މުދާ އުފުލާ ސަޕްލައި ދޯނި "ފްރެންޑް 4" އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަނިކޮށް ގެއްލުނު ދިވެހި ފުލުހުންގެ ޚިދުމަތުގެ ސާޖަންޓް ޢަލީ ނާފިޢުގެ މައިންބަފައިންނާ، މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާން އަދި ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ބައްދަލުކުރައްވައިފިއެވެ.
ފުލުހުން މިއަދު ބުނީ މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ސާޖަންޓް ޢަލީ ނާފިޢުގެ މައިންބަފައިން ދިރިއުޅޭ ރަށް ކަމަށްވާ ނ. މަނަދޫއަށް މިނިސްޓަރާއި ސީޕީ ވަޑައިގެން ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޢަލީ އިޙްސާން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން އާއިލާއަށް ޚާއްސަ މެސެޖެއް ރައްދުކޮށްދެއްވާފައެވެ.
މީގެއިތުރުން، މިނިސްޓަރު ވަނީ ގެއްލުނު ފަރާތްތަކުގެ އާއިލާތަކުގެ ހިތާމައިގައި ސަރުކާރު ބައިވެރިވާކަން ހާމަކުރައްވައި، އޮފިސަރު ދެއްކެވި ގައުމީ ހިތްވަރު ފާހަގަކުރައްވާފައެވެ.
އަދި ގެއްލުނު ފަރާތްތައް ހޯދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ސަރުކާރުން ވަރަށް ގާތުން ބައްލަވަމުން ކުރިއަށްގެންދަވާ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ދެއްވިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި، އެ ބައްދަލުކުރެއްވުމުގައި ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ ސާޖަންޓް ޢަލީ ނާފިޢު ގައުމީ ވާޖިބު އަދާކުރައްވަމުން ގެންދަވަނިކޮށް ގެއްލުމާ ގުޅިގެން އާއިލާއަށް ކުރިމަތިވެފައިވާ ހިތާމައިގައި މުޅި ފުލުހުންގެ މުއައްސަސާ ބައިވެރިވާ ކަމަށް ވިދާޅުވެފައެވެ. އަދި ނާފިޢުގެ ޚިދުމަތުގެ ރޫހަށް ތައުރީފުކުރައްވައި، ހާލުގައި ޖެހިފައިވާ ބަޔަކަށް އެހީވުމަށް ނުކުމެ އޭނާ ދެއްކެވި ހިތްވަރަކީ ފުލުހުން އުފުލާ ބުރަ މަސްއޫލިއްޔަތު ރަމްޒުކޮށްދޭ ކަމެއްކަން ސީޕީ ފާހަގަކުރެއްވި ކަމަށް ފުލުހުން ބުންޏެވެ.
މީގެއިތުރުން، ނާފިޢު ހޯދުމުގެ މަސައްކަތުގައި ފުލުހުންގެ ހެޔޮދުޢާ އަބަދުވެސް އާއިލާއާއެކުވާނެ ކަމަށާއި ފުލުހުންގެ މުއައްސަސާ އަބަދުވެސް ސާބިތުކަމާއެކު އާއިލާއާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް ސީޕީ ދެއްވި ކަމަށް އެ ޚިދުމަތުން ބުންޏެވެ.
މި މަހުގެ 12 ވަނަ ދުވަހު، މިނިސްޓަރާއި ކޮމިޝަނާ އޮފް ޕޮލިސް ވަނީ ސާޖަންޓް ޢަލީ ނާފިޢުގެ އަންހެނުންނާއި، ދަރިފުޅާ ވެސް ބައްދަލުކުރައްވާފައެވެ.
މި މަހުގެ ދެވަނަ ދުވަހު ތިލަފުށިން މުދާ ބަރުކޮށްގެން ހުވަދު އަތޮޅަށް ދަތުރުކުރި "ފްރެންޑް 4" ސަޕްލައި ދޯނި ދިޔަވެ އަޑިއަށްދާ ކަމުގެ މަޢުލޫމާތު މި މަހުގެ ފަސްވަނަ ދުވަހުގެ ރޭ ލިބުމާ ގުޅިގެން، ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ވަނީ ސަލާމަތީ އޮޕަރޭޝަނެއް ހިންގާފައެވެ.
އެ އޮޕަރޭޝަންގައި ދޯނީގައި ތިބި އަށް މީހުންގެ ތެރެއިން ހަތް މީހުން ވަނީ ސަލާމަތްކޮށްފައެވެ.
މި ހާދިސާގައި ގެއްލިފައިވަނީ ދޯނީގެ ކެޕްޓަން ތ. މަޑިފުށި، ދޮންވެލި، މުޙައްމަދު ޙަމްދޫނާއި، މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވި ފުލުހުންގެ ސާޖަންޓް ޢަލީ ނާފިޢުގެ އިތުރުން އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދެވެ.
ގެއްލުނު ފަރާތްތައް ހޯދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން އަދިވެސް އަންނަނީ ކުރަމުންނެވެ. ނަމަވެސް އެ މީހުން ފެނުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.