ބީއެމްއެލް އެފޯޑަބަލް ހައުސިން: އިތުރު 182 ހައުސިން ޔުނިޓްގެ ކޮންކްރީޓް މަސައްކަތް ފަށައިފި

ބީއެމްއެލްގެ މަޝްރޫއުގެ ދަށުން އިމާރާތްކުރަނީ: 182 ހައުސިން ޔުނިޓްގެ ކޮންކްރީޓް މަސައްކަތްތައް ވަނީ ފަށައިފައި -- ފޮޓޯ/ ބީއެމްއެލް

ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެފޯޑަބަލް ހޯމް ލީސިން ކުންފުނިން ހުޅުމާލެ ފޭސް-1 ގައި އެފްޑަބްލިއު ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ތަރައްގީކުރާ 182 ހައުސިން ޔުނިޓްގެ ކޮންކްރީޓް މަސައްކަތްތައް ފަށައިފިއެވެ.

ބީއެމްއެލްއިން ބުނީ އެ ޔުނިޓްތަކުގެ ފައުންޑޭޝަން ތައްޔާރުކޮށް ކޮންކްރީޓް އެޅުމުގެ މަސައްކަތް މިހާރު ހިނގަމުންދާ ކަމަށެވެ.

ހަމައެއާއެކު މާލެ ސިޓީގައި މިވަގުތު 3،200 އަށް ވުރެ ގިނަ ހައުސިން ޔުނިޓް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ހިނގަމުންދާ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ހަމައެއާއެކު މި ހައުސިން ޔުނިޓްތައް އިމާރާތްކުރުމުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރެއަށް ނިންމައިލެވޭނެ ކަމަށް ވެސް ބޭންކުން ބުންޏެވެ.

މިއީ 3 ކޮޓަރީގެ 900 އަކަފޫޓުގެ ހައުސިން ޔުނިޓްތަކެކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެ ބޭންކުގެ އެފޯޑަބަލް ހޯމް ލީސިން ކުންފުނިން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ތަރައްގީކުރާ 364 ފުލެޓުގެ ތެރެއިން 182 ފުލެޓުގެ ފައުންޑޭޝަން ތައްޔާރުކޮށް ކޮންކްރީޓް އެޅުމުގެ މަސައްކަތް މި މަހުގެ ފަސް ވަނަ ދުވަހު ވެސް ވަނީ ފަށައިފައެވެ.

comment ކޮމެންޓް