ކަސްޓަމްސްގެ ފިސްކަލް މެންޑޭޓު ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ހުށަހަޅައިފި

ކަސްޓަމްސްގެ މުވައްޒަފުންތަކެއް: ކަސްޓަމްސްގެ ފިސްކަލް މެންޑޭޓް އަންނަ އަހަރު ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ގާނޫނު އިސްލާހުކުރަން ހުށަހަޅައިފި -- ފޮޓޯ: ކަސްޓަމްސް

ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ އާމްދަނީ ބަލައިގަތުމާއި ހިސާބުކުރުމުގެ ކަންކަން ހިނގަނީ ދައުލަތުގެ މާލީ ސިޔާސަތުތަކާ އެއްގޮތްވާ ގޮތަށް ކަން ކަށަވަރުކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީގެ ދައުރު ފުޅާކުރުމަށް ކަސްޓަމްސްގެ ގާނޫނު އިސްލާހުކުރަން ސަރުކާރު ފަރާތުން ހުށަހަޅައިފިއެވެ.

ވެރިކަންކުރާ ޕީއެންސީގެ ފަރާތުން މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު ހުށަހެޅުއްވި އިސްލާހުގައިވަނީ، ކަސްޓަމްސްގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށް ބޭނުންވާ ފައިސާ ކޮންމެ އަހަރަކު ވެސް މަޖިލީހުން ފާސްކުރާ ބަޖެޓުގައި ކަނޑައަޅަންވާނެ ކަމާއި ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގައިވާ ގޮތުގެ މަތިން ކަސްޓަމްސްގެ ބަޖެޓު އެކުލަވައިލައި ހުށަހަޅަންވާނީ ކަސްޓަމްސްގެ ކޮމިޝަނަރު ޖެނެރަލްގެ ލަފާގެ މަތިން ފިނޭންސް މިނިސްޓަރުކަން އިތުރުކުރަން ހުށަހަޅައިފައެވެ.

މީގެ އިތުރުން މުދަލުގެ އަގު ކަނޑައެޅުމާ ބެހޭ ގަވައިދު ހުށަހަޅަން ވާނީ ވެސް ފިނޭންސް މިނިސްޓަރުގެ ލަފަޔާ އެއްގޮތަށް ކަމަށް، ގާނޫނަށް އިތުރުކުރަން ހުށަހަޅައިފައިވެއެވެ.

ހަމަ އެއާއެކު އިމްޕޯޓު ޑިއުޓީއާއި އެ ނޫން ވެސް ކަސްޓަމުން ބަލައިގަންނަ ފީތަކާއި އާމްދަނީގެ ތެރެއިން ނުދައްކައި ހުރި ފައިސާ ބަލައިގަނެ ރެކޯޑުކުރުމާއި އެ ފައިސާ ހިސާބުކޮށް ފައިސާ ދެއްކުމުގައި އިސްތިސްނާދިނުމާއި ލުއިދިނުން ފަދަ ކަންކަން ވެސް ކަސްޓަމްސްއިން ކުރަންވާނީ ފިނޭންސް މިނިސްޓަރުގެ ލަފާގެ މަތިން ކަމަށް ވެސް، ކަސްޓަމްސްގެ ގާނޫނަށް އިތުރުކުރުމަށް ހުށަހަޅައިފައިވެއެވެ.

ފާހަގަކުރެވޭ ގޮތުގައި ކަސްޓަމްސްގެ މާލީ ސިޔާސަތު އަންނަ އަހަރު ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ނިންމައިފައިވާކަން މިނިސްޓަރު ޙަސަން ޒަރީރު ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 29ވަނަ ދުވަހު ހާމަކުރައްވައިފައެވެ.

https://sun.mv/229813

އަންނަ އަހަރަށް ލަފާކޮށް އިއްޔެ ފާސްކުރި ބަޖެޓު ހުށަހަޅުއްވައިދެއްވަމުން ޒަރީރު ވިދާޅުވީ އާމްދަނީގެ ސިޔާސަތުތައް ތަންފީޒުކުރުން އިތުރަށް ހަރުދަނާކުރުމަށާއި، އެ ސިޔާސަތުތަކަށް އަމަކުކުރާ މިންވަރު އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ހަލުވިކުރުމަށް ފިޔަވަޅު އަޅަން ނިންމައިފައިވާ ކަމަށެވެ. އެގޮތުން، ކަސްޓަމްސްގެ ފިސްކަލް މެންޑޭޓް ފިނޭންސް މިނިސްޓްރީން ބެލެހެއްޓުމަށް ބަދަލުކުރުމަށް ބަޖެޓުގައި ވާނީ ހުށަހަޅާފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ކަސްޓަމްސްއިން ނަގަން ހަވާލުވެފައިވާ ފައިސާގެ ތެރޭގައި އިމްޕޯޓް ޑިއުޓީއާއި ބޯޑަރުން ނަގާ ޖީއެސްޓީއާއި ތަފާތު ފީތައް ހިމެނެއެވެ.

އޮޑިޓަ ޖެނެރަލްގެ އޮފީހުން ދާދި ފަހުން ނެރެފައިވާ ކަސްޓަމްސްގެ 2023 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، 2023 ވަނަ އަހަރުގެ ނިޔަލަށް ކަސްޓަމްސްއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 461 މިލިއަން ރުފިޔާ ލިބިފައިނުވެއެވެ.

އެ ފައިސާ ހޯދުމަށް ވަގުތީ ގޮތުން ޚިދުމަތް މެދުކަނޑާލުން ފަދަ ފިޔަވަޅުތައް އަޅާފައިވީ ނަމަވެސް، ނިމުނު އަހަރުގެ މެއި މަހު މައުލޫމާތު އެއްކުރިއިރު، އެ އަދަދުގެ ތެރެއިން ލިބިފައިވަނީ އެންމެ 10,164,272 ރުފިޔާ ކަމަށް އޮޑިޓުގައިވެއެވެ. އަދި ނުލިބި ހުރި ފައިސާގެ ތެރެއިން 162.9 މިލިއަން ރުފިޔާއަކީ ކޯޓުތަކުން އެ ފައިސާ ދެއްކުމަށް ހުކުމްކޮށް، ހުކުމް ތަންފީޒުކުރުމުގެ މަރުހަލާގައި ހުރި ފައިސާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ނުލިބިވާ ފައިސާގެ ތަފުސީލަށް ބަލާއިރު، އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބެންޖެހޭ 435.8 މިލިއަން ރުފިޔާ ކަމަށް އޮޑިޓުގައިވެއެވެ. އަދި ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ 21.1 މިލިއަން ރުފިޔާއާއި، ރެވެނިއު ފީގެ ގޮތުގައި 1.9 މިލިއަން ރުފިޔާއާއި، ރޯޔަލްޓީގެ ގޮތުގައި 1.9 މިލިއަން ރުފިޔާގެ އިތުރުން ބޮންޑް ފީއާއި ޕްރޮސެސިން ފީ ފަދަ ފީތަކުގެ ގޮތުގައި ލިބެންޖެހޭ 92,203 ރުފިޔާ ހިމެނޭ ކަމަށް އޮޑިޓުގައިވެއެވެ.

comment ކޮމެންޓް