ދަރިވަރުން ނަމާދަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމެއް ލަންދޫ ސްކޫލުން ހިންގައިފި

ނ. ލަންދޫ ސުކޫލުގަ ފިރިހެން ކުދިން ނަމާދަށް އަހުލުވެރިކުރުވަން ހިންގި ޕްރޮގްރާމު ކާމިޔާބު ކަމާ އެކު ނިންމާލައިފި --- ފޮޓޯ/ލަންދޫ ސުކޫލް

ނ. ލަންދޫ ސުކޫލުގައި ފިރިހެން ކުދިން ނަމާދަށް އަހުލުވެރިކުރުވަން ހިންގި ޕްރޮގްރާމު ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.

މިކަމާ ގުޅިގެން މައުލޫމާތު ދެއްވަމުން ލަންދޫ ސުކޫލުގެ ޕްރިންސިޕަލް ޔޫސުފް އަބްދުލްރަހީމް ވިދާޅުވީ މި ޕްރޮގްރާމަކީ ފިރިހެން ކުދިން ޖަމާއަތުގައި ނަމާދުކުރުމަށް ބާރުވެރިކުރަން ހިންގި ޕްރޮގްރާމެއް ކަމަށެވެ.

"މިކަން ފެށީ ގިނަ ކުދިން މިސްކިތަށް ގެންދިޔުމުގެ މަގުސަދުގައި. ދެން ހުރިހާ ދަރިވަރުން ކައިރީގައި ވެސް ބުނިން އެންމެ ގިނައިން ނަމާދުކުރާ ދަރިވަރަކަށް ބައިސްކަލެއް ހަދިޔާއެއްގެ ގޮތުގައި ދޭނެ ވާހަކަ،" ޔޫސުފް ވިދާޅުވިއެވެ.

މި ޕްރޮގްރާމު ހިންގާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ޑިސެމްބަރު މަހުގެ ނިޔަލަށެވެ.

ޔޫސުފް ވިދާޅުވީ މި ޕްރޮގްރާމުގެ ސަބަބުން ސުކޫލުގެ ހުރިހާ ދަރިވަރުން ވެސް ވަރަށް ޝައުގުވެރިކަމާ އެކު މިސްކިތަށް ގޮސް ނަމާދު ކުރަމުން ދިޔަ ކަމަށެވެ. އަދި، ކުދިން މިސްކިތަށް ދޭތޯ ބަލަން ފެށީ ސުކޫލުގެ ހަތަރު ލީޑިން ޓީޗަރުން ލައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެއީ، ހުރިހާ ލީޑިން ޓީޗަރުންނަކީ ވެސް އިމާމުން ކަމަށް ވާތީ އެކަންކަން ބަލަން ފަސޭހަވާނެތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމާދުކުރުމުގެ މުބާރާތުގައި އެއްވަނަ ހާސިލު ކޮށްފައިވާ ސްކޫލްގެ ވައިސް ކެޕްޓަން މުހައްމަދު އަރްހަމް އަބޫބަކުރު އިނާމާ ހަވާލުވަނީ --- ފޮޓޯ/ ލަންދޫ ސުކޫލް

ލަންދޫ ސުކޫލުގެ ދަރިވަރުންނަކީ ހެނދުނު ސުކޫލަށްދާ ކުދިންނަށް ވާތީ މި ޕްރޮގްރާމުގެ ތެރެއިން އެ ސުކޫލުން ވަނީ މެންދުރު ނަމާދަށް ޖަމާއަތަށް ދެވޭގޮތަށް ސުކޫލުގެ ޓައިމް ޓޭބަލަށް ބަދަލު ގެނެސްފައެވެ.

"ބަންގި ގޮވުމުގެ ކުރިން އަޅުގަނޑުމެން ކުދިން މިސްކިތަށް ފޮނުވަން. މެންދުރު ނަމާދު ނުގެއްލޭ ގޮތަށް ގަޑިތައް ރާވަފައިވާނީ،" ޔޫސުފް ވިދާޅުވިއެވެ.

އެންމެ ގިނަ ނަމާދުކޮށް އެ މުބާރާތުގެ ވަނަ ހާސިލު ކޮށްފައިވަނީ ލަންދޫ ސުކޫލުގެ ގުރޭޑް 10 ގައި ކިޔަވަމުން ދާ ދަރިވަރު ކަމަށްވާ ސްކޫލް ވައިސް ކެޕްޓަން މުހައްމަދު އަރްހަމް އަބޫބަކުރެވެ. އަރްހަމaށް އިނާމު ހަވާލުކޮށްފައިވަނީ ލަންދޫ ސްކޫލުގެ އޯލެވެލްގެ ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް މަރުހަބާ ކިޔުމަށް ބޭއްވި ހަފުލާގައެވެ.

ލަންދޫ ސުކޫލުން ދެން ފަށަން ހަމަޖެހިފައިވަނީ ނަމާދުގެ މުހިންމުކަން ދަރިވަރުނަށް ކިޔާދިނުމުގެ ޕްރޮގްރާމެކެވެ.

comment ކޮމެންޓް