"ޓަކާ ޓަކާ" ކިޔާހެން ބޭސްފިހާރަތަކުން ކިޔަނީ "ނެތޭ ނެތޭ ނެތޭ": ނާޒިލް

ނާޒިލް މަޖިލީހުގައި ވާހަކަދައްކަވަނީ --- ފޮޓޯ/ މަޖިލިސް

ރާއްޖޭގެ ސިއްހީ ނިޒާމު ވަރަށް ރަނގަޅު ކަމަށް ސަރުކާރުން ބުނަމުންދިޔަ ނަމަވެސް، މިއަދު ފާމަސީތަކުން ބޭސް ނުލިބި ރައްޔިތުން ތިބީ މަގުމަތިވެފައި ކަމަށާއި، ބޭސް ސިޓީއެއް ދެއްކުމުން ފާމަސީތަކުން ކިޔަނީ "ޓަކާ ޓަކާ" ކިޔާހެން "ނެތޭ ނެތޭ" ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު ނާޒިލް ވިދާޅުވީ، ރާއްޖޭގެ ސިއްހީ ހާލަތު އޮތް ގޮތް ސާފުވާނީ ބޭސް ސިޓީއެއް ހިފައިގެން ފާމަސީއަކަށް ވަނުމުން ކަމަށެވެ. އަދި ޑޮކްޓަރު ލިޔެދޭ ތިން ބޭހުގެ ތެރެއިން އެއްޗެއް ހޯދުމަށް 15 ފާމަސީއަށް ވަންނަންޖެހޭއިރު، އެ ލިބޭ އެންމެ ބޭހަކީ ވެސް އާސަންދަ ނުލިބޭ ބޭހަކަށް ވެފައި އޮންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"ދެންމެވެސް އަޅުގަނޑަށް އަޑުއިވިގެން އެ ދިޔައީ ސިއްހީ ހާލަތު ވަރަށް ރަނގަޅަށޭ ދަނީ. ސިއްހީ ހާލަތު ދަނީ ވަރަށް ރަނގަޅަށްކަން އެނގޭނެ ބޭސް ސިޓީއެއް ހިފައިގެން ފާމަސީއަކަށް ވަނީމަ. ސިއްހީ ހާލަތު މިއޮތީ ނެތޭ ނެތޭ ޓަކާޓަކާ ކިޔާހެން ނެތޭ ނެތޭ ކިޔަން ޖެހިފައި،" މަޖިލީހުގެ ރިޔާސަތަށް އަމާޒުކުރައްވައި ނާޒިލް ވިދާޅުވިއެވެ.

ނާޒިލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދެން ޖެހެނީ ބޭސް ސިޓީގައި އޮންނަ ބޭސް ހޯދުމަށް ޓަކައި ރާއްޖެއިން ބޭރަށް ފުރާ މީހެއްގެ އަތަށް ސިޓީ ދޭންޖެހި ނުވަތަ ރާއްޖެއިން ބޭރުގައި ހުންނަ ރައްޓެއްސަކަށް ގުޅައިގެން ބޭސް ލިބޭނެ ދުވަހަކަށް އިންތިޒާރުކޮށް މަޑުކުރާށެވެ.

މަޖިލީހުގެ އަޣުލަބިއްޔަތު އޮތް ސަރުކާރު ހިންގާ ޕާޓީގެ މެންބަރުންނަށް އިޝާރާތް ކުރައްވައި ނާޒިލް ވިދާޅުވީ، 93 މެންބަރުން މަޖިލީހުގައި ތިބެގެން ކުރަނީ ކޮން ކަމެއްތޯ ދާއިރާތަކުގެ އާންމު ރައްޔިތުން ސުވާލުކުރާނެ ކަމަށެވެ. އަދި ސަރުކާރު މެންބަރުންގެ އަތުގައި ސުޕަ މެޖޯރިޓީ އޮތް އިރު، ރައްޔިތުންނަށް ދިމާވެފައިވާ މިފަދަ ބޮޑެތި ތަކުލީފުތަކަށް އެއްބާރުލުން ނުދޭނަމަ ކުރިއަށް އޮތް ތަނުގައި ވޯޓުން ރައްޔިތުން އެކަމަށް ޖަވާބު ދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ބޭހުގެ ދަތިކަން ބޮޑުވެ، އާންމުންގެ ޝަކުވާތައް އިންތިހާއަށް އިތުރުވެފައިވާއިރު، މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަނީ "ސްޓޭޓްފާމާ" ގެ ނަމުގައި ކުންފުންޏެއް އުފައްދައި، އެސްޓީއޯއިން ކުރިން ބަލަހައްޓަމުން އައި ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު މިދިޔަ އަންގާރަ ދުވަހު ވިދާޅުވެފައިވަނީ، ބޭހުގެ މައްސަލަ ގޯސްވީ ޒަމާނުއްސުރެ ސަޕްލައިޗެއިނަށް ދޭންޖެހޭ ސަމާލުކަން ނުދެވި އޮތުމުން ކަމަށެވެ. އަދި ބޭހަކީ އެހެން މުދަލެކޭ އެއްގޮތަށް އޯޑަރު ޖަހާއިރަށް ވަގުތުން ގެނެވޭ އެއްޗެއް ނޫން ކަމަށާއި، މިހާރު ސަޕްލައިޗެއިން ޒަމާނީ ކުރުމަށް ކުރަމުންދާ މަސައްކަތްތަކާއެކު، އަންނަ އަހަރުގެ ކުރީކޮޅު ބޭހުގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ޝާހު ވިދާޅުވިއެވެ.

comment ކޮމެންޓް