ކަރަންޓު އިގުތިޞާދުކުރުމަށް ބާރުއަޅާ ކެމްޕެއިނެއް ސްޓެލްކޯއިން އިފުތިތާހުކޮށްފި

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑރ. ޢަލީ އަޒްވަރު: ވިދާޅުވީ އިސްރާފުކުރުމެއް ނެތި ކަރަންޓު ބޭނުންކުރުމަކީ ގައުމުގެ އިގްތިޞާދަށާއި ތިމާވެއްޓަށް ޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް --- ފޮޓޯ: ސްޓެލްކޯ

ކަރަންޓު އިގުތިޞާދުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ކަރަންޓާ ބެހޭ ކުންފުނި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ކެމްޕެއިނެއް އިފުތިތާހުކޮށްފިއެވެ.

"ކުޑަ ބަދަލަކުން ބޮޑު ނަތީޖާއެއް"ގެ ނަމުގައި މި ކެމްޕެއިން އިފުތިތާހުކޮށްދެއްވީ އައްޑޫގެ ހުޅުދުއާއި މީދޫގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑރ. ޢަލީ އަޒްވަރެވެ.

މި ކެމްޕެއިން އިފްތިތާހުކޮށްދެއްވައި ވާހަކަ ދައްކަވަމުން އަޒްވަރު ވިދާޅުވީ، ހަކަތަ އިގުތިޞާދުކުރުމަކީ އެންމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަން ޖެހިފައިވާ ހެޔޮ ބަދަލެއް ކަމަށެވެ.

ސްޓެލްކޯގެ ކެމްޕެއިން އިފްތިތާހުކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: ސްޓެލްކޯ

އަޒްވަރު ވިދާޅުވީ އިސްރާފުކުރުމެއް ނެތި ކަރަންޓު ބޭނުންކުރުމަކީ ގައުމުގެ އިގްތިޞާދަށާއި ތިމާވެއްޓަށް ޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. ކަރަންޓު އިގްތިސާދުކުރުމަކީ ގައުމުން ތެލަށް ކުރާ ބޮޑު ހޭދަ ކުޑަކޮށް، ޖައްވަށް ދޫކުރެވޭ ވިހަ ގޭސްތައް މަދުކޮށް، އަންނަން އޮތް ޖީލުތަކަށްޓަކައި ގުދުރަތީ ވެށި ރައްކާތެރިކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

ސްޓެލްކޯއިން ބުނީ މި ކެމްޕެއިންގެ ބޭނުމަކީ ހެޔޮގޮތުގައި ކަރަންޓު ބޭނުންކުރުމުގެ އާދަތަކެއް މުޖުތަމައުގައި އަށަގެންނެވުން ކަމަށެވެ.

އެގޮތުން ބޭކާރު ގޮތުގައި ދިއްލައިފައި ހުންނަ ބޮކިތައް ނިއްވައިލުމާއި ގިނަ އިރުތަކަކަށް ބޭރަށްދާނަމަ، އޭސީ ނިއްވައިލުމަކީ މުޅި ގައުމުގެ ހަކަތައިގެ ރައްކައުތެރިކަމަށް ވެވޭ ބޮޑު އެހީތެރިކަމެއްކަން ހަނދާންކޮށްދީ، ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަކަތަ އިގުތިޞާދުކުރެވޭނެ މަގުތައް އާންމުންނަށް މި ކެމްޕެއިންގެ ތެރެއިން ދައްކުވައިދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ކެމްޕެއިންގައި ބައިވެރިވެ، އަމިއްލަ ގޭބިސީންނާއި މަސައްކަތު މާހައުލުން ހަކަތަ އިގުތިޞާދުކުރުމުގެ އާދަ ފެށުމަށް އަޒްވަރު ވަނީ ގޮވައިލައްވައިފައެވެ.

comment ކޮމެންޓް