ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ގެއްލުންވާ ގޮތަށް، ދެވިހިފާފަދަ ޕްލެޓްފޯމެއް ފަރުމާކޮށްފައިވާ ކަމަށް ބުނެ އެމެރިކާގެ އެތައް ހާސް ސްކޫލް ޑިސްޓްރިކްޓަކުން ކުރި ދައުވާތަކާ ގުޅިގެން، ގާތްގަނޑަކަށް ތިން ބިލިއަން ޑޮލަރު ދެއްކުމަށް ޔޫޓިއުބުން އުސޫލެއްގެ ގޮތުން އެއްބަސްވެފައިވާ ކަމަށް ބްލޫމްބާގް ނިއުސްއިން ރިޕޯޓްކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ފުރާވަރުގެ ކުދިން ރައްކާތެރިކުރުމަށް ޕްލެޓްފޯމަށް ބަދަލުތަކެއް ގެނައުން ވެސް ހިމެނޭއިރު، މި އެއްބަސްވުން ފުރިހަމަވާނީ ގިނަ ސްކޫލް ޑިސްޓްރިކްޓްތަކުން މީގައި ސޮއިކުރުމުން ކަމަށާއި، މިކަން ނިންމުމަށް މަސްތަކެއް ނަގާނެ ކަމަށް މިކަމުގެ މައުލޫމާތު އެނގޭ ފަރާތްތަކާ ހަވާލާދީ ބްލޫމްބާގްއިން ބުނެފައިވެއެވެ.
މި މައްސަލަ ބައްލަވާ ކެލިފޯނިއާގެ އޯކްލޭންޑްގެ ޔޫއެސް ޑިސްޓްރިކްޓް ފަނޑިޔާރު ޔޮވޯން ގޮންޒާލޭޒް ރޮޖާސް މި އެއްބަސްވުން ބަލައިގަނެ ތަސްދީގު ކުރައްވަން ޖެހޭނެއެވެ.
ނިއުޔޯކް ސިޓީއާއި ލޮސް އެންޖެލިސް ފަދަ ބޮޑެތި ސިޓީތަކުން ފެށިގެން ކުދި މުޖުތަމައުތައް ވެސް ހިމެނޭހެން އެ ޑިސްޓްރިކްޓްތަކުން ވަނީ މެޓާ ޕްލެޓްފޯމްސް، ސްނެޕް އަދި ޓިކްޓޮކްއާ ދެކޮޅަށް ވެސް ދައުވާކޮށްފައެވެ. އެ ދައުވާތަކުގައި ބުނެފައިވަނީ ރެކޮމެންޑޭޝަން އަލްގޮރިދަމްތަކާއި، އޮޓޯޕްލޭ އަދި އިންފިނިޓް ސްކްރޯލް ފަދަ ފީޗާތައް ފަރުމާކޮށްފައިވަނީ ޒުވާނުން އޭގައި ޖެއްސުމަށް ކަމަށާއި، އޭގެ ސަބަބުން ޑިޕްރެޝަނާއި، އެންޒައިޓީ އަދި ކެއުމުގެ މައްސަލަތައް ފަދަ ކަންކަން ކުރިމަތިވެފައިވާ ކަމަށެވެ.
މި ކުންފުނިތަކުން މި ތުހުމަތުތައް ދޮގުކުރާއިރު، ޔޫޓިއުބްގެ ބެލެނިވެރި ކުންފުނި އަލްފަބެޓުން މިކަމާ ގުޅޭގޮތުން ރޮއިޓާސްއިން ކުރި ސުވާލަކަށް އަދި ޖަވާބެއް ދީފައެއް ނުވެއެވެ.
އެހެން ޕްލެޓްފޯމްތަކާ ހިލާފަށް ޔޫޓިއުބަކީ ކްލާސްރޫމްތަކުގައި ކިޔަވައިދިނުމަށް ސްކޫލްތަކުން ފުޅާ ދާއިރާއެއްގައި ބޭނުންކުރާ ޕްލެޓްފޯމެކެވެ. ނަމަވެސް، ތޯމަސް ބީ ފޯޑްހަމް އިންސްޓިޓިއުޓުން ހައިސްކޫލްގެ 2،000 އަށްވުރެ ގިނަދަރިވަރުންގެ މެދުގައި ސެޕްޓެމްބަރު މަހު ކުރި ސާވޭއަކުން ދައްކާ ގޮތުގައި، ސްކޫލް ގަޑީގައި 30 އިންސައްތައަށްވުރެ ގިނަ ދަރިވަރުން ޔޫޓިއުބް ބޭނުންކުރަނީ މުދައްރިސުން ހަވާލުކުރާ ކަންކަމުގެ ބަދަލުގައި މުނިފޫހިފިލުވުމަށެވެ.
ސްކޫލްތަކުން ބުނާ ގޮތުގައި، ސްކޫލްތަކުގައި ފޯނު މަނާކުރުމުގެ އުސޫލުތައް ތަންފީޒުކުރުމަށާއި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ މުވައްޒަފުން ހޯދުމަށް ބޮޑު ހޭދައެއް ކުރަން ޖެހިފައިވާތީ، އެ ފަރާތްތަކުން އެދެނީ މާލީ ބަދަލާއި ޕްލެޓްފޯމްތަކަށް ބަދަލުތައް ގެނައުމަށެވެ.
މި މައްސަލައިގައި ފެޑެރަލް ސްކޫލްތަކުގެ ފަރާތުން ދެން އޮންނަ ޝަރީއަތް ތާވަލުކޮށްފައިވަނީ އަންނަ ފެބްރުއަރީ މަހު އެރިޒޯނާގެ ޓޫސަންގައެވެ. އެ ޝަރީއަތުގައި މެޓާ، ޓިކްޓޮކް އަދި ސްނެޕް ދައުވާލިބޭ ފަރާތްތަކުގެ ގޮތުގައި ހިމެނޭނެ ކަމަށް ވެސް އެ ރިޕޯޓްގައިވެއެވެ.
ކުޑަކުދިން ދެވިހިފާ ގޮތަށް ފޭސްބުކްއާއި އިންސްޓަގްރާމް ފަރުމާކުރި ކަމަށް ބުނެ އެމެރިކާގެ ގާތްގަނޑަކަށް ހުރިހާ ސްޓޭޓަކުން ކުރި ދައުވާތައް ނިންމުމަށް، ކުރިއަށް އޮތް ދިހަ އަހަރު ތެރޭގައި 18 ބިލިއަން ޑޮލަރާ ހަމައަށް ފައިސާ ދެއްކުމަށާއި ފުރާވަރުގެ ކުދިން އެ ޕްލެޓްފޯމްތައް ބޭނުންކުރާ ގޮތް ހަރުކަށިކޮށް ހިފެހެއްޓުމަށް މެޓާއިން ވަނީ މިދިޔަ އޮގަސްޓް މަހު އެއްބަސްވެފައެވެ.