އީލޮން މަސްކުގެ މިލްކިއްޔާތު 900 ބިލިއަން ޑޮލަރަށްވުރެ ދަށަށް ވެއްޓިއްޖެ

މަސްކު އަދިވެސް ހުރީ ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމުގައި ---

ސްޕޭސްއެކްސްގެ ހިއްސާގެ އަގުތައް އައިޕީއޯ އަށްފަހު ދަށަށް ދާން ފެށުމާ ގުޅިގެން، ދުނިޔޭގެ އެންމެ މުއްސަނދި މީހާ ކަމަށްވާ އީލޮން މަސްކުގެ މިލްކިއްޔާތު 900 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ދަށަށް ވެއްޓިއްޖެއެވެ.

ހޯމަ ދުވަހު ސްޕޭސްއެކްސްގެ ހިއްސާގެ އަގު 4.45 އިންސައްތަ ދަށަށް ގޮސް، ހިއްސާއެއްގެ އަގު ވަނީ ގާތްގަނޑަކަށް 140 ޑޮލަރަށް ތިރިވެފައެވެ. މިއީ އެ ކުންފުނި ހިއްސާގެ ބާޒާރަށް ނެރުނުއިރު ކަނޑައެޅި 135 ޑޮލަރުގެ އަގާ ވަރަށް ކައިރި އަދަދެކެވެ.

ހިއްސާގެ އަގަށް އައި މި ބަދަލާއެކު ފޯބްސްގެ ރިއަލް-ޓައިމް ބިލިއަނަރުންގެ ލިސްޓުން ދައްކާ ގޮތުގައި މަސްކުގެ މިލްކިއްޔާތުން 37 ބިލިއަން ޑޮލަރު ވަނީ މަދުވެފައެވެ. މިއާއެކު އޭނާގެ މިހާރުގެ ޖުމްލަ މިލްކިއްޔާތަކީ 882.7 ބިލިއަން ޑޮލަރެވެ. މިދިޔަ ޖޫން މަހުގެ 12 ގައި ސްޕޭސްއެކްސް ހިއްސާގެ ބާޒާރަށް ނެރުމާއެކު ކުންފުނީގެ އަގު 2.7 ޓްރިލިއަން ޑޮލަރަށް އަރައި، ޖޫން 16 ގައި މަސްކު ވަނީ ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަށް ވެފައެވެ. ނަމަވެސް އޭގެ ފަހުން ކުންފުނީގެ ހިއްސާގެ އަގު ވަނީ 38 އިންސައްތައަށްވުރެ ބޮޑަށް ދަށަށް ގޮސްފައެވެ.

https://sun.mv/223268

މިލްކިއްޔާތުން ބޮޑު ބައެއް އުނިވި ނަމަވެސް، މަސްކު އަދިވެސް ހުރީ ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމުގައެވެ. އޭނާގެ ފަހަތުން ދެން އެންމެ މުއްސަނދި މީހުންގެ ގޮތުގައި ލިސްޓުގައި ހިމެނެނީ ގޫގުލްގެ ކޯ-ފައުންޑަރުން ކަމަށްވާ ލެރީ ޕޭޖް އަދި ސާގޭ ބްރިންއެވެ.

މަސްކުގެ މިލްކިއްޔާތުގެ ދެބައިކުޅައެއްބަޔަށްވުރެ ބޮޑު ބައެއް ހިއްސާކުރަނީ ސްޕޭސްއެކްސްގައި އޭނާގެ އޮންނަ 38 އިންސައްތަ ހިއްސާއެވެ. މީގެ އިތުރުން ޓެސްލާ ކުންފުނީގެ 11 އިންސައްތަ ހިއްސާވެސް އޭނާ ބަލަހައްޓައެވެ.

ސްޕޭސްއެކްސްގެ ހިއްސާގެ އަގު މިހާރު ދަށަށް ދިޔަ ނަމަވެސް، ވޯލް ސްޓްރީޓްގެ މާހިރުން ގަބޫލުކުރާ ގޮތުގައި ކުރިއަށް އޮތް ތަނުގައި މި ކުންފުނީގެ ހިއްސާގެ އަގު ވަރަށް ބޮޑަށް މަތިވާނެއެވެ.

ބައެއް ބްރޯކަރުން ލަފާކުރާ ގޮތުގައި ހިއްސާއެއްގެ އަގު އެވްރެޖްކޮށް 236 ޑޮލަރަށް އަރާނެއެވެ. އަދި ރޭމަންޑް ޖޭމްސް ފަދަ މާލީ އިދާރާތަކުން ލަފާކުރާ ގޮތުގައި ކުރިމަގުގައި ސްޕޭސްއެކްސްގެ ހިއްސާއެއްގެ އަގު 800 ޑޮލަރަށް އަރައި، ކުންފުނީގެ ޖުމްލަ އަގު 10 ޓްރިލިއަން ޑޮލަރަށްވުރެ މައްޗަށް ޖެހިލާނެއެވެ.

comment ކޮމެންޓް