މުދާއުފުލާ ތިން އުޅަނދެއްގެ ހަބަރެއް ނުވެގެން ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފި

ކޯސްޓުގާޑް ލޯންޗެއް -- ފައިލް ފޮޓޯ: އެމްއެންޑީއެފް

މާލެއިން ފުރައިގެން އަރިއަތޮޅަށް ދަތުރުކުރި ސަޕްލައި ދޯންޏަކާއި ލ. އަތޮޅުން ފުރައިގެން ގދ. އަތޮޅަށް ދަތުރުކުރަމުން ދިޔަ ދެ ދޯންޏެއްގެ ހަބަރެއް ނުވެގެން އެ ތިން ދޯނި ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ފަށައިފި އެވެ.

އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރު މޭޖާ އަދުނާން މުޙައްމަދު މިއަދު ސަންއަށް ވިދާޅުވީ، އިއްޔެ މެންދުރު 13:00ގައި މާލެއިން ފުރައިންގެ އއ. ކުރަމައްޗަށް ދަތުރުކުރަމުން ދިޔަ "މާރަނަ 4" ނަމަކަށް ކިޔާ ސަޕްލައި ދޯނީގެ ހަބަރެއް ނުވެގެން ހޯދަމުން ދާކަމަށެވެ. އެގޮތުން އެދޯނި، ކުރަމައްޗަށް ދެވޭނެ ކަމަށް ލަފާކޮށްފައިވާ ގަޑިއަކީ ރޭ 21:00 ކަމަށާއި އެހެން ނަމަވެސް އެހާތަނަށް އެ ދޯނީގެ ހަބަރެއް ނުވެގެން ކޯސްޓްގާޑަށް ރިޕޯޓްކުރުމާ ގުޅިގެން ކޯސްޓްގާޑްގެ ނޫރައްދީން ލޯންޗުން އެ ދޯނި ހޯދުމުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މާރަނަ ދޯނިން ދަތުރުކުރީ ދިވެއްސަކާއި ދެ ބިދޭސީންނެވެ. އެ ދޯންޏަކީ 75 ފޫޓްގެ ނޫ ކުލައިގެ ދޯންޏެކެވެ.

އެ ދޯނީގެ ހަބަރެއް އެންމެ ފަހުން ވެފައި ވަނީ ރޭ ނުވައެއް ޖަހާކަންހާއިރު އއ. ވެލިގަނޑު ކައިރިން ކަމަށް ދޯނީގެ ވެރިފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވާ ކަމަށް އަދުނާން ވިދާޅުވި އެވެ.

އަދުނާން ވިދާޅުވީ، ދެން ހަބަރެއް ނުވެގެން ހޯދަމުދާ އުޅަނދަކީ އިއްޔެ މެންދުރު ފަހު ވަގުތެއްގައި މާލެއިން ފުރައިގެން ހުވަދު އަތޮޅު "ރެސިޑެންސް ރިސޯޓް" އަށް ދަތުރުކުރި "އެޓޯލް އެކްސް ޕްރެސް" ސަޕްލައި ދޯނި ކަމަށެވެ. އެ ދޯނިން ހަތް މީހުން ދަތުރުކުރިކަމަށްވެ އެވެ.

މީގެ އިތުރުން ދެން ހޯދަމުން ދަނީ ފަސް މީހުންނާ އެކު މިމަހުގެ 23 ވަނަ ދުވަހު މެންދުރު ހުޅުލެއިން މުދާބަރުކޮށްގެން ތ. ދިޔަމިގިއްޔަށް ގޮސް ދިޔަމިގިލިން އިއްޔެ މެންދުރު ފުރައިގެން ހުވަދުއަތޮޅަށް ދަތުރުކުރަމުންދިޔަ "ނޫމަސް" ދޯނިކަމަށް އަދުނާން ވިދާޅުވި އެވެ.

ނޫމަސް ދޯންޏާއި އެޓޯލް އެކްސްޕްރެސް ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާގެ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވަމުން ދާކަމަށް އަދުނާން ވިދާޅުވި އެވެ. އެގޮތުން ސީޖީއެސް ޝަހީދު އަލީ، ރޭ މެންދަމު 1:35ން ފެށިގެން ހުވަދޫ ކަނޑުގައި ހަރަކާތްތެރިވަމުން އަންނަ ކަމަަށް ވެސްއޭނާ ވިދާޅުވި އެވެ.

މި ދޯނިތަކާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި، އެ މަޢުލޫމާތު ހިއްސާ ކުރުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެދެއެވެ.

comment ކޮމެންޓް