާ ފާހަގަ ކުރެއްވީ, ވަޒީފާގައި ހޭދަ ކުރަން ޖެހޭ ވަގުތާއި ފޮތް މާކް ކުރުންފަދަ ކަންކަމުގައި އުޅެން ޖެހޭ ޖެހުމެވެ.
މި ކަންކަން ފާހަގަ ކުރެއްވުމަށް ފަހު, ފިޒާނާ ވިދާޅުވީ މުސާރައިގެ އޮނިގަނޑު ހަދާއިރު އެމްކިޔުއޭގެ ބަހެއް ހޯދަން ޖެހޭ ކަމަށެވެ.
"އެމްކިޔުއޭއަކީ ސަނަދުތައް ރެކޮގްނައިޒްކޮށް ކޯސްތަކަށް އެކްރެޑިޓޭޝަން ދޭ ތަނަށް ވުމާއެކު އެމްކިޔުއޭގެ ބަހެއް ހޯދުމަކީ މުހިންމު ކަމެއް ކަމުގައި ދެކެން," ފިޒާނާ ވިދާޅުވިއެވެ.
މުސާރައިގެ އޮނިގަނޑަށް ބަދަލު ގެންނަ ކޮންމެ ފަހަރަކު މިފަދަ ޝަކުވާތައް ގިނަވެއެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒު މި ފަހުން މުސާރަތައް ބޮޑު ކުރެއްވިއިރު ޝަރުއީ ދާއިރާގެ މުވައްޒަފުންނާއި ގާނޫނީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ނާންނަ ކަމަށް ބުނެ އަދިވެސް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.