ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު 15އަށް އިތުރުކުރުން ހިމެނޭހެން ކޯޓުތަކުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ގިނަ އިސްލާހުތަކެއް ހުށަހަޅައިފިއެވެ.
ފޭދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިސްމާޢީލް ނިޒާރު ހުށަހެޅުއްވި އިސްލާހުތަކުގެ ތެރެއިން އެއް އިސްލާހަކީ ހައިކޯޓުގައި އެކުލެވިގެންވާ ފަނޑިޔާރުންގެ އަދަދު އިތުރުކުރުމެވެ. އެގޮތުން ހައިކޯޓުގައި މިހާރު ޖުމުލަ 11 ފަނޑިޔާރުން ތިއްބަވާއިރު، ނިޒާރު ހުށަހެޅުއްވީ އެ އަދަދު 15އަށް އިތުރުކުރުމަށެވެ.
ގާނޫނުގައި މިހާރު އޮންނަ ގޮތުން ހައިކޯޓުން ކުރިއަށް ގެންދާ މައްސަލަތަކަށް މާލޭގެ ކޯޓުތަކުން ގިނަވެގެން ހަތް ދުވަހުގެ ތެރޭ، އަދި ރަށްރަށުގެ ކޯޓުތަކުން ނަމަ 30 ދުވަހުގެތެރޭ ލިޔެކިއުންތައް ހުށަހަޅަންޖެހޭނެއެވެ. ނަމަވެސް ނިޒާރު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން ދަށު މަރުހަލާގެ ހުރިހާ ކޯޓަކުން ވެސް ހައިކޯޓަށް ލިޔެކިއުން ހުށަހަޅަން ލިބޭނީ 14 ދުވަހެވެ.
މީގެ އިތުރުން، ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން ކަނޑައެޅިގެން އިސްތިސްނާކޮށްފައިވާ ހާލަތެއްގައި ފިޔަވައި އެހެން ހާލަތްތަކުގައި ހައިކޯޓުގައި ހިންގާ ޝަރީއަތުގެ އަޑުއެހުންތައް ބާއްވަންވާނީ އާންމުކޮށް ހުޅުވައިލެވިފައިވާ މަޖިލީހެއްގައި ކަމަށް ވެސް މި އިސްލާހުގައިވެއެވެ.
އިސްލާހުތައް ހުށަހެޅި މައިގަނޑު ސަބަބެއްކަމަށް ބިލުގައި ބަޔާންކޮށްފައި އޮތީ، ކޯޓުތައް އެކުލެވިގެންވާ ގޮތާއި ކޯޓުތަކުގެ އިޚްތިޞާޞް ކަނޑައެޅިގެންވާ ގޮތާއި ކޯޓުތަކުގެ އިސް މަގާމުތައް ހަމަޖެހިގެންވާ ގޮތް ހިމެނޭހެން ކޯޓުތަކާބެހޭ އެ ނޫން ވެސް ކަންކަން ހަރުދަނާކުރުން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލު ހުށަހަޅަން ވަނީ އެޖެންޑާކޮށްފައެވެ.