ނިމުނު ހަފްތާގައި ސިންގަޕޫރުގައި ބޭއްވި ގްލޯބަލް އެސްއެމްއީ ފައިނޭންސް ފޯރަމް 2026 ގައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އެސްއެމްއީ ޑިޖިޓަލް އިން ރާއްޖެ ތަމްސީލުކޮށް، ރާއްޖެ ފަދަ ނާޒުކު މާކެޓުތަކުގައިވާ ކުދި ވިޔަފާރިތަކަށް އެހީތެރިވުމަށް ޑިވެލޮޕްމަންޓް ފައިނޭންސް އިންސްޓިޓިއުޝަންތަކަށާއި ފަންޑިން ޕާޓްނަރުންނަށް ދައުވަތު އަރުވައިފިއެވެ.
މިދިޔަ ބުދަ ދުވަހުން ހުކުރު ދުވަހަށް ކުރިއަށްދިޔަ މި ފޯރަމަކީ ވޯލްޑް ބޭންކް ގްރޫޕުގެ މެންބަރެއް ކަމަށްވާ އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އިން ހިންގާ އެސްއެމްއީ ފައިނޭންސް ފޯރަމްގެ އަހަރީ މައި އިވެންޓެވެ.
ބުރާސްފަތި ދުވަހު ބޭއްވި ”ގްރޯއިން އެސްއެމްއީސް އިން ފްރެޖައިލް މާކެޓްސް: ބިލްޑިން ރެޒިލިއަންސް އެންޑް އޮޕޮޗުނިޓީ“ ޕެނަލްގައި އެސްއެމްއީ ޑިޖިޓަލްގެ ފަރާތުން ބައިވެރިވެވަޑައިގެންފައިވަނީ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ، ބަދުރުއްދީން ޙަސަންއެވެ. ބަދުރުއްދީނަކީ އެސްއެމްއީ ފައިނޭންސް ފޯރަމްގެ ސައުތު އޭޝިއާ ޗެޕްޓަރުގެ ކޯ-ޗެއާ ވެސް މެއެވެ.
މި ޕެނަލްގައި ރާއްޖެ ފަދަ ކުޑަ ޖަޒީރާ ގައުމެއްގެ އިގުތިޞާދުގެ ނާޒުކުކަމުގެ މައްޗަށް އަލިއަޅުވާ ބަދުރު ވާހަކަ ދައްކަވާފައިވެއެވެ. މިގޮތުން މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން އިގުތިޞާދަށް ކުރިމަތިވި ލޮޅުންތަކާއެކު ފަތުރުވެރިކަމާއި އިމްޕޯޓަށް ބޮޑަށް ބަރޯސާވާ ގައުމެއްގެ ވިލުންތެރިކަން މުހިއްމުކަމުގެ މައްޗަށް ވާހަކަދައްކަވާފައިވެއެވެ.
"ގްރޯއިން އެސްއެމްއީސް އިން ފްރެޖައިލް މާކެޓްސް: ބިލްޑިން ރެޒިލިއަންސް އެންޑް އޮޕޮޗުނިޓީ“ ޕެނަލްގެ ތެރެއިން- ފޮޓޯ: އެސްއެމްއީ ޑިޖިޓަލްމިފަދަ ލޮޅުންތަކުން އަރައިގަތުމަށް ދިވެހި ވިޔަފާރިތަކަށް ޑިޖިޓަލް އިންފްރާސްޓްރަކްޗާ އެހީތެރިވެދޭ ގޮތް އެސްއެމްއީ ޑިޖިޓަލް އިން ހިއްސާކޮށްފައިވެއެވެ. މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ބީއެމްއެލްގެ ސެލްފް ސާވިސް ބޭންކިންގެ ޚިދުމަތް މިހާރު ލިބެން ހުރުމާއެކު، ގިނަ އަދަދެއްގެ ކުދި ވިޔަފާރިތަކުން އަންނަނީ އެ ފަރާތްތަކުގެ ފައިސާ، ބޭންކިން ނިޒާމުގެ ތެރެއަށް ވައްދައި، ރަސްމީ ވަސީލަތްތައް މެދުވެރިކޮށް މުއާމަލާތްތައް ހިންގަމުންނެވެ.
މީގެ ސަބަބުން ލޯނު ދޭ ފަރާތްތަކަށް އެ ވިޔަފާރިތަކުގެ މައުލޫމާތު ސާފުވުމުގައި ލުއިތަކެއް ލިބެއެވެ. އަދި އެސްއެމްއީ ޑިޖިޓަލްގެ މޮބައިލް އެޕާއި އޮންލައިން ޕޯޓަލް މެދުވެރިކޮށް ކޮންމެ ރަށެއްގައި ހުރެގެން ވެސް ޑިޖިޓަލްކޮށް ފައިނޭންސިންއަށް އެދި ހުށަހެޅުމުގެ ފުރުސަތު ވިޔަފާރިތަކަށް ލިބެއެވެ.
މީގެއިތުރުން، ކުދި ވިޔަފާރިތަކުން އިއާދަކުރަނިވި ހަކަތައިގެ ބޭނުންހިފައި، މިފަދަ ލޮޅުންތަކަށް އަރައިގަތުމަށް މަސައްކަތް ކުރަމުންދާކަން އެސްއެމްއީ ޑިޖިޓަލްއިން ފާހަގަކުރިއެވެ. އަދި އަތްފޯރާފަށުގައި ފައިނޭންސިން ފޯރުކޮށްދީގެން މިފަދަ މަޝްރޫތަކަށް އެއްބާރުލުންދިނުމުގެ މުހިންމުކަމުގެ މައްޗަށް މި ފޯރަމުގައި އަލިއަޅުވާލާފައިވެއެވެ.
މި ފޯރަމުގައި ވާހަދައްކަވަމުން އެސްއެމްއީ ޑީޖިޓަލްގެ އެމްޑީ ވަނީ، ކުދި ވިޔަފާރިތަކަކީ އިގްތިސާދީ ލޮޅުންތަކުގެ ސަބަބުން ގިނަ ގޮންޖެހުންތަކާއި ތަފާތު ހާލާތްތަކާއި ކުރިމަތިލާން ޖެހިފައިވާ ބައެއްކަން ފާހަގަކުރައްވައި، ކުދިވިޔަފާރިތަކުން އެ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަންނަން މަސައްކަތްކުރާ ވަގުތު ބޭނުންވާ މާލީ ހައްލު ލިބެން ހުރުން މުހިންމުކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ރަށްރަށުގެ މުޖުތަމައުތައް ދެމެހެއްޓުމުގައި ދެމިތިބި ވިޔަފާރިތަކަށް އަތްފޯރާ ފަށުގައި ފައިނޭންސިން ފޯރުކޮށްދިނުމަށް މަސައްކަތް ކުރުމަށް ޑިވެލޮޕްމަންޓް ފައިނޭންސް އިންސްޓިޓިއުޝަންތަކަށާއި ފަންޑިން ޕާޓްނަރުންނަށް ބަދުރުއްދީން ވަނީ މި ފޯރަމުގައި ދައުވަތުއަރުވާފައެވެ.
"ގްރޯއިން އެސްއެމްއީސް އިން ފްރެޖައިލް މާކެޓްސް: ބިލްޑިން ރެޒިލިއަންސް އެންޑް އޮޕޮޗުނިޓީ“ ޕެނަލްގެ ތެރެއިން- ފޮޓޯ: އެސްއެމްއީ ޑިޖިޓަލްމީގެ އިތުރުން، މިދިޔަ އަންގާރަ ދުވަހު ގްލޯބަލް ފައިނޭންސް އެންޑް ޓެކްނޮލޮޖީ ނެޓްވޯކް (ޖީއެފްޓީއެން) އިން އިންތިޒާމުކުރި އިންސައިޓްސް 2040 އެނުއަލް މީޓިންގްތަކުގައި އެސްއެމްއީ ފައިނޭންސް ފޯރަމްގެ ސަރަހައްދީ ޗެޕްޓަރުތަކުގެ ކޯ-ޗެއާރުންނާއެކު އެސްއެމްއީ ޑިޖިޓަލްއިން ބައިވެރިވެފައިވެއެވެ. ”އެސްއެމްއީ ފައިނޭންސް އިން ދަ ނިއު އެރާ: ފްރޮމް އޭޝިއަން އިނޮވޭޝަން ޓު ގްލޯބަލް ސްކޭލް“ ގެ ނަމުގައި ކުރިއަށްގެންދިޔަ މި ސެޝަންގައި، އޭޝިއާގައި ތަރައްގީކޮށްފައިވާ ފައިނޭންސިން މޮޑެލްތައް އެހެން ސަރަހައްދުތަކަށް ބޭނުންކުރެވިދާނެ ގޮތްތަކާ މެދު މަޝްވަރާކޮށްފައި ވެއެވެ.
ސަރުކާރުގެ ޔޫތު އެންޓަޕްރެނުއާޝިޕް ޕްރޮގްރާމްގެ ދަށުން އެސްއެމްއީ ޑިޖިޓަލް އިން ކޮށްފައިވާ މަސައްކަތްތައް، މި ފޯރަމުގެ ތެރެއިން ހުށަހަޅާފައިވެއެވެ. މި ޕްރޮގްރާމްގެ ދަށުން 3،000 ޒުވާން ވިޔަފާރިވެރިންނަށް ފައިނޭންސިން ދޫކޮށްފައިވާއިރު، އެޕްރޫވަލް ލިބޭތާ 24 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރެވިފައިވެއެވެ.
މީގެއިތުރުން ސަރުކާރުގެ ވުޒާރާތަކުގެ އިތުރުން ތަރައްގީގެ ބައިވެރިންނާއި އެހީދޭ ފަރާތްތަކާ ގުޅިގެން އެސްއެމްއީ ޑިޖިޓަލް އިން ކުރިއަށްގެންދާ ބްލެންޑެޑް ފައިނޭންސިން ޕްރޮގްރާމްތަކުގެ މައްޗަށް ވެސް މި ސެޝަންގައި އަލިއަޅުވާލިއެވެ.