ގޫގަލް އިން އެކުންފުނީގެ އެންމެ ފަހުގެ އުފެއްދުން ކަމުގައިވާ "ޕިކްސެލް" ފޯނު ތައާރަފްކޮށްފިއެވެ.
އެކުންފުނިން ރޭ ތައާރަފްކުރި މި ފޯނު ވެގެން ގޮސްފައިވަނީ އެންޑްރޮއިޑްގެ އެންމެ ފަހުގެ އަޕްޑޭޓްކަމުގައިވާ ނޯގަޓް 7.1 އޯއެސް އާއެކު ނެރޭ ދުނިޔޭގެ އެންމެ ފުރަތަމަ ފޯނަށެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މި ފޯނަކީ ދާދި ފަހުން އެޕަލް އިން ނެރުނު އައިފޯނު 7 ގެ ފޯނުތަކަށް ގޮންޖަހާލާ ވަރުގެ ފޯނެކެވެ. ސަބަބަކީ އައިފޯނުގައި ހިމެނޭ ޓެކްނޮލޮޖީތައް ގޫގަލްގެ ޕިކްސެލްގައިވެސް ހިމެނޭ ކަމެވެ. ޕިކްސެލް އަކީ ގޫގުލް ކުންފުނިން އަމިއްލައަށް ޑިޒައިންކޮށް އުފައްދައި ޓެސްޓުކޮށްފައިވާ ފޯނެކެވެ.
This is #Pixel. The first phone #madebygoogle, inside and out. Find out more → https://t.co/bZFnoCg3oF pic.twitter.com/drtTuJKNgv
— Google (@google) October 4, 2016
ޕިކްސެލް ނެރެފައިވަނީ ދެ ސައިޒަކަށެވެ. އެގޮތުން ޕިކްސެލްގެ އާދައިގެ ސައިޒްގެ ފޯނުގައި ހުންނާނީ ފަސް އިންޗިއެވެ. "ޕިކްސެލް އެކްސްއެލް"ގެ ސައިޒަކީ 5.5 އިންޗިއެވެ.
މި ފޯނުގައި އައިފޯނުގައި ހިމެނޭ "ސިރީ" އާ ދާދި އެއްވައްތަރުގެ ވަރޗުއަލް އެސިސްޓެންޓެއް ހިމެނޭކަމަށާއި ޕިކްސެލްގެ ކެމެރާގެ ކޮލެޓީވެސް ވަރަށް ރަނގަޅުކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން ކެމެރާ ކޮލިޓީގައި 12.3 މެގަޕިކްސެލް ހުންނާނެ ކަމަށް ވެއެވެ.
މި ފޯނު އުފައްދާފައިވަނީ ތިން ކުލައަކަށެވެ. އެއީ "ވެރީ ސިލްވާ" އާއި "ކުއައިޓް ބްލެކް"ގެ އިތުރުން ރިއަލީ ބްލޫ"، މި ތިން ކުލައެވެ. މި ކުލަތަކުގެ ތެރެއިން ރިއަލީ ބްލޫ ކުލައިގެ ފޯނު އުފައްދާނީ ލިމިޓެޑް އެޑިޝަން ސީރީސް އެއްގެ ގޮތުގައި ކަމަށް އެކުންފުނިން ހާމަ ކުރެއެވެ.
މީގެ އިތުރުން ޕިކްސެލް ފޯނު އުފައްދާފައިވަނީ އެލުމިނިއަމް ބޭނުން ކޮށްގެންނެވެ. ގޫގުލް އިން ބުނެފައިވާ ގޮތުގައި ޕިކްސެލް ސީރީޒްގެ ފޯނުތައް އުފެއްދުމަށް ނިންމި ނިންމުމަކީ އެ ކުންފުނިން ނެގި ރިސްކެކެވެ.