ނޭޕާލުގެ އިގްތިސާދު ފުނޑުފުނޑުވެ، އެހީތެރިކަން ބޭނުންވެފައި!

ބިންހެލުމުގައި ނޭޕާލުގެ ހިމާލިޔާ ފަރުބަދައަށް ވަނީ ގެއްލުންވެފައި -- ފޮޓޯ -- ބީބީސީ

ދުނިޔޭގެ އެންމެ އުސްފަރުބަދަ "މައުންޓް އެވަރެސްޓް" ހުންނަ ގައުމުގެ ގޮތުގައި ގިނަ ބަޔަކު ދަންނަ ނޭޕާލަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ގައުމުކެވެ. ތާރީހީ ބިނާތަކުން މުއްސަނދިކަމެއް ލިބިފައިވާ އެގައުމުގެ ފަތުރުވެރިކަން މިހާރު ވަނީ އަޑިއަޅާލައި، ފަތުރުވެރިކަމުން އާމްދަނީ ލިބެމުން ދިޔަ ދޮރު ބަންދުވެފައެވެ.

މިދިޔަ މަހުގެ 25 ވަނަ ދުވަހު ނޭޕާލުގެ ވެރިރަށް ކަތަމަންޑޫއަށް 7.9 އެއްގެ ބާރުމިނުގައި އައި ބާރުގަދަ ބިންހެލުމުގައި ނޭޕާލުގެ ގެތަކާއި، ސަރުކާރުގެ އިމާރާތްތަށް އަދި ތާރީހީ ބިނާތަށް ބިމާ ހަމަވެ، 8000 އަށް ވުރެ ގިނަމީހުން ވަނީ މިދުނިޔެ ދޫކޮށްފައެވެ. އަދި ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ނޭޕާލުގެ އާބާދީގެ ބޮލަކަށް މިއަހަރުގެ ތެރޭގައި ލިބޭނެކަމަށް ލަފާކުރެވިފައިވާ ދުވާލަކަށް 42.8 ޑޮލަރު ލިބުމުގެ މަގު މިވަނީ ބަންދުވެފައެވެ. އެކަމާއި ގުޅިގެން ނޭޕާލުގެ އިގްތިސާދު އަރައިނުގަނެވޭ ވަރުގެ އަޑިގުޑަންގަން ގަނޑަކަށް ވެއްޓޭނެ ކަމަށް އެގައުމުގެ އިގްތިސާދީ މާހިރުން ލަފާދެއްވަ އެވެ.

ބިންހެލުމުގައި ނޭޕާލުގެ ހިމާލިޔާ ފަރުބަދައަށް ވަނީ ގެއްލުންވެފައި -- ފޮޓޯ -- ބީބީސީ

ބިންހެލުމުގައި ނޭޕާލަށް ލިބުނު ގެއްލުމުން އަރައިގަތުމަށް އެތަށް މިލިއަން ޑޮލަރެއް ބޭނުންވާއިރު، އާމްދަނީ ލިބޭ ދޮރު ބަންދު ވުމުން ދެން ނޭޕާލުގެ ރައްޔިތުންގެ ދިރިއުޅުން ވޭތުކުރަން ޖެހޭނެ ގޮތް ތަހަައްމަލު ކުރެވޭތޯ އެވެ؟ ފަތުރުވެރިން އެންމެ ގިނައިން ނޭޕާލަށް ޒިޔާރަތް ކުރަނީ ދުނިޔޭގެ އެންމެ އުސް ފަރުބަދަ ހިމާލިޔާ ފަރުބަދަ ދެކިލުމަށެވެ. ނަމަވެސް ބިންހެލުމާއި ގުޅިގެން އެންމެ އުސްފަރުބަދަ ހުއްނަ ގައުމުގެ މަގާމު ނޭޕާލަށް ގެއްލުމުގެ ބިރުވެސް މިވަނީ ބޮޑުވެފަ އެވެ. ބިންހެލުމަށް ފަހު ސައިންސްވެރިން ހަދާފައިވާ ދިރާސާއިން ދައްކާގޮތުން ހިމާލިޔާ ފަރުބަދަ ހުރި ސަރަހައްދު ވަނީ ކުރިޔަށްވުރެ އަޑިޔަށް ޖެހިލާފައެވެ. އަދި ނޭޕާލުގެ ބިންގަނޑުވެސް ކޮންމެސް ވަރަކަށް މަައްޗަށް އުފުލިފައިވާ ކަމަށް އެ ދިރާސާގައިވެ އެވެ. އެހެން ކަމުން އެންމެ އުސްފަރުބަދައަށް ޒިޔާރަތް ކުރާ މީހުން މަދުވުމުގެ ބިރު މިވަނީ ބޮޑުވެފައެވެ.

އޭގެ އިތުރުން އެވަރެސްޓުގެ ނޭޕާލާވީ ފަރާތުން ގަނޑުފެން ފައިބައި 17 މީހަކު މަރުވެފައިވާއިރު އޭގެތެރޭގައި ފަތުރުވެރިންވެސް ހިމެނުމަކީ ފަތުރުވެރިން ނޭޕާލަށް ޒިޔާރަތްކުރުން ޖެހިލުންވާނެ ކަމެއް ކަމަށް ގިނަ ބަޔަކު ފާހަގަކުރެ އެވެ.

އެގޮތުން ނޭޕާލަށް ޒިޔާރަތްކުރުމަށް މީގެ ކުރިން ނިންމާފައިވާ މީހުން، އެމީހުންގެ ބުކިންގްސްތަށް ދަނީ ކެންސަލް ކުރަމުންނެވެ. ޔަޓްރާގެ އޮންލައިން ޓްރެވަލް އެޖެންޓްގެ ރައީސް ޝަރަތު ދާލް، ޔޫއެސް ޓުޑޭ ނިއުސްއަށް ބުނެފައި ވަނީ ނޭޕާލަށް ފަތުރުވެރިން ޒިޔާރަތްކުރުމަށް ހަދާފަައިވާ ގާތްގަނޑަކަށް 1000 އާ ގާތްކުރާ އަދަދެއްގެ ބުކިންގްސް މިހާތަނަށް ކެންސަލްކޮށްފައިވާ ކަމަށެވެ.

ބިންހެލުމުގައި ނޭޕާލުގެ ދަރަހަރާ ޓަވަރު ބިމާ ހަމަވެފައި -- ފޮޓޯ-- ބީބީސީ

މައިގަނޑު ސިނާއަތެއްގެ ގޮތުގައި ފަތުރުވެރިކަމާއި ދަނޑުވެރިކަން ކުރަމުން އަންނަ ނޭޕާލަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ އިންޑިއާ އަދި ޗައިނާއިންނެވެ. އެގޮތުން ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރާ ތަންތަނުގެ ތެރޭގައި ބުޑިސްޓް ޓެމްޕަލް، މެޖެސްޓިކް ފަރުބަދަ އަދި ދުނިޔޭގެ އެންމެ ބޮޑު އެވަރެސްޓް އަދި ދަރަހަރާ ޓަވަރު ހިމެނެ އެވެ.

ނޭޕާލުގެ ތާރީހީ ހިތްގައިމު ބިނާތަށް ބަލާލުމަށް އަހަރެއްގެ މައްޗަށް އެއް މިލިއަން ފަތުރުވެރިން އެގައުމަށް ޒިޔާރަތް ކުރެ އެވެ. ނަމަވެސް ފަތުރުވެރިން ޒިޔާރަތް ކުރުން ހުއްޓުމުން އިގްތިސާދީ އަޑިގަނޑާ ކުރިމަތިވުމުގެ އިތުރުން ބިންހެލުމުގައި ހާލުގައި ޖެހުނު ފަރާތްތަކަށް ބޭނުންވާނެ ޒަރޫރީ ބޭނުންތަށް ފުއްދުމަށް މިވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފަ އެވެ. ނޭޕާލުގެ ރައްޔިތުންނަށް ބޭނުންވާނެ ޒަރޫރީ ބޭނުންތަކައް ފުއްދުމަށްވެސް ވަނީ ނުކުޅެދި ގިނަ ރައްޔިތުން މަގުމަތިވެފައެވެ. އަދި ސިއްހީ އެހީތެރިކަމަށް ބޭނުންވާޏެ ބޭހާއި، އޮކްސްސިޖަން ނުލިބި ގިނަބަޔަކު ދަނީ މަރުވަމުންނެވެ. ބިންހެލިމާއި ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް ނޭޕާލުގެ ސަރުކާރުންވެސް ވަނީ ގައުމުތަކުގެ އެހީތެރިކަމަށް ގޮވާލާފައެވެ.

ބިންހެލުމުގެ ސަބަބުން ނޭޕާލުގައި ހުރި ތާރީހީ ގިނަ އިމާރާތްތަށް ވަނީ ފުނޑު ފުނޑުވެފައި -- ފޮޓޯ - ބީބީސީ

ދިވެހިންގެ ފަރާތުން ނޭޕާލު ބިންހެލުމުގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިވުމަށް ބާއްވާ މި ހާއްސަ ޓެލެތޯނުގައި އެފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ރުފިޔާއިން ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭ ނަމަ މި ފަންޑަށް ފައިސާ ޖަމާކުރަން ބޭނުންވާ ފަރާތްތަކުން ބީއެމްއެލްގެ އެކައުންޓް 7701176022001 އަދި ޔޫއެސް ޑޮލަރުން އެހީވުމަށް ބީއެމްއެލްގެ އެކައުންޓް 7701176022002 އަށް ޑޮލަރު ޖަމާކުރެވޭނެ އެވެ. އަދި އިސްލާމިކް ބޭންކް މެދުވެރިކޮށް ފައިސާ ޖަމާކުރުމަށް ރުފިޔާ އިން ނަމަ 99010155500036100 އަށް އަދި ޑޮލަރުން ނަމަ 99010155500036200 ޖަމާކުރެވޭނެ އެވެ.

މީގެ އިތުރުން އެސްއެމްއެސް މެދުވެރިކޮށް ޕްރީޕެއިޑް ކަސްޓަމަރުންނަށް ފަންޑަށް އެހީފޯރުވިދާނެ އެވެ. އުރީދޫގެ ކަސްޓަމަރުން 501 އަށް 20 ރުފިޔާ 50 ރުފިޔާ އަދި 100 ރުފިޔާ ނުވަތަ 100 ރުފިޔާގެ މަގުން އެސްއެމްއެސް ފޮނުވޭނެ އެވެ. އަދި ދިރާގުގެ ކަސްޓަމަރުން ނަމަ *789*3# ޖެހުމުން ފައިސާ ފޮނުވަންވީ އަދަދެއް ޖެހުމުން ފަންޑަށް ފައިސާ ފޮނުވޭނެ އެވެ.

comment ކޮމެންޓް