އެތައް ދަލެއް އޮހޮރުވައިގެން، އޭނާ ކިޔަވައި ނިމިއްޖެއެވެ. އުފަން ރަށަށް ބަދަލުވީ، ވަޒީފާއެއް ލިބޭނެ ކަމުގެ ފޮނި އުއްމީދުގައެވެ. އެކަމަކު، އެ އުއްމީދުގައި ކުލައެއް ނުޖެހުނެވެ.
މި ކިޔައިދިން ހިސާބުން ގިނަ މީހުން ވަނީ މާޔޫސެވެ. ދުށް ހުވަފެން ހަދަނީ ބިލާހަކަށެވެ. ޚާއްސަކޮށް، ޒުވާނުންނެވެ. ވަޒީފާއެއް ނެތިއްޖެނަމަ، ގިނަ ފަހަރަށް މަގުމައްޗަށް ގިނަވަނީއެވެ. ނުވަތަ އެއްވެސް ހަރުދަނާ ކަމެއް ނެތި، އުޅެނީއެވެ.
މިއާ ޚިލާފަށް އޭނާ މާޔޫސެއް ނުވިއެވެ. އަމިއްލަ މަސައްކަތެއް ފަށައިގަތެވެ. އެ ކަމުގައި އުޅެނިކޮށް، ކިޔެވި ދާއިރާއިން ވެސް ވަޒީފާ ލިބުނެވެ. މިހާރު އެ ދެ ކަންތައް ކޮށްގެން އޭނާ އާމްދަނީ ހޯދަނީ އުފަލާ އެކީގައެވެ.
މިއީ، ތ. ހިރިލަންދުއަށް އުފަން 25 އަހަރުގެ ޢަލީ ޢާރިފުގެ މަސައްކަތު ހަޔާތުގެ ފެށުމެވެ.
ކިޔަވައިގެން ވަޒީފާއެއް ނުލިބުނު، ފެށީ މަސް ހިއްކަން
މާލޭން ޓީޗިން ކޯސް ހަދައިގެން އޭނާ ރަށަށް ދިޔައީ ވަޒީފާއެއް ލިބޭނެ ކަމަށެވެ. އެކަމަކު، އެ ކަން ކާމިޔާބެއް ނުވިއެވެ. އެ ހިސާބުން ވެސް އަލީ ހުއްޓައެއް ނުލިއެވެ.
ދޮންބައްޕަގެ ބިމެއް ހުހަށް އޮންނާތީ، އެ ތަނުގައި އަމިއްލަ މަސައްކަތެއް ފަށަން ދައްތައަކު ޚިޔާލެއް ދިނެވެ. އެ ކަމަށް ތާއިދުކޮށް، ދައްތައާއި ދެ މީހުން އެ ބިމުގައި މަސް ކައްކައި، ހިއްކަން ފެށިއެވެ. އެ ވަރަކުން ފުއްދައި ނުލާ، ރިހާކުރު ކައްކައި، ވަޅޯ މަސް ވެސް ވެކިއުމް ކުރަން ފަށައިފިއެވެ. މި ކަމަށް އޭނާއަށް އިންވެސްޓުކޮށްދިނީ، ބައްޕައެވެ.

އަލީގެ މަސް ކަނޑާ ސައިޓުގައި ހުރެ އެސްއެސްޓީވީއަށް އިންޓަވިއުދެނީ ----
އޭރު އެ ކަންކަން ކުރީ އަމިއްލައަށެވެ. މަޑުމަޑުން، މަސައްކަތުގެ ކެޕޭސިޓީ ބޮޑުކޮށް، ބިދޭސީން ގެނައެވެ.
އޭރު ވެސް ކުދިންނަށް ކިޔަވައިދިނުމަކީ، އޭނާގެ އުއްމީދެކެވެ. އެ އުއްމީދުގައި ތ. ވަންދޫ ސުކޫލުގެ ވަޒީފާއަށް ކުރިމަތިލިއެވެ. ނަސީބު ރަނގަޅު ކަމުން އަލީއަށް އެ ވަަޒީފާ ކާމިޔާބު ވެސް ވިއެވެ.
އެ ވަޒީފާ ލިބުމުން ވެސް މަސް ކެއްކުން ހުއްޓާކަށް އޭނާ ބޭނުމެއް ނުވިއެވެ. ބުރަ މަސައްކަތުން އާމްދަނީއެއް ހޯދުމަކީ އަލީއަށް ލިބޭ އުފަލެކެވެ. އެ ކަން އޭނާގެ ދުވަހުގެ ތާވަލުން ސާބިތުވެއެވެ.
ސުކޫލު ބަންދު ދުވަހެއް ނޫން ނަމަ، ފަތިހު ހޭލައިގެން ބައްޕައާއެކު، ޑިންގީގައި ދަނީ، ވަންދުއަށެވެ. ކަނޑުގެ ރާޅުތައް ހުރަސްކޮށް، ވަންދުއަށް ދަނީ ދަރިވަރުންނަށް ކިޔަވައިދޭން ބޭނުންވާތީއެވެ. ދެ ރަށުގެ ދުރުމިނުގައި ހުންނާނީ، ގާތްގަނޑަކަށް ތިން ކިލޯމީޓަރެވެ.

އާރިފު ބައްޕައާއެކު، ވަންދުއަށް ދަނީ [ކ] އާރިފު ވަންދޫ ސުކޫލުގައި ކިޔަވައިދެނީ [ވ]
ސުކޫލު ސެޝަން ގިނަ ދުވަސް ދުވަހަށް އާންމުކޮށް ނިމެނީ، މެންދުރު 12:45ގައެވެ. ގާތްގަނޑަކަށް 13:00ހާއިރު އަލީ، ބަލައި ބައްޕަ ވަންދުއަށް އާދެއެވެ. ސުކޫލުގެ ކަންކަން ކުރަން ހުންނަ ދުވަސް ދުވަހަށް ވަންދޫގައި މަޑުކުރެއެވެ. އާންމުކޮށް އެކަމަކު، އޭނާ ސުކޫލު ނިންމައި އަންނަނީ ބައްޕައާއެކު، ރަށަށެވެ.
އެއަށް ފަހު، އުޅެނީ އޭނާގެ ދެވަނަ ވަޒީފާގެ އެކި ކަންކަމުގައެވެ. އެހެން ގޮތަކަށް ބުނާނަމަ، މަސް ކައްކައި ހިއްކުމުގައެވެ.
މަސްކައްކާ ހިއްކުމުގެ ކަންކަން ކުރާ ގޮތް ކުރުކޮށް!
އަލީގެ މަސް ކައްކާ ސައިޓުގެ ޖާގައިގެ ގޮތުން، އެ ތަނުގައި އެންމެ ގިނަވެގެން ކެއްކެނީ، ފަސް ޓަނާއި ހަ ޓަނާ ދެމެދުގެ މަހެވެ. އެ މަސްތައް ކެނޑުމުގައި އުޅެނީ، ވަކި ދެ މީހެކެވެ.
އަލީ ބުނި ގޮތުގައި، އެ މީހުން މަސް ކަނޑަނީ ކިލޯއަކަށް އަގު ކިޔައިގެންނެވެ. ޓަނެއްގެ މަސް ކަނޑައިދެނީ، 600 ރުފިޔާއަށެވެ. މަހުގެ ކަށިތައް ނެގުމަށް ވެސް ވަކި އަގެއް ނަގައެވެ. ވަށައިގެން ދަގަނޑު ޖަހައިގެން ހަދާފައި ހުންނަ ފުން ޓްރޭއެއްގެ މަހުގެ ކަށި ނަގަން 40 ރުފިޔާ ދައްކަން ޖެހެއެވެ.

ބޮޑެތި ތެލިތަކުގައި މަސް ކައްކަން އުދާފައި ----
އެއަށްފަހު، ބޮޑެތި ތެލިތަކުގައި މަސްތައް ކައްކަނީއެވެ. އެއަށް ހުންނާނީ، ފެން އަޅާފައެވެ. މި ގޮތަށް ކައްކާއިރު، ގިނަ އަދަދަކަށް ދަރު ބޭނުންވެއެވެ. އަލީމެން އުޅެނީ މި ކަމަށް ހައްލެއް ހޯދައިގެނެވެ.
އުނދުނަށް ކުޑަ ދަރުކޮޅެއް އެޅުމަށް ފަހު، ދެން އަޅަނީ ކައްކާ ތެލެވެ. އެއަށް ދޫކުރަނީ ބްލޯވަރެވެ. މި ކަމުގެ ސަބަބުން ތެލާއި ދަރުގެ ޚަރަދު ކުޑަ ކަމަށް އޭނާ ބުންޏެވެ. އާންމުކޮށް ހިރިލަންދުއަށް ދަރު ގެންނަނީ، ލ. ގަމުންނެވެ. މިހާރު ކޮންމެވެސް ވަރަކަށް ކައިރި ރަށްރަށުން ވެސް ދަރު ގެނެއެވެ.

އަލީގެ ސައިޓުގައި ކައްކާފައި ހުރި ރިހާކުރު
މަސްތައް ކައްކާ ނިމުމުން ދެން ލާނީ، ވަޅޯމަސް ހެދުމަށް ދުމައްޓަށެވެ. އަލީމެން ކިޔާ ގޮތުން ނަމަ، ލޮކަރަށެވެ. މަސްތައް ދިލަ ޖައްސައިގެން ވަޅޯ މަހަށް ހެދުމަށް ތިނެއް ނުވަތަ ހަތަރު ގަޑިއިރެއް ހާއިރު ދުމަށީގައި ބަހައްޓަން ޖެހެއެވެ. އެ ކަން ކުރަނީ ބޮނބި އަންދައިގެނެވެ.
ދެން ވެކިއުމް ކުރުމަށް ދާނީ، އެ ކަމަށް ޚާއްސަ ގުދަނަށެވެ. ބާކީ ހުންނަ ގަރުދިޔަތައް ކައްކައިގެން ހަދަނީ ރިހާކުރަށެވެ. އަލީ ބުނި ގޮތުގައި، ވެކިއުމް ކުރުމުގައި އަށް މީހުންގެ ދިވެހި އާއިލާއަކުން ހަރަކާތްތެރިވާނެއެވެ.
އެ މަސްތައް ވެކިއުމް ކުރުމަށް ފަހު، ގިނައިން އަލީމެން ފޮނުވަނީ މާލޭގެ ވަޅޯމަސް މާރުކޭޓަށެވެ. މިހާރު ބައެއް އޯޑަރުތައް ލިބުމުން، ރަށްތަކަށް ވެސް ފޮނުވައިދެއެވެ. އެކަމަކު، އޭރަށް މަހަށް އެކަށީގެންވާ ފައިދާއެއް ނުލިބެއެވެ. އެހެންވެ، އޭނާގެ އުއްމީދަކީ، އެއަށް ވުރެ ރަނގަޅަށް މަހަށް އަގު ލިބޭނެ ގޮތެއް ވުމެވެ.

އަލީމެން މަސް ވެކިއުމް ކުރާ ތަނުގައި ---
ކިޔަވައިގެން މަސްކައްކާތީ، އަމާޒުވީ ފާޑުކިޔުން
އަލީ، ދިވެހީންގެ ލޭނަރު ކަމަށްވާ މަސްވެރިކަމަށް ނިކުތުމުން ގިނަ ބައެއްގެ ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހުނެވެ. ސަބަބަކަށްވީ، ކިޔަވައިގެން ހުރުމެވެ. އެކަމަކު، އެ ބަސްތަކަށް އޭނާގެ ފަރުވާލެއް ނެތެވެ. އެ ކަމަށް ދިނީ ބީރު ކަންފަތެކެވެ.
"އަސްލު ހަގީގަތަކީ، މިއީ އަޅުގަނޑަކަށް އެއްވެސް ހަޑި މަސައްކަތެއް ނޫން. އެއްވެސް މީހަކު މި ކަން ކުރަން ލަދުގަންނަން ޖެހޭ ކަމެއް ނޫން. އަޅުގަނޑު ހަމަ ވަރަށް ކުރާ ހިތުން ކުރާ މަސައްކަތެއް މިއީ" އޭނާގެ މަސް ކައްކާ ސައިޓުގައި ހުރެ އަލީ ކިޔައިދިނެވެ.
އޭނާ ޒުވާނުންނަށް ބުނީ، ބުރަ މަސައްކަތް ކުރެވޭނީ ގައިގައި ވަރު ހުއްޓާ ކަމަށެވެ. ކޮންމެ ޒުވާނަކު ވެސް މަސައްކަތެއް ހޯދައިގެން އެ ކަމަށް ނިކުތުމަކީ، އަލީ އެދޭ ގޮތެވެ.

އާރިފު އޭނާ މަސް ކައްކާ ސައިޓުގައި އެސްއެސްޓީވީއަށް އިންވިއު ދެނީ
މިހެން ބުނުމުން ގިނަ ޒުވާނުންގެ ޖުމުލައަކަށް ވާނީ، "ކުރާނެ ކަމެއް އޮވޭތަ، ނުލިބޭ މަސައްކަތެއް"އެވެ. މިއީ، އާންމުކޮށް، މަސައްކަތެއް ނެތި ނުވަތަ ނުލިބޭ ޒުވާނުންގެ ދުލުކުރީ ޖުމުލައެކެވެ.
މި ވާހަކައާ އަލީ މުޅިން ދެކޮޅެވެ. އޭނާ ގަބޫލުކުރާ ގޮތުގައި، މަސައްކަތަކީ ލިބޭނެ އެއްޗެކެވެ.
"މަސައްކަތް ލިބޭނީ، މަސައްކަތް ހޯދަން އުޅުނީމަ. އެހެންވީމަ އަޅުގަނޑު ބުނެލަން އޮތީ ކޮންމެ ކުއްޖަކު ވެސް މަސައްކަތެއް ހޯދައިގެން މަސައްކަތް ކުރާށޭ ގައިގައި ވަރު ހުއްޓާ" އޭނާ ބުންޏެވެ.
މި ވާހަކައިން އެކަނި ވެސް ޒުވާނުން ހިތްވަރު ލިބިގަންނަން އެބަ ޖެހެއެވެ. އަލީ ފަދައިން، ވަޒީފާ ނެތް ނަމަ، އުފައްދާނެ ޚިޔާލުތައް ތަނަވަސްކުރަން ވެއްޖެއެވެ. އޭރުން، ކަމެއް ނެތި ފޫހިވެފައި ތިބޭނެ ވަގުތެއް ނޯންނާނެއެވެ.