ރާއްޖޭގެ ދެކުނުގެ ރަށެއްގެ ސްކޫލެއްގައި މަތީ ގްރޭޑެއްގައި ކިޔަވަމުން އަންނަ ދަރިވަރަކާއި، ބިދޭސީ ޓީޗަރަކާ ދެމެދު ހަމަނުޖެހުމެއް ހިނގައިފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި ހާދިސާ ހިނގައިފައިވަނީ ދެކުނުގެ ރަށެއްގެ ސްކޫލެއްގައެވެ. މި ހާދިސާ ހިނގީ މިއަދު މެންދުރުފަހު 12:00 ހާއިރެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ 47 ސިކުންތުގެ ވީޑިއޯއެއްގައި ފެންނަނީ ކްލާސް ރޫމެއްގައި، ފިރިހެން ދަރިވަރަކު ބިންމަތީ ވެއްޓި އޮއްވައި، ބިދޭސީ ޓީޗަރު އޮޅުލައިގެން އޮންނަ ތަނެވެ. ބެލެވޭ ގޮތުގައި ޓީޗަރު އުޅެނީ އެ ދަރިވަރު އަތުން އެެއްޗެއް ހޯދާށެވެ.
ބިންމަތިން ތެދުވެ، ދަރިވަރު ޓީޗަރުގެ ކޮނޑުގައި ޖަހައެެވެ. ޖެހުމާއެކު ބިދޭސީ ޓީޗަރު، ކުއްޖާގެ ލަފުގައި ހިފައި ދުރަށް ޖައްސައެެވެ. އެއާއެކު އަނެއްކާ ވެސް ފިރިހެން ދަރިވަރު ޓީޗަރު ގައިގައި ޖެހުމާއެކު އޭގެ ރައްދުގައި ބިދޭސީ ޓީޗަރު ވެސް ކުއްޖާ ގައިގައި ބާރަށް އަތްލައެވެ.
ކުލާސްރޫމުގައި އެ ވަގުތު އިތުރު ދަރިވަރުން ވެސް ތިބިއިރު، ބައެއް ދަރިވަރުން "ހަމަޖެހޭށޭ" ބުނެ އެ ކަން ހުއްޓުވަން ބަސް ބުނަމުން ދިޔަ އަޑު އިވެއެވެ. އެއާއެކު އަނެއްކާ ވެސް އެ ދަރިވަރު، ޓީޗަރު ގައިގައި ޖެހުމާއެކު، ޓީޗަރު ވެސް ދަރިވަރު ގައިގައި ޖަހައި ކޮއްޕައިލުމަށްފަހު ދުރަށް ދެއެވެ.
މި ހާދިސާއާ ގުޅޭ އިތުރު ބައެއް ވީޑިއޯ ވެސް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
ހާދިސާއާ ގުޅިގެން "ސަން"އަށް މައުލޫމާތު ދެމުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިނިސްޓްރީގެ ސަމާލުކަމަށް މައްސަލަ އައިސްފައިވާކަމަށެވެ. އަދި އިތުރަށް އެ ކަން ބަަލަމުން އަންނަ ކަމަށާއި، މިހާރު ޓީޗަރު ހުރީ ސަސްޕެންޝަނުގައިކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
"މިކަހަލަ ކަންތައްތަކުގައި ގާނޫނާއި ގަވައިދުގެ ތެރެއިން އެޅެންހުރި ފިޔަވަޅު އަޅާނެ. މިކަން މެދުވެރިވާން ދިމާވި ސަބަބު އަދި ހިނގައިދިޔަ ކަންތަކުގެ ތަފްސީލް ބަލަމުން ދަނީ،" މިނިސްޓްރީން ބުންޏެވެ.
މި ކަމާ ގުޅިގެން ފުލުހުން ބުނީ، ރަސްމީކޮށް ފުލުހަށް މައްސަލަ ހުށަނޭޅި ނަމަވެސް ފުލުހުންގެ ވެސް ސަމާލުކަމަށް އެ ކަން އައިސްފައިވާތީ އެ މައްސަލަ ބަލަމުން އަންނަކަމަށެވެ.
މީގެ ކުރިން ވެސް މިފަދަ ހާދިސާތައް ދަރިވަރުންނާއި ޓީޗަރުންނާ ދެމެދު ހިނގައިފައިވެއެވެ. ރާއްޖޭގެ ބައެއް ސްކޫލުތަކުގައި އަދިވެސް ބުލީކުރުމާއި، އެހެނިހެން ނޭއްގާނީ މައްސަލަތައް ހިނގައިގެން ދޭތެރެއަކުން ފެންމަތިވެއެވެ.