އެމެރިކާގެ އަމިއްލަ ބޭނުމަށް، ރަޝިޔާއިން ނިއުކްލިއާ ތެޔޮ ގަންނައިރު، ރަޝިޔާއިން އުފައްދާ ތެޔޮ އިންޑިއާއިން ގަންނާތީ އެމެރިކާއަށް މައްސަލައަކަށް ވާކަށް ނުޖެހޭނެ ކަމަށް ރަޝިޔާގެ ރައީސް ވުލަމީޑިއާ ޕުޓިން ވިދާޅުވެއްޖެއެވެ.
ޕުޓިން އެގޮތަށް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށް އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނޫސްވެރިން ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. ޕުޓިން އިންޑިއާއަށް ވަޑައިގަތީ އިއްޔެއެވެ.
ރަޝިޔާއިން އުފައްދާ ތެޔޮ ގަންނަނަމަ، އިންޑިއާގެ މުދަލުން ނަގާ ޓެރިފް ބޮޑުކުރާނެ ކަމަށް މިދިޔަ އޮގަސްޓް މަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
"އެމެރިކާއިން އަދިވެސް އަޅުގަނޑުމެންގެ އަތުން ނިއުކްލިއާ ތެޔޮ ގަންނަނީ. ރަޝިޔާގެ ތެޔޮ ގަތުމުގެ ހައްގު އެމެރިކާއަށް އޮންނައިރު، އިންޑިއާއަށް ވެސް ހަމަ އެ ހައްގު ލިބެންޖެހޭނެ." ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޕުޓިން ވިދާޅުވިއެވެ.
އިންޑިއާގެ ރިފައިނަރުން ރަޝިޔާއިން ތެޔޮ ގަންނަނީ ޑިސްކައުންޓު އަގުގައެވެ.
ދެހާސް ބާވީސް ވަނަ އަހަރު ރަޝިޔާއިން އިންޑިއާއިން ތެޔޮ އެތެރެކުރި މިންވަރު 2.5 ޕަސަންޓުގައި އޮތްއިރު، މިހާރު އެ މިންވަރު ގާތްގަނޑަކަށް 36 ޕަސެންޓަށް އިތުރުވެ، ރަޝިޔާގެ ތެޔޮ ދެ ވަނައަށް އެންމެ ގިނައިން ގަންނަ ގައުމަކަށް އިންޑިއާ ވަނީ ވެފައެވެ.
ނަމަވެސް ރަޝިޔާގެ ތެޔޮ ގަންނާތީ އަދަބު ދިނުމުގެ ގޮތުން އެމެރިކާއިން ވަނީ އިންޑިއާ މުދަލުން 50 ޕަސަންޓް ޓެރިފް ނަގާނެ ކަމަށް ބުނެފައެވެ. އަދި ރަޝިޔާގެ މުހިންމު ތެޔޮ އުފައްދާ ކުންފުނިތަކަށް އެމެރިކާއިން އަލަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އިންޑިއާގެ ރިފައިނަރުންނަށް މިހާރު ވަނީ ތެޔޮ ގަންނަން މިންވަރު މަދުކުރަން މަޖުބޫރުވެފައެވެ.
އިންޑިއާގެ އެންމެ ބޮޑު އަމިއްލަ ރިފައިނަރު ރިލަޔަންސް އިން ވަނީ ރަޝިޔާގެ އިން އުފައްދާ ތެލުގެ އުފެއްދުންތައް އެކްސްޕޯޓް ކުރުން ހުއްޓާލާނެ ކަމަށް އިއުލާންކޮށްފައެވެ.
ޕުޓިން އިއްޔެ އިންޑިއާއަށް ވަޑައިގަތުމުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ވަނީ އެއާޕޯޓުން ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
މޯދީ ވަނީ ޕުޓިންއަށް އިންޑިއާއިން މަރުހަބާ ކިޔާ ކަމަށް ލިޔުއްވައި ސޯޝަލް މީޑިއާގައި ޕޯސްޓްވެސް ކުރައްވާފައެވެ.
އިންޑިއާއާ އެކު އެއްބާރުލުން ދިނުމުގައި ސިޔާސީ ބަދަލުތަކެއް ނުވަތަ ޔޫކްރޭންގައި ހިނގާ ހަނގުރާމައިގެ އަސަރެއް ނުކުރާނެ ކަމަށް ޕުޓިން ވަނީ ވިދާޅުވެފައެވެ.
މި ދަތުރުފުޅުގައި، ރަޝިއާގައި އުފައްދާ އެންމެ ޒަމާނީ ފައިޓާ ޖެޓް އިންޑިއާއަށް ވިއްކުމުގެ މަޝްވަރާތައް ޕުޓިންގެ އެޖެންޑާގައި ހިމެނޭކަން ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިން އިން ބުނެފައިވެއެވެ.
މީގެއިތުރުން އިންޑިއާއާއި ރަޝިއާ އާ ދެމެދު ކުރަމުންގެންދާ ވިޔަފާރީގެ މުއާމަލާތްތަކުގެ މިންވަރު އަހަރަކު 2030 ގެ ނިޔަލަށް 100 ބަލިޔަން ޑޮލަރަށް އިތުރުކުރެވޭނެ ގޮތްތަކާބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރައްވާނެކަމަށް ކެރެމްލިން އިން ބުނެފައިވެއެވެ.