ފުލުހުންނަށް ބިރު ދެއްކި ކަމުގެ ތުހުމަތުގައި އަލީ ޝިޔާމްގެ ބަޔާން ނަގައިފި

ފުލުސް އޮފީހުން ނުކުމެވަޑައިގަތުމަށްފަހު އަލީ ޝިޔާމްގެ ގާނޫނީ ވަކީލު ހަސަން ލަތީފް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ ---- ސަން ފޮޓޯ: ފަޔާޒު މޫސާ

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް އަލީ ޝިޔާމް ފުލުހުންނަށް ބިރު ދެއްކި ކަމުގެ ތުހުމަތުގައި ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނަގައިފިއެވެ.

މިއަދު މެންދުރުފަހު ފުލުސް އޮފީހަށް ހާޒިރުވެ ބަޔާން ދެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަލީ ޝިޔާމް ވިދާޅުވީ އެއްވެސް އިރެއްގައި އެއްވެސް ފުލުހަކަށް އޭނާ ބިރު ދައްކާފައިނުވާނެ ކަމަށެވެ.

އަލީ ޝިޔާމްގެ ގާނޫނީ ވަކީލު ހަސަން ލަތީފް ވިދާޅުވީ ފުލުހުން ތުހުމަތުކުރަނީ އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުންނަ 'ބްރޭކް ވޯޓާ' ރެސްޓޯރެންގައި ތިބި ފުލުހުންގެ ބަޔަކަށް އަލީ ޝިޔާމް ބިރުދައްކާފައިވާ ކަމުގެ ތުހުމަތު ކަމަށެވެ.

އޭނާގެ މައްޗަށް އެ ތުހުމަތުތައް ކޮށްފައި ވަނީ ގާނޫނުނުލް އުގޫބާތުގެ 120، 122، 511 ވަނަ މާއްދާއާ ހަވާލާދީ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވި އެވެ.

"އަނިޔާއެއް ދީފާނެ ކަމުގެ ބިރު ދެއްކުމާއި ދޮގު މައުލޫމާތު ދީގެން ބިރުދެއްކުމާއި ރަސްމީ ހައިސިއްޔަތަކުން ފުލުހުން ކުރާ ކަމަކަށް ބިރުދެއްކުމުގެ ތުހުމަތުގައި އަލީ ޝިޔާމް ހާޒިރުކޮށްފައިވަނީ،" ހަސަން ލަތީފް ވިދާޅުވި އެވެ.

ނަމަވެސް އެ ތުހުމަތުތަކަށް އިންކާރުކޮށް އަލީ ޝިޔާމް ފުލުހުންނަށް ބަޔާނެއް ދީފައިވާ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ ސަން އަށް ވިދާޅުވީ އަލީ ޝިޔާމް މިއަދު ހާޒިރުކުރީ ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ ތަފްސީލު އަދި ހާމަކުރެވެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގާނޫނުލް އުގޫބާތުގެ 120 ވަނަ މާއްދާގައި ބުނަނީ މީހެއްގެ ރުހުމަކާ ނުލައި އޭނާގެ ގައިގައި އަތްލުމާއި އަނިޔާކުރުމާއި އަނިޔާއެއްދީފަނެކަމުގެ ބިރުދެއްކުމަކީވެސް ކުށެއް ކަމަށެވެ.

ގާނޫނުލް އުގޫބާތުގެ 122 ވަނަ މާއްދާގައި ބުނެފައި ވަނީ މީހަކަށް ބިރުދެއްކުމާއި ދޮގު ޚަބަރު ދިނުމަކީ ކުށެއް ކަމަށެވެ.

ގާނޫނުލް އުގޫބާތުގެ 511 ވަނަ މާއްދާގައި ވަނީ ރަސްމީ ހައިސިއްޔަތަކުން މީހަކު ކުރާ ކަމަކާއި އޭނާ ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމަކީ ވެސް ކުށެއް ކަމަށެވެ.

comment ކޮމެންޓް