ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖުމްލަ 150 މެގަވޮޓްގެ ސޯލާ ޕީވީ އާއި ބެޓެރި އެނާޖީ ސްޓޯރޭޖް އަދި ގްރިޑް އިންޓަގްރޭޝަން ހިމެނޭ ހައިބްރިޑް ނިޒާމުތަކެއް ޕަވާ ޕާޗޭސް އެގްރީމެންޓް (ޕީޕީއޭ) އުސޫލުން ގާއިމުކުރުމުގެ ފްރޭމްވޯކް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
ސްޓެލްކޯ ހޯލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ އާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަދި ޗައިނާގެ ގޯޝެން އެނާޖީ ކޮމްޕެނީ ލިމިޓެޑާ ދެމެދުގަ އެވެ.
މި އެއްބަސްވުމުގައި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އަލީ ޝަރީފެވެ. ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރު... ފޮޓޯ: ސްޓެލްކޯރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު އަލީ ޝަރީފް ވިދާޅުވީ މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތެއް ކަމަށްވާ، ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 ޕަސެންޓަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމުގެ އަމާޒުގެ ދަށުން ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫއު ކަމަށެވެ.
މީގެއިތުރުން 2023 ވަނަ އަހަރު ޔޫއޭއީގައި ބޭއްވުނު ކޮޕް28 ސަމިޓުގައި ރައީސް އިއުލާނު ކުރެއްވި އެ އަމާޒަށް ވާސިލުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުން، ސަރުކާރު ފެށުނުއިރު 56 މެގަވޮޓުގައި ހުރި އިޔާދަކުރަނިވި ހަކަތައިގެ މިންވަރު މިހާރު 136 މެގަވޮޓަށް އިތުރުކުރެވިފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވި އެވެ. އެ މިނިސްޓްރީގެ އުންމީދަކީ އަންނަ އަހަރުގެ ތެރޭގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެން ދިއުމެވެ.
ތިމާވެށި މިނިސްޓަރު އަލީ ޝަރީފު.... ފޮޓޯ: ސްޓެލްކޯސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރު ވިދާޅުވީ މިއީ ރާއްޖޭގެ ރަށްތަކަށް ވަރަށް ބޭނުންތެރި، މުހިންމު މަޝްރޫއެއް ކަމަށެވެ. އެ ކުންފުނިން ހާމަކުރި ގޮތުގައި މި 150 މެގަވޮޓުގެ ހައިބްރިޑް ނިޒާމު ކާމިޔާބުކަމާއެކު ގާއިމުކުރެވުމުން، ސަރުކާރުގެ 33 ޕަސެންޓުގެ ގައުމީ އަމާޒުގެ 60 ޕަސެންޓު ހާސިލުވެގެންދާނެއެވެ.
ރާއްޖޭގައި ކަރަންޓު އުފެއްދުމަށް ތެލަށް ކުރާ ހޭދަ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 10 ޕަސެންޓަށް އަރާއިރު، މި މަޝްރޫއުގެ ސަބަބުން އިގްތިސާދީ ބޮޑު ލުޔެއް ލިބިގެންދާނެ އެވެ. އެގޮތުން ކަރަންޓު އުފެއްދުމަށް ތެލަށް ކުރާ ހަރަދާއި ކަރަންޓު ސަބްސިޑީއަށް ހޭދަކުރާ މިންވަރުން އަހަރަކު ގާތްގަނޑަކަށް 1.2 ބިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.
މީގެ ސަބަބުން ތަރައްގީގެ އެހެނިހެން މުހިންމު ދާއިރާތަކަށް އެ ފައިސާ ހޭދަކުރުމުގެ ފުރުސަތު ސަރުކާރަށް ފަހިވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
މީގެ އިތުރުން، ތިމާވެށި ރައްކާތެރިކުރުމުގެ ގޮތުން ވެސް މި މަޝްރޫއަކީ މުހިންމު ފިޔަވަޅެކެވެ. މި ނިޒާމުގެ ސަބަބުން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ތެރެއިން އަހަރަކު ގާތްގަނޑަކަށް 198,283 ޓަނުގެ ކާބަންޑައިއޮކްސައިޑް މަދުކުރެވިގެންދާނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.