އަބީޝެކް ޕާތަކް ޑައިރެކްޓްކޮށް، މިދިޔަ އޮކްޓޯބަރު މަހު ސިނަމާތަކުގައި ރިލީޒްކުރި 'ދުރިޝްޔަމް' ސިލްސިލާގެ އެންމެ ފަހު ބައި ޑިޖިޓަލް ޕްލެޓްފޯމަށް އަންނަން ތައްޔާރުވެއްޖެއެވެ.
ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އަޖޭ ދޭވްގަން ލީޑްރޯލުން ފެނިގެންދާ ކާމިޔާބު ކްރައިމް ތުރިލާ ސިލްސިލާގެ އެންމެ ފަހު ފިލްމު، 'ދުރިޝްޔަމް: ދަ ކޮންކްލޫޝަން'، މި މަހުގެ 27 ވަނަ ދުވަހު ނެޓްފްލިކްސްގައި ސްޓްރީމް ކުރަން ފަށާނެކަން އެ ޕްލެޓްފޯމްއިން ވަނީ އިއުލާނުކޮށްފައެވެ. އަބީޝެކް ޕާތަކްގެ ޑައިރެކްޝަންގެ ދަށުން އުފައްދާފައިވާ މި ފިލްމު ސިނަމާތަކުގައި ރިލީޒްކުރީ މި އަހަރުގެ އޮކްޓޯބަރު މަހުގެ ދެ ވަނަ ދުވަހުއެވެ.
މި ސިލްސިލާގެ ކުރީގެ ފިލްމުތަކެކޭ އެއްފަދައިން ފަހު ފިލްމުންވެސް އަޖޭ ފެނިގެންދަނީ އާދައިގެ ކޭބަލް އޮޕަރޭޓަރެއް ކަމަށްވާ ވިޖޭ ސަލްގާއޯންކަރުގެ ޝައުގުވެރި ކެރެކްޓައިންނެވެ. ދަރިފުޅުގެ އަތުން ހިނގާ ކުށެއްގައި މުޅި އާއިލާ ބެދިގެންދާއިރު، އާއިލާގެ ހިމާޔަތުގައި ވިޖޭ ކުރާ އާދަޔާޚިލާފު މަސައްކަތްތަކާއި، ޤާނޫނީ އިދާރާތަކަށްވުރެ އެއްފިޔަވަޅު ކުރީގައި ހުރުމަށް އޭނާ ރާވާ ތޫނުފިލި ރޭވުންތަކުގެ ފޯރިގަދަ އަދި ނޭވާ ހިފަހައްޓާލަންޖެހޭ ފަދަ ހާދިސާތައް މި ބައިންވެސް ބެލުންތެރިންނަށް ތަޖުރިބާކޮށްލެވޭނެއެވެ.
ފިލްމު "ދްރިޝްޔަމް 3"ގެ މުހިންމު ރޯލްތައް ކުޅެފައިވާ ތަރިން ހިމެނޭ ޕޯސްޓަރެއް--ފޮޓޯ/ޓެލެގްރާފްއިންޑިއާފިލްމުގެ ކާސްޓަށް ބަލާއިރު، އަޖޭ ދޭވްގަންގެ އިތުރުން ކުރީގެ ބައިތަކުން ފެނިގެންދިޔަ ތަބޫ، ޝްރިޔާ ސަރަން، ރަޖަތު ކަޕޫރު، އިޝީތާ ދައްތާ އަދި މްރުނާލް ޖާދަވް މި ފިލްމުގައިވެސް މުހިންމު ރޯލުތަކުން ފެނިގެންދެއެވެ. މީގެ އިތުރުން، މި ކޭސް ތަޙުޤީޤުކުރާ ކްރައިމް ބްރާންޗް އޮފިސަރު ރާޖްވީރު ސިންގް ތޯމަރުގެ ރޯލުން ޖައިދީޕް އަހްލާވަތު މި ފްރެންޗައިޒާ އަލަށް ގުޅިފައިވާއިރު، ކުޅަދާނަ އެކްޓަރު ޕްރަކާޝް ރާޖް ފެނިގެންދަނީ ވަކީލެއްގެ ރޯލުންނެވެ.
މޯހަންލާލް ލީޑް ރޯލު ކުޅެފައިވާ މަލަޔާޅަމް ފިލްމު 'ދުރިޝްޔަމް' އަސްލަކަށް ބަލައިގެން އުފެއްދި މި ހިންދީ ފްރެންޗައިޒް ފުރަތަމަ ފިލްމު އުފައްދާފައިވަނީ 2015 ވަނަ އަހަރުއެވެ. އޭގެ ހަތް އަހަރު ފަހުން، 2022 ވަނަ އަހަރު ރިލީޒްކުރި 'ދުރިޝްޔަމް 2'އަށް ލިބުނު ބޮޑު ކާމިޔާބީއަށްފަހު، ޕެނޮރާމާ ސްޓޫޑިއޯސްއިން ޕްރޮޑިއުސްކޮށް ސްޓާ ސްޓޫޑިއޯ 18އިން ގެނެސްދިން ފަހު ބައިގެ ސްކްރީންޕްލޭ އެކުލަވާލާފައިވަނީ ޑައިރެކްޓަރު އަބީޝެކް ޕާތަކްވއާއި އާމިލް ކީޔާން ޚާންގެ އިތުރުން ޕަރުވޭޒް ޝައިޚް ގުޅިގެންނެވެ.