"ކޮމިޓީން ގޮތް ނިންމީ އެމްކިއުއޭގެ ބަހެއް ނުހޯދާ، ބާ ކައުންސިލުގެ ނިންމުން ރަނގަޅު"

އެމްކިޔުއޭގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު: ޖުޑީޝަރީ ކޮމިޓީން ގޮތް ނިންމިއިރު އެމްކިއުއޭގެ ބަހެއް ނުހޯދާ ކަމަށް ފިޒާނާ ލިޔުއްވައިފައިވޭ -- ފޮޓޯ: އެމްކިޔުއޭ

ގާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ އިމްތިހާނުތައް އޮންލައިންކޮށް ނުހެދޭ ގޮތަށް ބާ ކައުންސިލުން ގަވާއިދަށް ގެނައި އިސްލާހުން މިހާރު ކިޔަވަމުންދާ ދަރިވަރުން އިސްތިސްނާކޮށް، އޮންލައިންކޮށް އިމްތިހާނު ހެދުމުގެ ފުރުސަތު ދިނުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމިއިރު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ ބަހެއް ހޯދައިފައިނުވާތީ އެ އިދާރާގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މިދިޔަ އާދީއްތަ ދުވަހު ޖުޑީޝަރީ ކޮމިޓީން ވަނީ، ގާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ އިމްތިހާނުތައް އޮންލައިންކޮށް ހެދުމުގެ ފުުރުސަތު ދިނުމަށް ބާ ކައުންސިލަށް އެންގުމަށް ފާސްކޮށްފައެވެ.

މި ނިންމުމާ ގުޅިގެން ބާ ކައުންސިލުގެ ކުރީގެ ރައީސް އަދި ގާނޫނީ ވަކީލު މައުމޫން ޙަމީދު 'އެކްސް'ގައި ލިޔުއްވި ޕޯސްޓެއްގައިވަނީ ޖުޑީޝަރީ ކޮމިޓީގެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މައުމޫން ސިފަކުރެއްވި ގޮތުގައި، ކޮމިޓީގެ މި ނިންމުމަކީ ގާނޫނީ ފަންނުގެ މިނިވަންކަމަށް އަރައިގަތުމެކެވެ. އަދި މިންގަނޑުތައް ދަށްކުރުމުގެ ސަބަބުން ގާނޫނީ ތައުލީމާ މެދު އާންމުންގެ މެދުގައި އޮންނަ އިތުބާރު ގެއްލިގެންދާނެ ކަމުގެ އިންޒާރުވެސް އޭނާ ދެއްވިއެވެ.

"މިންގަނޑުތައް ދަށްކުރުމަށް ބާ ކައުންސިލަށް ޖުޑީޝަރީ ކޮމިޓީން އެންގުމަކީ ހަމައެކަނި ގާނޫނީ ފަންނުގެ މިނިވަންކަމަށް އަރައިގަތުމެއް ނޫން، އެއީ ގާނޫނީ ތައުލީމުގެ މަތީ މިންގަނޑުތަކަކަށް އުންމީދުކުރުމުގެ ހައްގު ލިބިގެންވާ އާންމު ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު ގެއްލުމެއް،" މައުމޫން ހަމީދު ލިޔުއްވާފައިވެއެވެ.

އޭގެ ފަހުން ކުރެއްވި ޕޯސްޓެއްގައި އޭނާ ފާހަގަކުރެއްވި ގޮތުގައި، ބާ ކައުންސިލަކީ ގާނޫނަކުން އުފައްދާފައިވާ، އަމިއްލައަށް ރެގިއުލޭޓްކުރާ މިނިވަން މުއައްސަސާއެކެވެ. އެހެންކަމުން، ގާނޫނީ ތައުލީމާއި ގާނޫނީ ފަންނަށް ވަނުމުގެ މިންގަނޑުތަކަށް ބަދަލު ގެނައުމަށް އެ ކައުންސިލަށް އެންގުމުގެ ބާރު ޖުޑީޝަރީ ކޮމިޓީއަށް ލިބިގެން ނުވާ ކަން ވެސް ފާހަގަކުރެއްވިއެވެ.

ކަން އެހެން އޮއްވައި ފިޒާނާ 'ފޭސްބުކް'ގައި ލިޔުއްވި ޕޯސްޓެއްގައިވަނީ ކޮމިޓީގެ ނިންމުމުގައި ސުވާލު އުފެދޭ ކަންކަން ހުރިކަން ފާހަގަކުރައްވައި ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެގޮތުން އެއް ކަންބޮޑުވުމެއްގެ ގޮތުގައި ފިޒާނާ ފާހަގަކުރެއްވީ ބާ ކައުންސިލުގެ ނިންމުމަށް ބަދަލު ގެނައި ކޮމިޓީގައި ގާނޫނީ ފަންނު ކިޔަވާވިދާޅުވާ ދެ މެންބަރަކު ތިއްބެވުމެވެ.

"ކޮންފްލިކްޓް އޮފް އިންޓްރަސްޓް އެނގެން ވާނީ ވެސް ލޯ ކިޔަވާ އަދި ގާނޫނު ހަދާ ފަރާތްތަކަށް،" ފިޒާނާ ލިޔުއްވައިފައިވެއެވެ.

ރާއްޖޭގެ އަދުގެ ހާލަތަށް ބަލާއިރު ބާ ކައުންސިލުގެ ނިންމުމަކީ ގާނޫނީ ފަންނުގެ ކޯސްތައް ކިޔަވައި ނިންމާ ދަރިވަރުންގެ ފެންވަރު ހިފަހައްޓަން ނިންމި ރަނގަޅު ނިންމުމެއް ކަމަށް، ފިޒާނާ ލިޔުއްވައިފައިވެއެވެ.

"މި ނިންމުން ނިންމިއިރުގައި އެމްކިއުއޭގެ ބަހެއް ހޯދައިފައިނުވޭ،" އޭނާ ކަންބޮޑުވުން ފާޅުކުރައްވައިފައިވެއެވެ.

https://sun.mv/230982

ފާހަގަކުރެވޭ ގޮތުގައި ޖުޑީޝަރީ ކޮމިޓީގެ ނިންމުމާ އެއްގޮތަށް ބާ ކައުންސިލުން ގެނައި އިސްލާހަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ލަފާ ރަސްމީކޮށް ލިބުމުން ކަމާބެހޭ ފަރާތްތަކާ އެކީ މަޝްވަރާކުރުމަށްފަހު ކަމަށް، އެ ކައުންސިލުން ވަނީ މިއަދު ބުނެފައެވެ.

comment ކޮމެންޓް