އަންނަ މަހު ދެ ވަނަ ދުވަހު ސްކޫލްތައް ހުޅުވަނީ

ޑެންގީގެ ސަބަބުން ބަންދުކޮށްފައި ސްކޫލްތައް އަންނަ މަހު ދެ ވަނަ ދުވަހު ހުޅުވަން ނިންމައިފި އެވެ.

ރާއްޖޭގައި ފެތުރިގެން ދިޔަ ރޯގާތަކާއި ގުޅިގެން ސަރުކާރުން އުފައްދާފައިވާ ޓާސްކްފޯހުގެ ލަފާގެމަތިން ދިވެހި ރާއްޖޭގައި ހިންގާ ޕްރީ ސްކޫލްތަކާއި ސްކޫލްތަކުގައި ކިޔެވުން މެދުކަނޑާލައިފައި ވަނީ ޖޫން 30 ގަ އެވެ.

އެޑުކޭޝަން އިން މިއަދު ބުނީ ސްކޫލުތަކުގެ ކިޔަވައިދިނުން މެދު ކަނޑާލައިފައި އޮތުމަށްފަހު އަންނަމަހުގެ ދެ ވަނަދުވަހު ކިޔަވައިދިނުން ފެށުމަށް މިނިސްޓްރީން މިއަދު ނިންމާފައިވާ ކަމަށެވެ.

މިނިސްޓުރީގެ ކަލަންޑަރު ބުނާގޮތުން ދެން ކިޔަވާ ކުދިންނަށް ބަންދެން ލިބޭނީ މިޓާމުގެ މިޓް މިޑްޓާމްގައެވެ. އެއީ އޮގަސްޓު މަހު 30 އިން ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހަށެވެ.

މިއަހަރުގެ ފަހު ޓެސްޓް ބާއްވާނީ ނޮވެމްބަރު މަހު 4 އިން 18 އަށެވެ. މިއަހަރުގެ ކިޔެވުން ނިމޭނީ ނޮވެމްބަރު މަހުގެ 24 ގައެވެ.

ރާއްޖޭގެ ސްކޫލްތަކުގައި މިހާރު 64،000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލް ކުރާއިރު މިއަހަރު ކިޔަވައި ދިނުން ފަށާފައިވަނީ އާ މަންހަޖާއެކު އެވެ. މި އަހަރު އަލަށް އަމަލުކުރަން ފެށި މަންހަޖުގެ ދަށުން ދަރިވަރުން ސްކޫލުގައި ހޭދަ ކުރާ ވަގުތަށް ބަދަލު ގެނެސް ސްކޫލްތަކުގައި ކިޔަވައިދޭ ތަކެއްޗަށް ވެސް ބަދަލު ގެނެސްފައިވެ އެވެ. އަދި އާ މަންހަޖާ ގުޅިގެން ހާއްސަ ޓެކްސް ފޮތްތަކެއް ވެސް ވަނީ ތައާރަފުކޮށްފައެވެ.

ތައުލީމީ ދާއިރާއަށް ބޮޑު ބަދަލުތަކެއް ގެނެސް ދިރާސީ އާ އަހަރުގެ ކިޔެވުން ރާއްޖޭގެ ހުރިހާ ސުކޫލެއްގައި މިއަހަރު ފަށާފައި ވަނީ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ.

comment ކޮމެންޓް