ޕިކްސެލް 11 ޕްރޯ ފޯލްޑްގެ އައު ޑިޒައިނާއި ކުލަތައް ލީކުވެއްޖެ

ކުރީގެ ޕިކްސެލް 10 ޕްރޯ ފޯލްޑްއާ އަޅައިބަލާއިރު، އައު ފޯނުގެ ކެމެރާ ބަމްޕް ހަނިވާނެ ----

ގޫގުލްގެ ފަތްޖަހާލެވޭ އައު ފޯނު "ޕިކްސެލް 11 ޕްރޯ ފޯލްޑް" ގެ އައު ޑިޒައިނާއި ކުލަތައް ހާމަވާ ފޮޓޯއެއް ލީކުވެ، ގިނަ ބައެއްގެ ސަމާލުކަން މި ފޯނަށް ހުއްޓިއްޖެއެވެ.

'މިސްޓިކް ލީކްސް' ޓެލެގްރާމް ޗެނަލްއިން އާންމުކޮށްފައިވާ މި ރެންޑާއިން ފެންނަ ގޮތުގައި، މީގެ ކުރިން ލީކުވި ކަޅު ކުލައިގެ އިތުރުން، ފެހި ކުލައަކަށްދާ 'ޕައިން' ކުލައިގައިވެސް މި ފޯނު ލިބެން ހުންނާނެއެވެ. އަދި މި އައު ކުލައިގެ ފޯނުގެ އަރިމަތީ ފްރޭމާއި ގޫގުލް ލޯގޯ ފަރުމާކޮށްފައިވަނީ ރަން ރީނދޫ (ލައިޓް ގޯލްޑް) ކުލައަކުންނެވެ.

މި ފަހަރުގެ ލީކުން އެންމެ ބޮޑަށް ފާހަގަވަނީ ފޯނުގެ ފަހަތު ކެމެރާ ހައުސިންއަށް ގެނެސްފައިވާ ބަދަލުތަކެވެ.

ކުރީގެ ޕިކްސެލް 10 ޕްރޯ ފޯލްޑްއާ އަޅައިބަލާއިރު، އައު ފޯނުގެ ކެމެރާ ބަމްޕް ހަނިވެފައި، ކެމެރާ ލެންސްތައް ހުންނާނީ ބަމްޕްގެ އަރިމައްޗަށް ވާގޮތަށެވެ. މީގެ އިތުރުން މައި ކެމެރާއާއި އަލްޓްރާވައިޑް ކެމެރާ ތިރިއަށް ބަދަލުކޮށް، ފްލޭޝް ލައިޓް ކުރިއަށްވުރެ ބޮޑުކޮށްފައިވާއިރު، މައިކްރޯފޯންވެސް ވަނީ ކެމެރާ ބަމްޕްގެ އެތެރެއަށް ފިޓްކޮށްފައެވެ.

މީގެ ކުރިން ލީކުވި ކަޅު ކުލައިގެ އިތުރުން، ފެހި ކުލައަކަށްދާ 'ޕައިން' ކުލައިގައިވެސް މި ފޯނު ލިބެން ހުންނާނެ ----

މި ފޯނުގެ ބާރު ގަދަ ކުރުމަށް ގޫގުލްގެ އަމިއްލަ "ޓެންސާ ޖީ6" ޗިޕްސެޓް ބޭނުންކުރާނެ ކަމަށް ރިޕޯޓްތައް ބުނާއިރު، މިއީ ކުރީގެ މޮޑެލްއަށްވުރެ ހަނި އަދި ތުނި ފޯނަކަށް ވާނެއެވެ. އަދި މީގައި 4,800މިލީއެމްޕަޔާގެ ބެޓެރީއަކާއި، މާ ފުރިހަމަ މައި ކެމެރާއެއް ހިމެނޭނެ ކަމަށް ބެލެވެއެވެ. ހަމައެހެންމެ، ފޯނުގެ ބޮޑު ފްލޭޝް ލައިޓާއެކު ނޮޓިފިކޭޝަންތަކާއި ޖެމިނައި އޭއައިއަށް ޚާއްޞަ "ޕިކްސެލް ގްލޯ" ފީޗާއެއް އަތުވެދާނެ ކަމުގެ އަޑުތައްވެސް ވަނީ ގަދަވެފައެވެ.

ގޫގުލްއިން ވަނީ އެ ކުންފުނީގެ ޚާއްޞަ "މޭޑް ބައި ގޫގުލް" އިވެންޓް އަންނަ އޮގަސްޓް މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައެވެ.

މި އިވެންޓުގައި ޕިކްސެލް 11 ޕްރޯ ފޯލްޑްގެ އިތުރުން ޕިކްސެލް 11، ޕިކްސެލް 11 ޕްރޯ އަދި ޕިކްސެލް 11 ޕްރޯ އެކްސްއެލް ރަސްމީކޮށް ދައްކާލާނެއެވެ.

ގޫގުލްއިން މި ފޯނުތަކުގެ ތަފުސީލް ރަސްމީކޮށް ހާމަކުރަންދެން މި މައުލޫމާތުތަކަކީ އަދި ކަށަވަރުނުވާ ލީކުތަކެއްގެ ގޮތުގައި ބެލެވެއެވެ.

comment ކޮމެންޓް