ގޫގުލްގެ އެންމެ މަތީ ފަންތީގެ ސަބްސްކްރިޕްޝަން ޕްލޭން ކަމަށްވާ 'ގޫގުލް އޭއައި އަލްޓްރާ' ބޭނުންކުރާ ފަރާތްތަކަށް ޔޫޓިއުބް ޕްރީމިއަމް ފެމިލީ ޕްލޭން ހިލޭ ލިބޭގޮތަށް އެ ކުންފުނިން ބަދަލު ގެނެސްފިއެވެ.
މި ބަދަލާއެކު، ކުރިން ހަމައެކަނި ވަކިވަކި ފަރުދުންނަށް ލިބެމުންދިޔަ ޔޫޓިއުބް ޕްރީމިއަމްގެ ޚިދުމަތް، މިހާރު އެއް ގޭބިސީއެއްގައި ދިރިއުޅޭ އިތުރު ފަސް މެންބަރުންނާ ހިއްސާކުރުމުގެ ފުރުސަތު ސަބްސްކްރައިބަރުންނަށް ލިބިގެންދާނެއެވެ.
ގޫގުލް އިން ހާމަކޮށްފައިވާ ގޮތުގައި މި އޮފާ 'ގޫގުލް އޭއައި އަލްޓްރާ 5x' އަދި 'އޭއައި އަލްޓްރާ 20x' މި ދެ ޕްލޭން ބޭނުންކުރާ ފަރާތްތަކަށް ވެސް ލިބޭނެއެވެ.
ގޫގުލް ފޮޓޯސް، ގޫގުލް ވަން އަދި އޭއައި ސަބްސްކްރިޕްޝަންތަކުގެ ވައިސް ޕްރެޒިޑެންޓް އަދި ޖެނެރަލް މެނޭޖަރު ޝިމްރިޓް ބެން-ޔައިރް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފެމިލީ ޕްލޭން ހިމެނުމަކީ އޭއައި އަލްޓްރާ ބޭނުންކުރާ ގިނަ ބަޔަކު އެންމެ ބޮޑަށް އެދެމުންދިޔަ އެއް ކަންތައް ކަމަށެވެ.
https://x.com/shimritby/status/2123194345692291095
ޔޫޓިއުބް ޕްރީމިއަމް މެދުވެރިކޮށް އިޝްތިހާރަކާ ނުލައި ވީޑިއޯ ބެލުމާއި، ބެކްގްރައުންޑްގައި ވީޑިއޯ ޕްލޭކުރުމުގެ އިތުރުން އޮފްލައިންކޮށް ބެލުމަށް ވީޑިއޯ ޑައުންލޯޑް ކުރުމުގެ ފުރުސަތު ލިބެއެވެ.
މީގެ އިތުރުން، މި ޕްލޭންގެ ދަށުން އިޝްތިހާރަކާ ނުލައި މިއުޒިކް އަޑުއެހުމާއި އޮފްލައިން ލިސްނިންގް ޚިދުމަތާއެކު 'ޔޫޓިއުބް މިއުޒިކް ޕްރީމިއަމް' ވެސް އާއިލާގެ ފަސް މެންބަރުންނަށް ބޭނުންކުރެވޭނެއެވެ.
އަލްޓްރާގެ މި ދެ ޕްލޭނުން ލިބޭ ކްލައުޑް ސްޓޯރޭޖްގެ މިންވަރު ތަފާތުވާއިރު، އޭއައި އަލްޓްރާ 5x ޕްލޭނުން 20 ޓީބީގެ ސްޓޯރޭޖް ލިބޭއިރު، އޭއައި އަލްޓްރާ 20x ޕްލޭނުން 30 ޓީބީގެ ސްޓޯރޭޖް ލިބެއެވެ.
ގޫގުލް އިން މީގެ ކުރިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އޮކްޓޯބަރު މަހުގެ ނިޔަލަށް ޓްރަޔަލް ބޭނުންކުރާ ފަރާތްތަކާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޔޫޓިއުބް މިއުޒިކް އަދި ޔޫޓިއުބް ޕްރީމިއަމް ބޭނުންކުރާ 150 މިލިއަން ސަބްސްކްރައިބަރުން އެބަތިއްބެވެ.
ވަކިން ޔޫޓިއުބް ޕްރީމިއަމް ނަގާނަމަ އިންޑިވިޖުއަލް ޕްލޭނެއްގެ އަގަކީ މަހަކު 13.99 ޔޫއެސް ޑޮލަރު ކަމަށްވާއިރު، ފަސް މެންބަރުންނަށް ޚިދުމަތް ލިބޭ ފެމިލީ ޕްލޭންގެ އަގަކީ މަހަކު 22.99 ޔޫއެސް ޑޮލަރެވެ.