މުސްލިމުންނަކީ ގޮތެއްނެތް މުޑުދާރު ބައެއްކަމަށް ބުނާ ލިޔުންތަކެއް އެމެރިކާގެ މިސްކިތްތަކަށް އަޅަނީ

އެމެރިކާގެ މުސްލިމުން ކެޕިޓަލް ހިލް އިމާރާތުގެ ކުރިމަތީގައި ނަމާދުކުރަނީ

ވޮޝިންޓަން (ނޮވެމްބަރު 28): މުސްލިމުންނަކީ ގޮތެއް ފޮތެއްނެތް ހަޑި މުޑުދާރު ބައެއްކަމަށް ސިފަކޮށް އެމީހުންނާ ގާތްނުވުމަށް ގޮވާލާ ލިޔުންތަކެއް އެމެރިކާގެ މިސްކިތްތަކަށް އަޅަމުން އެބަގެންދެއެވެ.

އެމެރިކާގެ މުސްލިމުންގެ އެންމެ ބޮޑު ޖަމިއްޔާ ކަމަށްވާ ކައުންސިލް އޮން އެމެރިކަން އިސްލާމިކް ރިލޭޝަން (ކައިރު) އިން ބުނީ މުސްލިމުންނަށް ޖެއްސުމާއި ފުރައްސާރަކޮށްފައިވާ މިލިޔުންތައް އެމެރިކާގެ އެތަށް މިސްކިތަކަށް އަޅާފައިވާ ކަމަށާއި އެންމެ ގިނައިން މިލިޔުންތައް އަޅާފައިވަނީ ކެލިފޯނިޔާ ސްޓޭޓްގެ މިސްކިތްތަކަށް ކަމުގައެވެ.

އަތުން ލިޔެފައިވާ މި ލިޔުންތަކުގައި އެމެރިކާގެ ރައީސުލްމުންތަޚަބް ޑޮނަލްޑް ޓްރަމްޕް އަށް ތާއީދުކުރާ އިބާރާތްތަކެއްވެސް ހިމެނޭއިރު އެލިޔުންތަކާއި ޑޮނަލްޓް ޓްރަމްޕާ ގުޅުންވާކަން ނުވަތަ ނޫންކަން ސާފުނުވާކަމަށް (ކައިރު) އިން ބުނެއެވެ. މިކަމާބެހޭގޮތުން ޓްރަމްޕް އެއްވެސް ބަޔާނެއް ދެއްވާފައެއް ނުވެއެވެ.

އެމެރިކާގެ ހަރުކަށި ނެޝަނަލިސްޓް ފިކުރުގެ ބޭފުޅެއްކަމަށްވާ ޑޮނަލްޑް ޓްރަމްޕްވަނީ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކޭންޕޭންގެ ދުވަސްވަރު މުސްލިމުންނާ ދެކޮޅަށް ވަރަށް ހަރުކަށި އިބާރާތުން ވާހަކަ ދައްކަވާފައެވެ. މިގޮތުން ޓްރަމްޕްވަނީ އޭނާގެ ވެރިކަމެއްގައި މުސްލިމުން އެމެރިކާއަށް އެރުން މަނާކުރާނެ ކަމަށް ވިދާޅުވެފައިވެއެވެ. ނަމަވެސް ފަހުން ޓްރަމްޕް ވަނީ އޭނާގެ މިބަސް އަނބުރައި ގެންނަވާފައެވެ.

އެމެރިކާގެ ރިޔާސަތަށް އިންތިޚާބުވެ ވަޑައިގަތުމުން ޓްރަމްޕް މުސްލިމުންނާ ދެކޮޅަށް ވާހަކަ ދައްކަވާފައެއް ނުވެއެވެ. އަދި އޭނާއަކީ އެމެރިކާގެ ހުރިހާ ނަސްލުތަކަކާއި ދީންތަކެއްގެ މީހުންގެ ރައީސްކަމަށް ޓްރަމްޕް ވިދާޅުވެފައިވެއެވެ. ނަމަވެސް ޓްރަމްޕްވަނީ އިސްލާމީ ބައެއް ގައުމުތަކުގައި ހަރަކާތްތެރިވާ އިސްލާމީ ފިކުރުގެ ސިޔާސީ ޖަމާއަތެއްކަމަށްވާ އިޚްވާނުލްމުސްލިމޫން ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް ސިފަކުރައްވާފައިވެއެވެ.

އިޚްވާނުލްމުސްލިމޫން ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް އެމެރިކާގެ އެހެން ރައީސުން ސިފަނުކުރެއްވި ނަމަވެސް އެމެރިކާގެ ހުރިހާ ސަރުކާރުތަކަކުންވެސް އިޚްވާން ޖަމާއަތާ އަމަލީގޮތުން މުއާމަލާތް ކޮށްފައިވަނީ ޓެރަރިސްޓް ޖަމާއަތަކާ މުޢާމަލާތް ކުރާ ގޮތަށެވެ.

މިބާވަތުގެ ލިޔުންތައް އަޅާފައިވާ އެމެރިކާގެ މިސްކިތްތަކުގެ ތެރޭގައި ކެލިފޯނިޔާގެ މިސްކިތްތަކުގެ އިތުރުން ސެންޚޮސޭ، ލޯންގް ބީޗް، ކްލެއަރ މޮންޓްގެ މިސްކިތްތައްވެސް ހިމެނޭކަމަށްވެއެވެ. މިލިޔުންތަކުގައި ޑޮނަލްޓް ޓްރަމްޕްގެ ވެރިކަމުގައި މުސްލިމުންގެ ހަޑި މުޑުދާރުކަމުން އޭނާ އެމެރިކާގެ މުޖްތަމައު ސާފުކުރާނެކަމަށްވެސް ބުނެފައިވެއެވެ. އެމެރިކާގެ މުސްލިމުންގެ އެންމެ ބޮޑު ޖަމްޢިއްޔާ ކަމަށްވާ ކައުންސިލް އޮން އެމެރިކަން އިސްލާމިކް ރިލޭޝަން (ކައިރު) އިން މިހާރުވަނީ މިމައްސަލަ ތަހްގީގްކޮށްދިނުމަށް އެމެރިކާގެ ފުލުހުންގެ ކިބައިން އެދިފައެވެ.

އެމެރިކާގެ ހަރުކަށި ނެޝަނަލިސްޓް ފިކުރުގެ ބޭފުޅެއްކަމަށްވާ ޑޮނަލްޑް ޓްރަމްޕް، އެމެރިކާގެ ރައީސްކަމަށް އިންތިޚާބުވެ ވަޑައިގަތުމާއެކު، ކުރިން އެމެރިކާގައި ފޮރުވިގެން އުޅޭ ހަރުކަށި ވިސްނުމުގެ މީހުންވަނީ އަލުން ފެންމަތިވާން ފަށާފައެވެ. މީގެތެރޭގައި ނިއު ނާޒިޒަމްގެ ފިކުރުގެ މީހުންވެސް ހިމެނެއެވެ.

ޓްރަމްޕްގެ ވެރިކަމެއްގައި އެމެރިކާ މުސްލިމުންގެ އިތުރުން ބައިމަދު އެހެން ޖަމާއަތްތަކާ ދެކޮޅަށްވެސް ހަރުކަށި ފިޔަވަޅުތައް އަޅާނެކަމަށް ބެލެވޭއިރު އެމެރިކާގެ އެހެން ސަރުކާރުތަކަކީވެސް މުސްލިމުންނަށް އިންތިހާއަށް އަނިޔާވެރި ސަރުކާރުތަކެވެ.

މިގޮތުން ޖޯޖްޑަބްލިޔު ބުޝްގެ ސަރުކާރުންވަނީ އިރާގަށް ގަދަބާރުން އަރައިގަނެ އެގައުމުގެ މިލިޔަނަކަށްވުރެ ގިނަމީހުން މަރައި ޑިޕްލީޓެޑް ޔޫރޭނިޔަމް ފަދަ ނިއުކްލިޔަރ ވިހަ މާއްދާތައް އިރާގުގެ އާންމުންނާ ދެކޮޅަށް ބޭނުންކޮށް މުޅި އިރާގު ހަލާކުކޮށްލާފައެވެ. އަދި ބުޝްގެ ވެރިކަމުގައި އެމެރިކާވަނީ އަފްޣާނިސްތާނަށްވެސް އަރައިގަނެ އެގައުމުގެ ރައްޔިތުންނާ ދެކޮޅަށް ބިރުވެރި ގަތްލުއާންމުތަކެއް ހިންގާފައެވެ.

އޮބާމާގެ ސަރުކާރުންވެސްވަނީ އިސްލާމީ އެތަށް ގައުމަކަށް ޑްރޯން ޙަމަލާތައްދީ މުސްލިމުންގެ އެތަށް ހާސްބަޔަކު މަރާލާފައެވެ. އަދި ސޫރިޔާއާއި ލީބިޔާ ހަލާކުކޮށްލުމުގެ ފަހަތުގައިވަނީވެސް އޮބާމާގެ ސަރުކާރެވެ. މީގެއިތުރުން މުސްލިމުންގެ އެންމެ ބޮޑު އެއް ދުޝްމަންކަމަށްވާ އައިއެސް ޖަމާއަތުގެ ފަހަތުގައިވާ ކަމުގެ ތުހުމަތުވެސް ކުރެވިފައިވަނީ އޮބާމާގެ ސަރުކާރުގެ މައްޗަށެވެ. އަނެއްކޮޅުން އެމެރިކާގެ މުޅި ތާރީޚުގައިވެސް އިސްރާއީލަށް އެންމެ ގިނަ އަސްކަރީ އަދި މަދަނީ އެހީތައް ފޯރުކޮށްދީފައިވަނީ އޮބާމާގެ ސަރުކާރުންނެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް