އިހުތިޖާޖެއްގައި ބައިވެރިވި ލަންދޫ ސްކޫލު މުވައްޒަފެއް ސަސްޕެންޑް

ނ. ލަންދޫ ---

އިހުތިޖާޖެއްގައި ބައިވެރިވުމުން ނ. ލަންދޫ ސްކޫލުގެ މަސައްކަތު މުވައްޒަފެއް، އެޑިއުކޭޝަން މިނިސްޓްރީއިން އެއް މަހަށް ސަސްޕެންޑު ކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން އެ މުވައްޒަފު މަސައްކަތަށް ނިކުތުން މަނާކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު، "ރައީސް ޔާމީން އަށް ކުރާ އަނިޔާއާ ދެކޮޅަށް ރާއްޖެ،" ނަމުގައި ކުރިއަށް ގެންދިޔަ އިހުތިޖާޖެއްގައި ބައިވެރިވުމުންނެވެ.

މިނިސްޓްރީއިން އެ މުވައްޒަފު ވަޒީފާއަށް ނުކުތުން މަނާކުރިކަން އަންގައި އިއްޔެ ވަނީ ލިޔުން ފޮނުވާފަ އެވެ. އެ ލިޔުމުގައި ބުނެފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގައި ސަރުކާރާ ދެކޮޅަށް އަޑު އުފުލައި ރައީސުލްޖުމްހޫރިއްޔާ ދަންޖައްސައި މަރާލުމަށް ގޮވާލައި ކުރިއަށް ގެންިޔަ މުޒާހަރާއެއްގައި އަމަލީގޮތުން ބައިވެރިވެފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން އެއް މަހަށް މުވައްޒަފު ވަޒީފާއަށް ނިކުތުން މަނާކޮށްފައިވާ ކަމަށް މިނިސްޓްރީގެ ލިޔުމުގައި ވަނީ ބުނެފަ އެވެ.

އެ މައްސަލަ ބެލުމަށްފަހު މިނިސްޓްރީއިން ނިންމާފައިވަނީ މައްސަލައިގެ ތަހުގީގަށް 30 ދުވަސް ދިނުމަށެވެ. އެމީހާ 30 ދުވަހަށް ސަސްޕެންޑުކޮށްފައިވަނީ މުސާރަ ހިނގާގޮތަށް ކަމަށް މިނިސްޓްރީގެ ލިޔުމުގައި ބުނެފައިވެ އެވެ.

އެކަމާ ގުޅިގެން ޕީޕީއެމް އިން ބުނެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެއްވުމަކީ ސުލްހަވެރި އިހުތިޖާޖެއް ކަމަށެވެ. އަދި އެއީ ކުރިން ރާވައި ނިންމައިގެން ކުރިއަށް ގެންދިޔަ އެއްވުމެއް ކަމަށްވެސް ޕީޕީއެމް އިން ބުނެ އެވެ.

comment ކޮމެންޓް