ގާތްގަނޑަކަށް 15 މިނެޓު ތެރޭ އަލުން މާލެއަށް ކަރަންޓު ދީފި

މާލޭ މަގުމަތި: ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުތާ 15 މިނެޓެއްހާއިރު ތެރޭ އަލުން ވަނީ ޚިދުމަތް ދީފައި -- ފޮޓޯ/ މޫސާ ނަދީމް

މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނުތާ ގާތްގަނޑަކަށް 15 މިނެޓު ތެރޭ އަލުން ޚިދުމަތް ދީފިއެވެ.

މާލެއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ސްޓެލްކޯއިން މިއަދު 14:25ގައި ކުރި ޕޯސްޓެއްގައި ބުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މައްޗަންގޮޅިއާއި މާފަންނުގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.

އެ މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ބުނެ، ސްޓެލްކޯއިން އޭރު ވަނީ ދިމާވާނެ ދަތިތަކަށް މަޢާފަށް އެދިފައެވެ.

އޭގެ ފަހުން 14:42ގައި ސްޓެލްކޯއިން ވަނީ، ކަރަންޓު މެދުކެނޑުނު ހުރިހާ ސަރަހައްދަކަށް އަލުން ޚިދުމަތް ދީފައިވާ ކަމަށް ބުނެފައެވެ. އަދި، އެއްވެސް ކަސްޓަމަރަކަަށް ކަރަންޓުގެ ޚިދުމަތް ނުލިބިވާނަމަ 1545 އަށް ގުޅުމަށް ސްޓެލްކޯއިން އެދިފައިވެއެވެ.

ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅޭ މާލޭގެ އެކި ސަރަހައްދުތަކުން ދޭތެރެއަކުން ކަރަންޓު ކެނޑެއެވެ. އާންމު ގޮތެއްގައި އެފަދަ މައްސަލަތައް ދިމާވާތާ މާ ގިނަ ވަގުތެއް ނުވެ، ޚިދުމަތް އަލުން ފޯރުކޮށްދެއެވެ.

comment ކޮމެންޓް