2.1 މިލިއަނަށްވުރެ ގިނަ ރުފިޔާއާއެކު ނޭޕާލަށް އެހީވާ ފަންޑު ބަންދުކޮށްފި

25 އޭޕްރީލް 2015 - ނޭޕާލަށް އައި 7.9 މެގްނެޓިއުޑްގެ ބާރު ގަދަ ބިންހެލުމުގައި އަނިޔާ ލިބުނު ބަޔަކު ކަތުމަންޑޫގެ މެޑިކެއާ ހޮސްޕިޓަލްގެ ބޭރުގައި ފަރުވާ ލިބިގަންނަނީ -- ފޮޓޯ: އޭޕީ

ދިވެހި ރެޑް ކްރެސެންޓް (އެމްއާރުސީ) އާއި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ)ގެ އިސްނެގުމުގެ މަތިން ރާއްޖޭގެ މީޑިއާގެ ފަރާތްތަކާ ގުޅިގެން ކުރިއަށްގެންދިޔަ "ނޭޕާލް ރިލީފް ފަންޑް" ރޭގެ މެންދަމު 12 ޖެހުމާއެކު ބަންދުކޮށްފި އެވެ.

އެމްއާރުސީގެ ރިސޯސް މޮބައިލައިޒޭޝަން އޮފިސަރު މުސްލިހާ ހަސަން މިއަދު ސަންއަށް ވިދާޅުވީ، އޭޕްރީލް 25 އަދި މޭ 12 ވަނަ ދުވަހު ނޭޕާލަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީސް (އައިއެފްއާރުސީ) މެދުވެރިކޮށް ނޭޕާލް ރެޑް ކްރޮސް ސޮސައިޓީން ނެރެފައިވާ އެހީގެ އިލްތިމާސަކަށް އެހީވުމަށްޓަކައި ރާއްޖޭގައި ހުޅުވި ނޭޕާލް ރިލީފް ފަންޑު ރޭ ބަންދުކުރި އިރު އެ ފަންޑަށް ލިބިފައިވާ ޖުމްލު ފައިސާ 2.1 މިލިއަން ރުފިޔާއަށް ވުރެ އިތުރުވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ވާނީ ރޭ 12:00 ހިނގުމާއެކު ފަންޑު ބަންދުކޮށްފައި. އެހާތަނަށް އަޅުގަނޑުމެންނަށް ކައުންޓުކުރެވިފައި ހުރި ފައިސާގެ ޖުމުލަ ގާތްގަނޑަކަށް 2.1 މިލިއަން ރުފިޔާއަށްވުރެ އިތުރު،" 40 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ފައިސާ އެއްކުރުމުގެ ހަރަކާތާ ގުޅޭގޮތުން މުސްލިހާ ވިދާޅުވި އެވެ.

ނޭޕާލް ރިލީފް ފަންޑަށް ފައިސާ ޖަމާކުރުމަށް މޭ 23ގައި ކުރިއަށް ގެންދިޔަ ހާއްސަ ޓެލެތޯންގެ ހަރަކާތްތަކުގެ ތެރެއިން -- ފައިލް ފޮޓޯ

އޭނާ ވިދާޅުވީ، ނޭޕާލް ރިލީފް ފަންޑަށް ފައިސާ ހޯދުމަށް ކުރިއަށް ގެންދިޔަ ހަރަކާތްތައް އެމްއާރުސީގެ ގޮފިތައް ހުރި ހުރިހާ ސަރަހައްދެއްގައި ކުރިއަށް ގެންދެވިފައި ވާ ކަމަށާއި އަދި އެ ހުރިހާ ހަރަކާތަކުން ފަންޑަށް ޖަމާވި ފައިސާގެ ތަފްސީލް ހާމަކުރުން އޮންނާނީ، ކުރިން ވެސް ހަމަޖެހިފައިވާ ފަދައިން މިމަހުގެ 11 ވަނަ ދުވަހު ކަމަށެވެ.

"ފަންޑަށް ލިބިފައިވާ ފައިސާގެ ތަފްސީލްތައް އަޅުގަނޑުމެން ހާމަކުރާނީ، އެމްއާރްސީއާއި އެމްއެމްއޭއާއި ދިވެހި މީޑިއާގެ ފަރާތްތައް ގުޅިގެން 11 ވަނަ ދުވަހު ބާއްވާ ހާއްސަ ނޫސް ކޮންފަރެންސެއްގައި،" މުސްލިހާ ވިދާޅުވި އެވެ.

ނޭޕާލް ރިލީފް ފަންޑަށް އެހީވުމަށް ރާއްޖޭގެ ހުރިހާ މީޑިއާތައް ގުޅިގެން މިދިޔަ މޭމަހުގެ 23 ވަނަ ދުވަހު "ނޭޕާލާއެކު އެންމެން"ގެ ނަމުގައި ހަ ގަޑިއިރަށް ހިންގި ޓެލެތޯން ހަރަކާތުގައި އާންމު ރައްޔިތުންނާއި، ބައެއް ކުންފުނިތަކުންނާއި، ސަރުކާރުގެ އެކިއެކި މުއައްސަސާތަކުގެ މުވައްޒަފުންނާއި އަމިއްލަ އެކިއެކި ޖަމާއަތްތަކުން ފަންޑަށް ހަދިޔާކުރި ފައިސާގެ ޖުމުލަ ގާތްގަނޑަކަށް 1.8 މިލިއަން ރުފިޔާއަށް ވުރެ އިތުރު ކަމަށް ވެސް އެމްއާރުސީން މައުލޫމާތު ދެއެވެ.

އެމްއެމްއާރުސީން ބުނީ، ނޭޕާލް ރިލީފް ފަންޑުގެ ހުރިހާ ތަފްސީލެއް ހާމަކުރާތާ ހަފްތާއެއްގެ ތެރޭގައި އެ ފަންޑަށް ޖަމާކުރެވުނު ފައިސާ، ނޭޕާލް ރެޑް ކްރޮސްއާ ހަވާލުކުރާނޭ ކަމަށެވެ. އެގޮތުން ދިވެހީންގެ ފަރާތުން ހަދިޔާ ކުރާ ފައިސާ ހަރަދުކުރުމަށް ހަމަޖެހިފައި ވަނީ، ކާބޯތަކެތި ފޯރުކޮށްދިނުމާއި، ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ރައްކާތެރި ގެދޮރު ބިނާކުރުމަށާއި، އާމްދަނީ ހޯދޭނޭ ގޮތްތައް އިއާދަކުރުމާއި، ސިއްހީ ފަރުވާ ދިނުމަށާއި، ރައްކާތެރި ބޯފެނާއި ސާފުތާހިރުކަމަށް ހޭލުންތެރިކުރުވުން ފަދަ ކަންތައްތަކަށް ކަމަށް އެމްއާރުސީން މައުލޫމާތު ދެއެވެ.

ބިންހެލުމުގެ ސަބަބުން ނޭޕާލަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް އެހީގެ ގޮތުގައި 93 މިލިއަން އެމެރިކާ ޑޮލަރު ބޭނުންވާ ކަމަށް ނޭޕާލް ރެޑް ކްރޮސްއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް