ބީއެމްއެލުގެ އެހީތެރިކަމާއެކު ދިއްގަރުގައި ދަނޑުވެރިކަމުގެ މަޝްރޫއެއް ކުރިއަށް ގެންގޮސްފި

ދިއްގަރުގައި ބީއެމްއެލްގެ އެހީތެރިކަމާއެކު ހިންގި ދަނޑުވެރިކަމުގެ މަޝްރޫއުގެ ތެރެއިން ގަސްތަކެއް އިންދައިފައި --- ފޮޓޯ: ބީއެމްއެލް

ގައުމީ ބޭންކު ބީއެމްއެލްގެ ފަންޑުގެ އެހީތެރިކަމާއެކު މ. ދިއްގަރުގައި ކުރިއަށް ގެންދިޔަ "ސަސްޓެއިނެބަލް އާބަން ފާމިން" މަޝްރޫއު ނިންމައިލައިފިއެވެ.

ބީއެމްއެލުން ބުނީ އެ ބޭންކުގެ ފަންޑުގެ އެހީތެރިކަމާއެކު ދިއްގަރުގައި ކުރިއަށް ގެންދިޔަ "ސަސްޓެއިނަބަލް އާބަން ފާމިން" މަޝްރޫއަކީ ހައިޑްރޯޕޯނިކްސް އާއި ވާޓިކަލް ފާމިން ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ކާބޯތަކެތި އުފެއްދުން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ މަޝްރޫއެއް ކަމަށެވެ.

އެ މަޝްރޫއު ދިއްގަރުގައި ކުރިއަށް ގެންދިޔައީ ދެލައްކަ ރުފިޔާގެ މާލީ އެހީތެރިކަމާއެކު ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުމުގެ ފަރާތުންނެވެ.

ދިއްގަރު ކައުންސިލްގެ ރައީސް އަޙްމަދު ނިޝާން މުޙައްމަދު މަޝްރޫއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަނީ --- ފޮޓޯ: ބީއެމްއެލް

އެ މަޝްރޫއުގެ ބޭނުމަކީ ބީއެމްއެލުން ބުނި ގޮތުގައި، ރަށުގައި އުފައްދާ ތާޒާ މޭވާއާއި ތަރުކާރީ ރައްޔިތުންނަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި މުޖުތަމައަށް ދަނޑުވެރިކަމުގެ އަމަލީ ތަޖުރިބާއާއި މަޢުލޫމާތު ފޯރުކޮށްދިނުމާއި އިގުތިޞާދީ އައު ފުރުސަތުތައް ފަހިކޮށްދިނުމެވެ.

ބީއެމްއެލްގެ "ބޭންކް ފަންޑު"ގެ ދަށުން ރަށްރަށުގެ ދެމެހެއްޓެނިވި ތަރައްގީއަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، މުޖުތަމައު ބާރުވެރިކުރުވުމަށް އެހީތެރިވެދޭ މުހިންމު މަޝްރޫޢުތަކަށް މެދުކެނޑުމެއްނެތި އެއްބާރުލުން ދެމުން އަންނަ ކަމަށް އެ ބޭންކުން ބުންޏެވެ.

comment ކޮމެންޓް