މާތް ﷲ، ދުޅަހެޔޮކަމުގެ ނިއުމަތް ދެއްވުމަށްފަހު އެ ނިޢުމަތާމެދު ރައްކާތެރިވުމުގެ ޒިންމާ ޙަވާލުކުރައްވާފައިވާ ކަމަށާއި އެހެންކަމުން ޞިއްހަތަށް އިހުމާލުވުމާއި ޒަރޫރީ ފަރުވާތައް ލިބިގަތުން ދޫކޮށްލުންފަދަ ކަންކަމަކީ ހުއްދަވާނެ ކަންކަމެއް ނޫން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
"ޞިއްޙަތަށް ފަރުވާތެރިވުން" މި މައުޟޫޢުގައި މިއަދު އިއްވި ޚުޠުބާގައި ވަނީ ދުޅަހެޔޮ ޞިއްޙަތަކީ، އެއަށް ބުރޫއެރުމުން ނުވަތަ އެއިން ކަމެއް އުނިވުމުން ނޫނީ އެންމެ ފުރިހަމަގޮތުގައި އަހަރުމެނަށް އޭގެ އަގު ވަޒަން ނުކުރެވޭ މަތިވެރި ނިޢުމަތެއްކަން ހަނދާންކޮށްދީފައެވެ.
ޚުތުބާގައި ވަނީ، އިންސާނާގެ ނަފުސުތަކަކީ އެއުރެންނާ ﷲ ތަޢާލާ ހަވާލުކުރައްވާފައިވާ އަމާނާތެއްކަން ބަޔާންކޮށް، އެ މީހެއްގެ ހިތް އެދޭހައި ގޮތަކަށް އެ އަމާނާތް ނަގައިލުމުގެ ހައްގު އެއްވެސް މީހަކަށް ނޯންނާނެކަން ބުނެފައެވެ. އަދި، ﷲ ތަޢާލާއީ އެކަލާނގެ އަޅުތަކުންގެ މައްޗަށް އޯގާވަންތަ ރަސްކަލާނގެކަން ހަނދާންކޮށްދީ، އަމިއްލަ ނަފުސަށް ގެއްލުން ނުދިނުމަށް އަންގަވާފައިވާ އާޔަތެއް އެއާއެކު ޚުތުބާގައި ގެނެސްފައިވެއެވެ.
އެހެންކަމުން، ގަސްދުގައި ހަށިގަނޑަށް ގެއްލުންދިނުމާއި، އަމިއްލަ ނަފުސު ނުރައްކާތަކަށް ހުށަހެޅުމާއި، ޞިއްހަތަށް އިހުމާލުވުމާއި ޒަރޫރީ ފަރުވާތައް ލިބިގަތުން ދޫކޮށްލުންފަދަ ކަންކަމަކީ އެއްވެސް ހާލެއްގައި ހުއްދަވާނެ ކަންކަން ނޫންކަމަށް ޚުތުބާގައި ބަޔާންކޮށްފައިވެއެވެ.
މިއަދު ލިބިފައިވާ ޒުވާންކަމަކީ ތާއަބަދަށް ދެމިއޮންނާނެ ކަމެއް ނޫންކަން ހަނދާންކޮށްދިނުމާއެކު، ހަށިގަނޑުގެ ބާރު ދެރަވެ، އެހެން މީހުންގެ އެހީއަށް ބޭނުންވާނެ ދުވަހެއް އަންނާނެކަން ޚުތުބާގައި ހަނދައިންކޮށްދީފައިވެއެވެ.
ޞިއްޙަތު ރައްކާތެރިކުރުމަކީ ކޮންމެ މީހެއްގެ މައްޗަށްވެސް އޮތް ޒިންމާއެއް ނަމަވެސް މުސްކުޅިކަމާއި ބަލިމަޑުކަން ހުއްޓުވުމުގެ ބާރެއް އެއްވެސް މީހަކަށް ލިބިފައިނުވާކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.
ޚުތުބާގައި ވަނީ މާތް ނަބިއްޔާގެ ހަދީސްފުޅެއްގެ އަލީގައި މުއުމިނު އަޅާއާއި ކާފިރު މީހާގެ މިސާލެއް ޖަހާފައެވެ. އެގޮތުން، މުއުމިނު އަޅާގެ މިސާލަކީ ފަތްތައް ހެލިލައިހެލިލައި ހުންނަ ޅަނދޮޅު ގަހެއްގެ މިސާލުކަމަށް ޚުތުބާގައި ގެނެސްފައިވެއެވެ. މިސާލު އިތުރަށް ތަފުސީލުކޮށްދެމުން ޚުތުބާގައި ބުނެފައިވަނީ، ޖެހޭ ގަދަ ވަޔާއެކު އެގަސް ލެނބޭކަމަށާއި ވައި މަޑުވުމުން އެގަސް ސީދާވާކަމަށެވެ. މުސީބާތްތަކުގައި މުއުމިނު އަޅާގެ މިސާލަކީ މިއީކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ކާފިރުވި މީހާގެ މިސާލު، ޚުތުބާގައި ގެނެސްފައިވަނީ މާތްﷲ އިރާދަކުރެއްވި ވަގުތަކު މުލުން ލުހެލައްވަންދެން ވަޔާ ނުލެނބި، އެއްވެސް ގުޑުމެއް ނާރައި ސީދަލަށް ހެދިފައި ހުންނަ ފިތުރޯނު ޢާއިލާގެ ގަހެއްގެ ގޮތުގައެވެ. މި ހަދީސްފުޅު ގެނައުމަށްފަހު ޚުތުބާގައި ވަނީ، ހަގީގީ މާނައިގައި އީމާންކަމަކީ އެއްވެސް މިންވަރަކަށް ތަދު އިހުސާސް ނުވުން ނޫންކަމަށާއި މުއުމިނު އަޅާގެ ހަގީގީ ބާރަކީ ދަތި ހާލަތްތަކުގައިވެސް މާތްﷲ އާ އޮންނަ ގުޅުން ނުކެނޑި ދެމިއޮތުންކަން ހަނދާންކޮށްދީފައެވެ.
ޞިއްހަތަށް ރައްކާތެރިވާންޖެހޭނީ ހަމައެކަނި ބަލިތަކުން ސަލާމަތްވުމަށް ނޫންކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ބަދަލުގައި، އެއީ މާތްﷲ އަށް ކުއްތަންވުމަށާއި ހެޔޮ ޢަމަލުތައް ކުރުންމަތީ ދެމިތިބުމަށް ދެއްވާފައިވާ އަމާނާތެއްކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ޚުތުބާ ނިންމާލާފައިވަނީ އެ ހަދީސްފުޅަކާމެދު އަހަރެމެން ފުންކޮށް ވިސްނުން މުހިންމު، ޢިބުރަތުން ފުރިގެންވާ ހަދީސްފުޅެއް ގެނެސްފައެވެ. "ގިނަ ބަޔަކު އެ ދެ ނިޢުމަތަކާމެދު ޣާފިލުވެފައިވާ ދެ ނިޢުމަތެއް ވެއެވެ. އެއީ ޞިއްހަތާއި ހުސް ވަގުތެވެ." މި ހަދީސްފުޅުގެ މަޠުނުގައިވާ "މަޣްބޫން" ގެ މުރާދަކީ، އަތުގައިވާ އަގުހުރި، މުހިންމު ރައުސްމާލެއްގެ ހަގީގީ އަގުވަޒަން ނުކުރެވި، ގެއްލުމުގެ ތެރެއަށް ދޫކޮށްލެވުންކަމަށް ޚުތުބާގައި ކިޔައިދިނެވެ.