ރާއްޖެ އޮތް ސަރަހައްދުގެ ފައިދާ ނަގަން ޖެހޭ!

ރާއްޖެއަށް ގެންނަން ޖެހޭ ތަރައްގީތައް ދައްކުވައިދޭ ގްރެފިކްސްއެއް: ސަން ގްރެފިސް/ އިބްރާހީމް ފަހީމް

އިކޮނޮމިސްޓަކަށް ވާކަށް ނުޖެހެއެވެ. މިހާރު ހުރިވަރުން އެހެން ހިސާބަކަށް ދާން ބޭނުންނަމަ ކުރަން ޖެހޭ ކަމަކީ އިތުރު އާމްދަނީއެއް ހޯދުންކަން ވަރަށް ސާފެވެ. ރާއްޖޭގެ އިގްތިސާދު މިހާރު މުޅިންހެން ބަރޯސާވެފައި މިވަނީ ޓޫރިޒަމަށެވެ. ޓޫރިސްޓުން ރާއްޖެ ނާންނަނަމަ ދިވެހީން ތިބެން ޖެހޭނީ ނުކައެވެ. އެގޮތަށް އާމްދަނީގެ ގޮތުން އެންމެ ދާއިރާއަކަށް ބަރޯސާވެފައި އޮތުމަކީ ކުރަން ހެޔޮވާވަރަށް ވުރެން ނުރައްކާ ކަމެކެވެ. އެކަން ބަދަލު ކުރެވެން ރާއްޖެއަށް އެބައޮތެވެ. އެއީ ރާއްޖެ މިއޮތް ސަރަހައްދުގެ ފައިދާ ނަގައިގެންނެވެ.

މިއީ ސަރުކާރުތަކަށް އަޅާނުލެވި އޮތްކަމެކެވެ. ރާއްޖެ އުފެދިފައި އޮތް ސަރަހައްދުގެ ފައިދާ ނެގުމެވެ. މި ގައުމު މިއޮތީ ވަރަށް ބޮޑު ދެ ކޮންޓިނެޓް ގުޅޭ ހިސާބު މެދުގައެވެ. އޭޝިއާގެ ބޮޑެތި ބައެއް ގައުމުތަކުން އެފްރިކާއާއި އަރަބި ގައުމުތަކަށް ދަތުރުކުރަން ޖެހެނީ ރާއްޖެ ސަރަހައްދުން ލައިފައެވެ. ހާއްސަކޮށް ރާއްޖޭގެ އުތުރަކީ ގިނަ ބޯޓް ފަހަރު ދަތުރު ކުރާ ޓްރޭޑް ލައިނެކެވެ. އިހަވަންދިއްޕޮޅު އޮންނަނީ އިންޑިއާ ކަނޑުގައި އިރުން ހުޅަނގަށް ބޯޓުފަހަރު ދަތުރުކުރާ ޝިޕިންގް ރޫޓުގައެވެ.

މާލޭ ވިޔަފާރި ބަނދަރު -- ފޮޓޯ: ކަސްޓަމްސް

ޓްރާންޝިޕްމަންޓް ބަނދަރެއް ރާއްޖޭގައި ހެދުމުގެ ވާހަކަ ދައްކާތާ އެތައް ޒަމާނެއް ވެއްޖެއެވެ. ނަމަވެސް އެކަމަށް އެކަށީގެންވާ މަސައްކަތެއް ނުކޮށް، ހަމަ ޓޫރިޒަމަށް ބަރޯސާވެގެން މި ގައުމު ކުރިއަށް ދަނީއެވެ. ގައުމު އެހެން ހަރުފަތަކަށް ގެންދިއުމަށް މި ވިސްނުން ބަދަލު ކުރަން ޖެހެއެވެ. ކަނޑު ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން އިގްތިސާދަށް އެތައް މިލިއަން ޑޮލަރެއް ވެއްދެން އޮތީތީ އޭގެ ބޭނުން ކުރަން ޖެހެއެވެ.

ކުޑަކޮށް ނަމަވެސް ފަށަން ޖެހޭ

ރާއްޖޭގައި ޓްރާންޝިޕްމަންޓް ބަނދަރެއް ނުހެދިގެން މިއުޅެނީ ކުރަން ޖެހޭ ހަރަދު ބޮޑުވުމުން ކަމަށް ވެދާނެއެވެ. މޯލްޑިވްސް ނެޝަނަލް ޝިޕިން ލައިން (އެމްއެންއެސްއެލް)ގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި ކެޕްޓަން އަޙްމަދު މައުމޫން ވިދާޅުވިގޮތުގައި ފުރަތަމަ ކަމަކަށް 500 މިލިއަން ޑޮލަރު ހަރަދުކޮށްގެން ބޮޑު ޓްރާންސިޓް ބަނދަރެއް ހެދުމުގެ ބަދަލުގައި މެރިޓައިމް ހިދުމަތްތައް ދީގެން ރާއްޖޭގައި އެ މަސައްކަތްތައް ފެށިދާނެއެވެ. އެގޮތުން ފުރަތަމަ ކަމަކަށް ބޯޓް ފަހަރަށް ތެޔޮ އަޅައިދިނުމަށް ބަންކަރިންގެ ހިދުމަތް ފެށިއްޖެނަމަ ރަނގަޅު އާމްދަނީއެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މެލޭޝިއާގައި ބަންކަރިންގެ ހިދުމަތް ދެނީ---

ބަންކަރިން ޚިދުމަތަކީ ކަނޑު ބޯޓުތަކާއި އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމެވެ. ބޯޓް ފަހަރު އާއްމުކޮށް ދަތުރުކުރާ ސަރަހައްދުތަކުގައި އެފަދަ ހިދުމަތެއް ފެށިއްޖެ ނަމަ ބޯޓް ފަހަރު އެތަންތަނަށް މަޑުކޮށް ތެޔޮ އަޅައިހަދައެވެ. މިގޮތަށް ތެޔޮ ވިއްކުމަކީ ރަނގަޅު ފައިދާއެއް ލިބޭ ހިދުމަތެކެވެ.

މައުމޫން ވިދާޅުވިގޮތުގައި ސިންގަޕޫރުން ފުރައިގެން ގަލްފަށް ދަތުރުކުރާ ކޮންޓެއިނާ ބޯޓް ފަހަރު އެ ދަތުރަށް ބޭނުންވާ ހުރިހާ ތެލެއް ބަރުކޮށްގެން މިހާރު ފުރަން ޖެހޭތީ 1000 ކޮންޓެއިނަރުގެ ޖާގަ ގެއްލޭ ކަމަށެވެ. އޭގެ ބަދަލުގައި ރާއްޖެއަށް މަޑުކޮށް ތެޔޮ އެޅޭނަމަ ބޯޓް ފަހަރަށް ވެސް އެތައް ޖާގައެއް މުދާ އުފުލަން އިތުރަށް ލިބޭތީ މިއީ ވަރަށް ހިނގާނެ ވިޔަފާރިއެއް ކަމަށް މައުމޫން ވިދާޅުވިއެވެ.

"މިހާރުވެސް ބޮޑު ތެޔޮ ޓޭންކަރެއް ބޭއްވީމަ އެ ނިމުނީ. ޓަގްތަކަކާއެކީގައި. ކޮންމެހެން ބޮޑު ސިންގާ ބަނދަރެއް ބޭނުންވާ ކަމެއް ނޫން އެއީއެއް." މެރިޓައިމް ދާއިރާގައި މަސައްކަތް ކުރައްވާތާ 30 އަހަރު ވެފައިވާ މައުމޫން ވިދާޅުވިއެވެ.

ހަމައެހެންމެ މުދާ ރައްކާކޮށް، ގުދަން ކުރުމަށް ހާއްސަ ވެއާހައުސްތަކެއް ރާއްޖޭގައި ހެދުމަކީ ވެސް ފައިދާ ނެގޭނެ ވިޔަފާރިއެއް ކަމަށް މައުމޫން ގަބޫލު ކުރައްވައެވެ. އެއީ އޭޝިއާ ބައްރަށް ބޭނުންވާ މުދާ ރާއްޖޭގައި ގުދަންކޮށް އެހެން ގައުމުތަކަށް ގެންދެވޭނެ އިންތިޒާމު ހަމަޖައްސައި ދީގެންނެވެ. ލަންކާއާއި އިންޑިއާ ފަދަ ގައުމުތަކުގައި އެފަދަ ގުދަންތައް ހުރެއެވެ.

"ޓްރާންސިޓް ބަނދަރެކޭ ކީމަ ބައިވަރު ކޮންޓޭނާ ހުންނަ ބަނދަރެއް މި ސިފަވަނީ. އެއަކަށް ނޫން އަޅުގަނޑުމެން ވިސްނަން ވީއެއް. ބޮޑެތި ކުންފުނިތަކުން އޭޝިއާ ސަރަހައްދަށް މުދާ ޑިސްޓްރިބިއުޓް ކުރަން އެބަ ބޭނުންވޭ އެ މީހުންގެ ވެއާ ހައުސް ބައިންދަން. އަޅުގަނޑުމެން ވެއާ ހައުސިންއަށް ރަނގަޅު ސްޕޭސް ދެވިއްޖެނަމަ ހިނގާނެ. ޑީއެޗްއެލް ނުވަތަ ފެޑެކްސްއަށް ވެސް އަޅުގަނޑުމެންނަށް ދެވިދާނެ އެ ފެސިލިޓީ. މި ރީޖަނަށް މުދާ ޑިސްޓްރިބިއުބް ކުރަން ރަނގަޅު ނިޒާމެއް ރާއްޖޭގައި ގާއިމު ކުރެވިއްޖެ ނަމަ ވަރަށް ހިނގާނެ،" މައުމޫން ވިދާޅުވިއެވެ.

ސިންގަޕޫރު ނަމޫނާއަކަށް ބަލައި ހިތްދެމިލަމާ

ގުދުރަތީ މާބޮޑު ވަސީލަތްތަކެއް ނެތް ކުޑަކުޑަ ސިންގަޕޫރު އިގްތިސާދީ ދުނިޔޭގެ ބާރަކަށް ވުމުގެ އަސްލަކީ މުދާއަރުވައި ބާލާ ޓްރާންސްޝިޕްމަންޓް ބަނދަރެވެ. އެ ބަނދަރަކީ ޖިއޮގްރަފިކަލް ލޮކޭޝަނާއި، އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓްތަކާއި، ސަރުކާރުގެ ސިޔާސަތުތަކާއި، ވިޔަފާރިއާ ރައްޓެހި މާހައުލެއްގެ ތެރެއިން ބިނާ ކުރިތަނެކެވެ. މިއަދު އެއީ ދުނިޔޭގެ އެއް ޓްރާންސްޝިޕްމަންޓް ހަބެވެ.

ސިންގަޕޫރު ބަނދަރު--

ސިންގަޕޫރަށް މި އެޑުވާންޓޭޖް ނެގުނީ އެ ގައުމު އޮތް ސަރަހައްދުގެ ސަބަބުންނެވެ. އެއީ ދުނިޔޭގެ އެންމެ ބިޒީ އަދި އެންމެ މުހިންމު އެއް ކަނޑުގެ މަގުގައި އޮންނަ ގައުމެކެވެ. ދުނިޔޭގެ ފެންވަރުގެ ބަނދަރެއް ހަދައި ސިންގަޕޫރުން ވަނީ ބަނދަރުތަކާއި، ކޮންޓެއިނަރު ޓާމިނަލްތަކާއި، ލޮޖިސްޓިކްސް ފެސިލިޓީތައް ތަރައްގީކުރުމަށް ވަރަށް ބޮޑު ހޭދައެއް ކޮށްފައެވެ. އެތަންތަނުގައި އެންމެ ޒަމާނީ ހިދުމަތްތައް ލިބެއެވެ. އެ ގައުމުގެ ކޮންޓެއިނާ ޓާމިނަލްތަކުގައި އޮޓޮމެޓިކް ކްރޭންތަކާއި، ކޮންޓެއިނާ ހެންޑްލިން ސިސްޓަމްތަކާއި، ޒަމާނީ ޓާމިނަލް މެނޭޖްމަންޓް ސިސްޓަމްތައް ފަދަ ޒަމާނީ ޓެކްނޮލޮޖީތައް ބަހައްޓާފައިވެއެވެ. މި ޓެކްނޮލޮޖީތަކުގެ ސަބަބުން ބަނދަރުގެ ފުރިހަމަކަން އިތުރުވެ، ބޯޓުތަކަށް ޓާނަރައުންޑް ވަގުތު ކުޑަވެގެންދެއެވެ.

ސިންގަޕޫރު ބަނދަރަށް ޑިމާންޑް ބޮޑުވާ އަނެއް ސަބަބަކީ ފްރީ ޓްރޭޑް ޒޯންތަކާއި ޓެކްސްތައް ކުޑަވުމެވެ. ޓްރާންސްޝިޕްމަންޓް ހަރަކާތްތަކަށް ފްރީ ޓްރޭޑް ޒޯންތަކާއި ޓެކްސް އިންސެންޓިވްސް އެ ގައުމުގައި ލިބެއެވެ. އެއީ ޓެކްސްއާ ނުލައި ނުވަތަ ޑިއުޓީއެއް ނުނަގައި މުދާ ޓްރާންސްފާ ކުރުމަށް ބޯޓްތަކަށް ލިބޭ ފުރުސަތެކެވެ.

ކަނޑު ދަތުރުފަތުރުގެ އިތުރު ހިދުމަތްތައް ވެސް ދެވޭނެ

ރާއްޖޭގެ 99 ޕަސެންޓަކީ ކަނޑު ކަމަށްވާއިރު ހުރިހާ ގޮތަކުން ވެސް ފައިދާ ނަގަން ޖެހެއެވެ. މިއީ ދުނިޔެ މަތީގެ ސުވަރުގެއެވެ. ކޮންމެ އަހަރަކު މިލިއަނަކަށް ވުރެން ގިނަ ޓޫރިސްޓުން ރާއްޖެ އާދެއެވެ. މި އަދަދު އިތުރު ކުރެވެން އެބައޮތެވެ. އެއީ ކަނޑު މަގުން ދަތުރު ކުރާ ޓޫރިސްޓުންނަށް އިތުރު ފުރުސަތުތައް ދީގެންނެވެ.

https://sun.mv/168425

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓް (މާޔާ)ގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިގޮތުގައި ރާއްޖޭގެ އިގުތިސާދު އެހެން ހަރުފަތަކަށް ގެންދިއުމަށް، ކްރޫޒް ޓާމިނަލްއަކާއި ޓްރާންސިޓް ބަނދަރެއްގެ އިތުރުން މެރީނާތައް ރާއްޖެއަށް ވަރަށް މުހިންމު ކަމަށެވެ. އެއީ ރާއްޖެ އުފެދިފައިވާ ގޮތާއީ ރާއްޖެ މިއޮތް ލޮކޭޝަނަށް ބަލައި އެންމެ ބޮޑު އެޑްވާންޓޭޖެއް ނެގޭނެ ދާއިރާތައް ކަމަށް އޭނާ ވިދާޅުވިއެވެ.

"ވަރަށް ޑިމާންޑް އެބައޮތް. މިހާ ބޮޑު ކަނޑެއްގެ މެދުގައި އޮތީމައި. ރާއްޖެ އޮތް ލޮކޭޝަންގެ ގޮތުން ވެސް ޑިމާންޑް ބޮޑުވޭ." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވިގޮތުގައި ކުރޫޒް ލައިނާތަކާއި ސުޕަ ޔޮޓްތަކުގެ ޑިމާންޑް ރާއްޖެއަށް ވަރަށް ބޮޑު ކަމަށެވެ. ނަމަވެސް އެ އުޅަނދުތަކަށް ރާއްޖެއަށް ދަތުރު ނުކުރެވެނީ ބަނދަރެއް ނެތުމުގެ ސަބަބުން އަރައި ފޭބުމާއި އިތުރު ހިދުމަތްތައް ހޯދަން ހުރި ދަތިތަކުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު ރާއްޖެ އަންނަ ކުރޫޒުލައިނާތަކުގައި އެތައް ހާސް ޓޫރިސްޓުންނެއް އާދެއެވެ. މާލެ ކައިރި އެ ބޯޓްތައް ބަނދަރު ކުރާއިރު އެ ޓޫރިސްޓުން މާލެއާއި އެހެން ރަށްތަކަށް ބާލަން ޖެހެނީ ފެރީ ދޯނިތައް ބޭނުންކޮށްގެންނެވެ. މާލެ އަރުވައި ބޭލުމަށް ވަކި ހާއްސަ ސަރަހައްދެއް ނުހުރެއެވެ. މިކަންކަމުގެ ސަބަބުން ޓޫރިސްޓުންގެ ރައްކާތެރިކަމަށް ވެސް ގޮންޖެހުންތައް ކުރިމަތިވެއެވެ. އަދި ބޯޓްތަކަށް ބޭނުންވާ ގިނަ ހިދުމަތްތައް ވެސް ރާއްޖޭން ނުލިބެއެވެ. ނަތީޖާއަކަށް ވަނީ އެ ބޯޓްތަކުން ރާއްޖެއަށް އައުމުގެ ބަދަލުގައި އިންޑިއާއި ލަންކާފަދަ ބަނދަރުތައް ހުންނަ ގައުމުތަކަށް ދަތުރުތައް ކުރުމެވެ.

މިހާރު ރާއްޖެއަށް ގިނަ ޓޫރިސްޓުން އަންނަނީ ވައިގެ މަގުންނެވެ. ނަމަވެސް ދުނިޔޭގެ ގައުމުތަކަށް ކަނޑުމަގުން ޓޫރިސްޓުން ގެނައުމަކީ ވެސް ފައިދާ ބޮޑު ވިޔަފާރިއެކެވެ. އަވައްޓެރި ލަންކާ އާއި އިންޑިއާ ފަދަ ގައުމުތަކުގައި ކުރޫޒްލައިނާތަކަށް ޚާއްސަ ޓާމިނަލްތައް ހުރެއެވެ. އެ ތަންތަނުން ކުރޫޒުލައިނާތަކަށް މީހުންނާއި މުދާ އެރުވުމާއި ބޭލުމުގެ ހިދުމަތްތައް ދެއެވެ. މިއީ އެ ގައުމުތަކުން ބޮޑު ފައިދާއެއް ނަގާ ހިދުމަތެވެ.

އެފަދަ ކުރޫޒު ޓާމިނަލެއް ހުޅުމާލޭގައި ހެދުމަށް އެ އަވަށުގެ މާސްޓާ ޕްލޭންގައި ވަނީ ހިމަނާފައެވެ. ނަމަވެސް އެއްވެސް އަމަލީ މަސައްކަތެއް އޮތީ ނުކޮށެވެ. އެގޮތަށް އޮއްވައި މިސަރުކާރުން ވަރަށް ފަހުން ވަނީ އެ ސަރަހައްދުން މާލޭ ރައްޔިތުންނަށް ގޯތި ދޫކުރަން ނިންމައި ޕްލޭން ބަދަލު ކުރުމުގެ މަސައްކަތްތައް ފަށައިފައެވެ.

ނަޝީދު ވިދާޅުވިގޮތުގައި ބޭރުގެ އުޅަނދު ފަހަރު ރާއްޖެއަށް އައުމަށް އޮތް އަނެއް ހުރަހަކީ ރާއްޖޭގެ ބޮޑުބައި ޗާޓް ކުރެވިފައި ނެތުމެވެ. އެކަން ކުރެވިއްޖެނަމަ ގިނަ އުޅަނދު ފަހަރު ރާއްޖެ ގެނައުމަށް ފަސޭހަ ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަން ރާއްޖޭގައި ނުވަނީ ކީއްވެ؟

ރާއްޖޭގެ އުތުރުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ހެދުމުގެ ވާހަކަ، 30 އަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުން ވެސް ދެއްކިއެވެ. ބޭނުންހާ ކަމެއް ކުރަން ފުރުސަތު ލިބުނު އެ ދިގު ވެރިކަން ނިމިގެން ދިޔައީ އެކަން ނުވެއެވެ. އޭގެ ފަހުން ރާއްޖެ ދުށް، ވަރަށް ވިޝަނަރީ ބޭފުޅެއްކަމަށްވާ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެކަމުގެ މަސައްކަތްތަކެއް ކުރިއެވެ. "އައިހެވަން" ނަމުގައި އިހަވަންދިއްޕޮޅު ޓްރާންސްޝިޕްމަންޓް ބަނދަރެއްގެ ގޮތުގައި ތަރައްގީ ކުރުމަށް މާސްޓާ ޕްލޭނެއް ވެސް އެކުލަވާލިއެވެ. ނަމަވެސް އެ ސަރުކާރު ނިމިގެން ދިޔައީ ވެސް އެކަން ނުވެއެވެ.

ހއ. އަތޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ހެދުމަކީ މިހާރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކެމްޕެއިންގައި ވެސް އެންމެ ބާރަށް ދެއްކި އެއް ވާހަކައެވެ. ނަމަވެސް މިސަރުކާރުގައި ވެސް އެ މަޝްރޫއު ނުހިނގައެވެ.

ދާދިފަހުން މިވަނީ އިހަވަންދިއްޕޮޅުގައި ތެލުގެ ސްޓޯރޭޖެއް ހަދައި، ބަންކަރިންގެ ހިދުމަތް ދިނުމަށް އެސްޓީއޯއިން ގަތަރުގެ އާބަކޮން ޓްރޭޑިން އެންޑް ކޮންޓްރެކްޓިން (ޔޫސީސީ) އާ ހަވާލުކޮށްފައެވެ. އެއަށްފަހު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ އެ ބަންކަރިން ހިދުމަތަކީ ރާއްޖޭގެ މުޅި އިގްތިސާދު ބަދަލުކޮށްލާ ވަރުގެ ޕްރޮޖެކްޓެއް ކަމަށެވެ.

ގިނަ ސަރުކާރުތަކަކުން މި ހުވަފެން ދެއްކި ނަމަވެސް މިހާ ދުވަސްވީއިރު ވެސް އަމަލީ މަސައްކަތެއް ފެށިފައިނުވާތީ އަޑި ނޭނގޭ ގިނަ ކަންތައްތަކެއް ވާކަން ވަރަށް ސާފެވެ. ދާއިރާގެ ތަޖުރިބާކާރުންނާއި ބައެއް ސިޔާސީ ބޭފުޅުން ތުހުމަތު ކުރައްވާގޮތުގައި މިހާ ބޮޑު ނަފާއެއް ލިބޭ ކަމެއް ރާއްޖޭގައި ނުފެށިގެން މިއުޅެނީ ބައެއް ގައުމުތަކުގެ ނުފޫޒުންނެވެ.

"ރާއްޖޭގެ ހުރިހާ ވެރިކަމެއްގައި ވެސް ޓްރާންސްޝިޕްމަންޓް ބަނދަރު ގާއިމްކުރަން މަސައްކަތްކުރި. އެކަމަކު ސްރީލަންކާއާއި އިންޑިއާއާއި ސިންގަޕޫރާއި، މި ގައުމުތަކުގެ ވިޔަފާރި ކުންފުނިތަކުން އައިސް އެކި ގޮތްގޮތުން ލޮބީކޮށްގެން އެ ކަން ރާއްޖެއަށް ވިޔަނުދީ ހިފަހައްޓައިފައި އޮތީ،" ރިޔާސީ އިންތިޚާބަށް ވާދަކުރައްވާ އުމަރު ނަސީރު ވިދާޅުވިއެވެ.

މިކަންކަން ރާއްޖޭގައި ނުވާނެކަމަށް ގަބޫލު ކުރާނެ މީހުން ތިބުމަކީ މައްސަލައެއް ނޫނެވެ. ރާއްޖޭގައި ޓޫރިޒަމް ފެށުމަށް އިބްރާހީމް ނާސިރުގެ ވެރިކަމުގައި ފުރަތަމަ ހެދި ދިރާސާއަށް ފަހު ލަފާ ދިނީ ފަތުރުވެރިކަން ރާއްޖޭގައި ކުރި ނޭރުވޭނެ ކަމަށެވެ. ރާއްޖެ އުފެދިފައިވާ ގޮތާއީ ވަސީލަތްތައް ހުރި ގޮތުން ކަމަށް ބުނެއެވެ. ނަމަވެސް ކުޑަކުޑަކޮށް ފަށައި މިއަދު ރާއްޖެއަކީ މުޅި ދުނިޔޭގައި ވެސް އެންމެ ފުޅާކޮށް ޓޫރިޒަމްގެ ހިދުމަތްދޭ އެއް ގައުމެވެ. މުޅި ގައުމު ހިންގަމުން މިއަންނަނީ އެ އާމްދަނީއިންނެވެ.

ޓޫރިޒަމްގެ އިތުރުން ރާއްޖެއަށް އެވަރަށް ފައިސާ ވަންނާނެ އިތުރު އިންޑަސްޓްރީއެއް ލިބިއްޖެނަމަ ރާއްޖެއަށް އޮތީ އުޖާލާ ދުވަސްތަކެކެވެ. އެކަން ކުރެވެން އޮތީ ރާއްޖެ މިއޮތް ސަރަހައްދުގެ ބޭނުން ހިފައިގެންނެވެ. ކަނޑުދަތުރުފަތުގެ ދާއިރާއަށް ހިދުމަތްތައް ދީގެން ފައިދާ ނެގެން އެބައޮތެވެ. ލަސްނުކޮށް މިކަން ކުރަން ޖެހެއެވެ.

comment ކޮމެންޓް