އައި ހެވަން މަޝްރޫއުގެ މާސްޓާ ޕްލޭން ހަދަން ސިންގަޕޫރު ކުންފުންޏަކާ ހަވާލުކޮށްފި

އިހަވަންދިއްޕޮޅު ތަރައްގީ ކުރުމަށް ސަރުކާރުން އިއުލާންކޮށްފައިވާ "އައިހެވަން" މަޝްރޫގެ ކުރެހުމެއް--

އިހަވަންދިއްޕޮޅު ތަރައްގީ ކުރުމަށް ސަރުކާރުން އިއުލާންކޮށްފައިވާ "އައިހެވަން" މަޝްރޫގެ މާސްޓާ ޕްލޭން ހެދުމުގެ މަސައްކަތް ސިންގަޕޫރުގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ ސިންގަޕޫރުގެ ކޮންސަލްޓެންސީ ފާމެއް ކަމަށްވާ ސާބާނަ ޖުރޯންގް ކޮންސަންޓޭންސްއާ އެވެ. މިއަދު ހުޅުލެ އައިލެންޑް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. ސާބާނަ ޖުރޯންގް ކޮންސަންޓޭންސްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފިލިޕް ޓޭން އެވެ.

ސާބާނަ ޖުރޯންގް ކޮންސަންޓޭންސް އަކީ ސިންގަޕޫރުގެ އާބަން އަދި އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓުތައް ހިންގުމުގެ ބޮޑު ރޯލެއް އަދާ ކޮށްފައިވާ ކުންފުންޏެކެވެ. މި ކުންފުންޏަކީ އިންޑިއާގެ އަންދްރާ ޕްރަދޭޝްގެ ކެޕިޓަލް ސިޓީގެ މާސްޓާ ޕްލޭން ވެސް ހެދި ކުންފުންޏެވެ.

އެ ކުންފުނިން ބުނީ އައިހެވަންގެ ޑިޒައިން މަސައްކަތް 15 މަސް ދުވަސް ތެރޭ އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

އައިހެވަން މަޝްރޫއަކީ 2014 ވަނަ އަހަރު ސިންގަޕޫރުގައި ބޭއްވި އިންވެސްޓްމެންޓް ފޯރަމްގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިއުލާން ކުރެއްވި މަޝްރޫއެކެވެ. މިމަޝްރޫގައި ހިމެނޭ މައިގަނޑު ހަ ކަމަކީ ބަނދަރަކާއި އެއާޕޯޓަކާއި ބަންކަރިންގެ ޚިދުމަތާއި ޝޮޕިން މޯލްތަކުގެ އިތުރުން ރިއަލް އެސްޓޭޓާއި ޓޫރިސްޓު ރިސޯޓު ތަރައްގީކުރުމެވެ.

މި މަޝްރޫއާ އެކު އިހަވަންދިއްޕޮޅު ވެގެންދާނީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގާނޫނުގެ ދަށުން ރާއްޖޭގައި ހިންގާ އެންމެ ބޮޑު ތަރައްގީގެ މަޝްރޫއަށެވެ.

comment ކޮމެންޓް