ޕާކިސްތާނުގައި ދަރިވަރުންނަށް 500,000 ކްރޯމްބުކް ދިނުމުގެ މަޝްރޫއެއް ފަށައިފި

އިސްލާމްއާބާދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިމަޝްރޫޢު އިފްތިތާހުކޮށްދެއްވީ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ---

ޕާކިސްތާނުގެ ޑިޖިޓަލް ތައުލީމު ފުޅާކުރުމުގެ މަގުސަދުގައި ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އެ ގައުމުގެ ދަރިވަރުންނަށް 500,000 ކްރޯމްބުކް ބެހުމަށް ނިންމައި، އެ މަޝްރޫއު ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ.

އިސްލާމްއާބާދުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި "ޕްރައިމް މިނިސްޓާސް ޔޫތު ކްރޯމްބުކް ސްކީމް" އިފުތިތާހުކޮށްދެއްވީ ބޮޑުވަޒީރު ޝަހްބާޒް ޝަރީފެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވިދާޅުވީ ޒުވާނުންނަށް ޒަމާނީ ޓެކްނޮލޮޖީ ފޯރުކޮށްދިނުމަކީ ދައުލަތުގެ އިޖުތިމާއީ ޒިންމާއެއް ކަމަށެވެ. އަދި ދަރިވަރުންނަކީ ޕާކިސްތާނުގެ އެންމެ ބޮޑު ރައުސްމާލު ކަމަށާއި، މި ތަކެތި ހަވާލުކުރެވޭނީ ކޮންމެ މީހެއްގެ މާލީ ތަނަވަސްކަމަށް ބެލުމެއް ނެތި، ހަމައެކަނި ގާބިލުކަމާއި މެރިޓަށް ބަލައިގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ބޮޑުވަޒީރު ފާހަގަކުރެއްވި ގޮތުގައި މި ކްރޯމްބުކްތަކުގެ ސަބަބުން ދަރިވަރުންނަށް އޮންލައިންކޮށް ކްލާސްތަކުގައި ބައިވެރިވުމާއި، ޑިޖިޓަލް ހުނަރުތައް ތަރައްގީކުރުމާއި، ވަޒީފާގެ ފުރުސަތުތައް ހޯދުމަށް މަގުފަހިވާނެއެވެ. މީގެ އިތުރުން ވިދާޅުވީ ވިސްނުމާއި ހުނަރުގެ ގޮތުން ފަހަތަށް ޖެހުނަނުދީ ދަރިވަރުން ކުރިއަށްގެންދިއުމަށް މިފަދަ ވަސީލަތްތައް މުހިންމު ކަމަށެވެ.

https://sun.mv/228918

ޕާކިސްތާން މުސްލިމް ލީގު-ނަވާޒް (ޕީއެމްއެލް-އެން) އިން ކުރިން ވެރިކަން ކުރި 10 އަހަރުގެ ތެރޭގައި 600,000 ލެޕްޓޮޕް ބަހާފައިވާކަން ފާހަގަކުރައްވައި، ބޮޑުވަޒީރު ވިދާޅުވީ އާ ޕްރޮގްރާމުގެ އަމާޒަކީ އެންމެ ދެ އަހަރު ތެރޭގައި 500,000 ކްރޯމްބުކް ފޯރުކޮށްދިނުން ކަމަށެވެ. އަދި ފަގީރުކަމުގެ ސަބަބުން ހުނަރުވެރި ދަރިވަރުންނަށް ޓެކްނޮލޮޖީއާއި ތައުލީމީ ފުރުސަތުތަކުން މަހްރޫމްވެގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.

މި ސްކީމުގެ ދަށުން ސްކޫލްތަކާއި ކޮލެޖްތަކާއި ޔުނިވަސިޓީތަކުގެ ދަރިވަރުންގެ އިތުރުން ދީނީ މަދަރުސާތަކުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށްވެސް ކްރޯމްބުކް ލިބޭނެއެވެ. މާޒީގައިވެސް ޔުނިވަސިޓީތަކާއި ކޮލެޖްތަކުގެ އިތުރުން ފާހަގަކޮށްލެވޭ ދީނީ މަދަރުސާތަކުގެ ދަރިވަރުންނަށް ލެޕްޓޮޕް ފޯރުކޮށްދީފައިވާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

ތައުލީމީ ދާއިރާއަށް އިންވެސްޓްކުރުމުގެ މުހިންމުކަމާ މެދު ވާހަކަފުޅު ދައްކަވަމުން، އިސްލާމްއާބާދުގައި އެންމެ ފަހުން ހުޅުވި ދާނިޝް ސްކޫލުގެ މިސާލު ބޮޑުވަޒީރު ނެންގެވިއެވެ. އަދި ތައުލީމަކީ ގަހަނާއެއް ކަމަށާއި، ކޮންމެ ތަނަކުން އައި ކަމުގައި ވިޔަސް ތައުލީމުގެ ސަބަބުން މުޖުތަމައުގައި އެ މީހަކީ ޚާއްސަ މީހަކަށް ވެގެންދާނެ ކަމަށް ވިދާޅުވެ، ސަރުކާރުތަކުން ތައުލީމަށް އިސްކަންދޭންޖެހޭ ކަމަށް ފާހަގަކުރެއްވިއެވެ.

މި އަހަރުގެ އޮގަސްޓް މަހު ބޮޑުވަޒީރު ވަނީ އެންމެ މަތީ ނަތީޖާ ހޯދާ 250,000 ދަރިވަރުންނަށް މި އަހަރު ކްރޯމްބުކް ދިނުމަށް ރާވާފައިވާކަން އިއުލާންކުރައްވާފައެވެ. މީގެ އިތުރުން ޕާކިސްތާނުގައި ފުރަތަމަ ފަހަރަށް ގޫގުލް ކްރޯމްބުކް އެސެމްބްލް ކުރާ ލައިނެއް މިދިޔަ އަހަރު ވަނީ ހުޅުވާފައެވެ.

ނައިބު ބޮޑުވަޒީރު އިޝާގް ދާރު ވިދާޅުވެފައިވަނީ އެސެމްބްލް ފެސިލިޓީގެ ސަބަބުން ވަޒީފާގެ ފުރުސަތުތައް އިތުރުވެ، ސަޕްލައި ޗެއިން ތަރައްގީވެ، ކުރިއަށް އޮތް ތަނުގައި ޓެކްނޮލޮޖީ އެކްސްޕޯޓް ކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

comment ކޮމެންޓް