ބޮޑު މަޤުބޫލުކަމެއް ހޯދި ފިލްމު 'ދަޅަކް'ގެ ޑައިރެކްޓަރު އިތުރު ލޯބީގެ ފިލްމެއް އިއުލާންކޮށްފި

ޑައިރެކްޓަރު ޝަޝާންކް ގެނެސްދިން ކާމިޔާބު ފިލްމު "ދަޅަކް"ގެ ލީޑް ތަރިން ކަމަށްވާ އިޝާން ހައްތަރު އަދި ޖާންވީ ކަޕޫރު--ފޮޓޯ/ފޭސްބުކް

ބެލުންތެރިން ބޮޑު މަޤުބޫލުކަމެއް ހޯދި ރީތި ލޯބީގެ ފިލްމު "ދަޅަކް"ގެ ޑައިރެކްޓަރު ޝަޝާންކް ޚައިތާން އޭނާގެ ކުރިއަށް އޮތް އާ ފިލްމު "އެއިސީ ދީވާންގީ ދޭކީ ނަހީން ކަހީން" ރަސްމީކޮށް އިޢުލާނުކޮށްފިއެވެ.

ޓީ-ސީރީޒްގެ ރަސްމީ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށް އާންމުކުރި ޚާއްޞަ ވީޑިއޯއެއްގައި ފިލްމުގެ ނަން ހާމަކުރުމާއެކު، މި ފިލްމުން ބޮލީވުޑްގެ ފިލްމީ ދާއިރާއަށް އަލަށް ތަޢާރަފުވާ ދެ ތަރިން ކަމަށްވާ ސުބުހާން އާއި އައިރާ ވަނީ ބެލުންތެރިންނަށް ދައްކާލާފައެވެ.

ފިލްމުގެ ނަން އިޢުލާނުކުރުމަށް ނެރުނު ވީޑިއޯއިން ފިލްމުގެ މާޙައުލުގެ ޝައުޤުވެރި ތަޞައްވުރެއް ލިބިގެންދާއިރު، ދެ ލޯބިވެރިންގެ ލޯބީގެ ހިތްގައިމު ވަގުތުކޮޅަކަށްފަހު، މުޅިން ތަފާތު އަދި ހީވެސް ނުކުރާ ފަދަ ނުތަނަވަސް މަންޒަރެއް އެ ވީޑިއޯއިން ފެނިގެންދެއެވެ. ހަމައެއާއެކު، ފިލްމުގެ ޕޯސްޓަރުންވެސް ދޭހަކޮށްދެނީ މިއީ ވަރަށް ފުން، އަދި ކުރިއަށް ވާނެ ގޮތެއް ލަފާކޮށްލަންވެސް ދަތި، އާދަޔާ ޚިލާފު ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެއް ކަމެވެ.

ފިލްމު "އެއިސީ ދީވާންގީ ދޭކީ ނަހީން ކަހީން"އިން ބޮލީވުޑަށް ތައާރަފްވާ ސުބުހާން އާއި އައިރާ--ފޮޓޯ/ފޭސްބުކް

އިންސްޓަގްރާމްގައި ހިއްސާކުރި މި ޕޯސްޓުގެ ކެޕްޝަނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިއީ ތަފާތު މިޒާޖެއްގެ ދެ ލޯބިވެރިންނާއި އާދަޔާ ޚިލާފު ލޯތްބެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އަދި 'ބަދްރީނާތު ކީ ދުލްހަނިޔާ' ފަދަ މަޤުބޫލު ފިލްމުތައް ގެނެސްދިން ޝަޝާންކް ޚައިތާން އާއި '214 އެންޓަޓެއިންމަންޓް' ގުޅިގެން ގެނެސްދޭ މި ފިލްމު ސިނަމާތަކުގައި އަޅުވާނީ 2027 ވަނަ އަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހު ކަމަށްވެސް އެ ކެޕްޝަނުގައި ބަޔާންކޮށްފައިވެއެވެ.

ޝަޝާންކް ޚައިތާން އަމިއްލައަށް ލިޔެ، ޑައިރެކްޓްކުރާ މި ރޮމޭންޓިކް ޑްރާމާ ޕްރޮޑިއުސްކުރަނީ އޭނާގެ ފިލްމު ކުންފުނި '214 އެންޓަޓެއިންމަންޓް'ގެ ދަށުން އަމިތު ޗަންދްރާ، ނަލިނީ ދައްތާ ޚައިތާން، ކަރިޝްމާ ތައްކަރު އަދި ޝަޝާންކް ޚައިތާން ގުޅިގެންނެވެ. ބޮލީވުޑްގައި ކާމިޔާބު ގިނަ ލޯބީގެ ފިލްމުތަކެއް ގެނެސްދީފައިވާ ޝަޝާންކް އެންމެ ފަހުން ޑައިރެކްޓްކޮށްފައިވަނީ ވަރުން ދަވަން އާއި ޖާންވީ ކަޕޫރު ލީޑް ރޯލުން ފެނިގެންދިޔަ "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ"އެވެ.

comment ކޮމެންޓް