އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ސިގްނަލް އެޕުން އަސްކަރީ މައުލޫމާތު ފޮނުވި މައްސަލައެއް

އެމެރިކާގެ ސެކްރެޓަރީ އޮފް ޑިފެންސް، ޕީޓް ހެގްސެތް. ފޮޓޯ/ރޮއިޓާސް

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޕީޓް ހެގްސެތް މެސެޖިން އެޕް ސިގްނަލް ބޭނުންކޮށްގެން ނޭދެވޭ ގޮތުގައި ނާޒުކު މައުލޫމާތު ފޯރުކޮށްދީ، އެމެރިކާގެ އަސްކަރީ އޮޕަރޭޝަނެއް ނުރައްކަލުގެ ތެރެއަށް ވައްޓާލާފައިވާ ކަމަށް ނިންމައި، އެމެރިކާގެ އަސްކަރީ މަރުކަޒު ޕެންޓަގަންގަގެ އިންސްޕެކްޓާ ޖެނެރަލްގެ ރިޕޯޓު ސެނެޓްގެ އާމްޑް ސާވިސް ކޮމިޓީތަކަށް ފޮނުވައިފިއެވެ.

'ސީއެންއެން'އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ރިޕޯޓު މިއަދު އާންމުކުރާނެ ކަމަށް ބެލެވެއެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށްފައިވާ މަސްދަރުތަކުން ނޫސް އެޖެންސީތަކަށް ބުނީ، ނާޒުކު މައުލޫމާތު ފޮނުވުމަށް ހެގްސެތު ޕާސަނަލް ޑިވައިސްއެއް ބޭނުން ކުރުމަކީ، ޕެންޓަގަންގެ ސިޔާސަތާ ޚިލާފު ކަމެއް ކަމަށް ބެލެވޭ ކަމަށެވެ.

ސެނެޓްގެ އާމްޑް ސާވިސަސް ކޮމިޓީގެ ޗެއާމަން އަދި ރޭންކިން މެންބަރުގެ އެދުމުގެ މަތިން އޭޕްރީލް މަހު ފެށި ތަހުގީގު ނިންމާލާފައިވަނީ މިދިޔަ ސެޕްޓެންބަރު މަހެވެ. ނަމަވެސް، ތަހުގީގު ނިންމި ގޮތުގެ ރިޕޯޓަށް އެޑިޓްކުރި މައްސަލައިގައި އިންސްޕެކްޓަރު ޖެނެރަލްގެ އޮފީހުން ހެގްސެތާ އެކު މަޝްވަރާތައް ކުރަމުން އަންނަތާ އެތައް މަހެއް ވެއްޖެ ކަމަށް މަސްދަރުތަކުން ބުނެއެވެ.

ޕެންޓަގަންގެ އިންސްޕެކްޓަރު ޖެނެރަލް މި ރިވިއު ފެށީ ޔަމަނުގައި އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކާ ގުޅޭ މައުލޫމާތު ހެގްސެތު އޭނާގެ ސިގްނަލް އެކައުންޓުން ހިއްސާކުރިކަން އެޓްލާންޓިކް ނޫހުގް ޗީފް އެޑިޓާ ޖެފްރީ ގޯލްޑްބާގް ހާމަކުރުމުންނެވެ.

ގޯލްޑްބާގްގެ އެ ރިޕޯޓަށް ފަހު، ސެނެޓްގެ އާމްޑް ސާވިސަސް ކޮމިޓީގެ އެންމެ އިސް ރިޕަބްލިކަން އަދި ޑިމޮކްރެޓުން ވަނީ ފެޑެރަލް މުވައްޒަފުންނަށް ސިއްރު މައުލޫމާތު ބެލެހެއްޓުމާ ނުވަތަ ރިކޯޑްތައް ހިފެހެއްޓުމާ ގުޅޭ އެއްވެސް ގާނޫނަކާ ހެގްސެތު ހިލާފުވިތޯ ބެލުމަށް އެދިފައެވެ.

ހެގްސެތުގެ ސިގްނަލް އެކައުންޓުން ހޫތީއާ ދެކޮޅު ހިންގާ އަސްކަރީ އޮޕަރޭޝަންގެ ތަފުސީލުތައް ވަކި ދެ ގްރޫޕް ޗެޓެއްގައި ހިއްސާކޮށްފައިވާއިރު އޭގެ ތެރެއިން އެއް ގްރޫޕްގައި އޭނާގެ އަންހެނުންނާއި ބޭބެ އަދި ވަކީލު ހިމެނޭ ކަމަށް 'ސީއެންއެން'އިން ރިޕޯޓުކޮށްފައިވެއެވެ.

އަދި ހެގްސެތުގެ އެކައުންޓުން ހާމަކުރި އަސްކަރީ ޕްލޭންތަކަކީ އޭރު ކްލަސިފައިޑް ކަމަށް ފާހަގަކޮށްފައިވާ އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ލިޔުމަކުން ނަގާފައިވާކަމުގެ ހެކި ވެސް އިންސްޕެކްޓަރު ޖެނެރަލްއަށް ލިބިފައިވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ސިގްނަލް ޗެޓްގައި ހެގްސެތު ވަނީ މާރިޗު 15 ވަނަ ދުވަހު ޔަމަނުގައި ހޫތީންނަށް ދިން ހަމަލާއާ ބެހޭ ތަފުސީލުތައް ކުރިން ހާމަކޮށްފައެވެ. އެ ތަފުސީލުތަކުގެ ތެރޭގައި އެފް-18 މަތިންދާބޯޓުތައް ފޮނުވާލާނެ ވަގުތާއި، ޑްރޯންތައް އަންނާނެ ވަގުތާއި، ދެ ފަރާތުން ވެސް ވައިގެ ހަމަލާތައް ދޭން ފަށާނެ ވަގުތު ހިމެނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް