ދާދާސާހެބް ފާލްކޭ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް އެވޯޑްސްގެ ޝަރަފުވެރި ވަނަތައް އިއުލާނުކޮށްފި

ދާދާސާހެބް ފާލްކޭ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލްގައި ފާހަގަކޮށްލެވޭ އެވޯޑުތައް ކާމިޔާބުކުރި އަނީތު ޕައްޑާ، ރަންވީރު ސިންގް އަދި ޔާމީ ގޯތަމް -- ފޮޓޯ: އިންޑިއާ ޓުޑޭ

އިންޑިއާގެ ސަރުކާރުން ފަންނާނުންނަށް ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ ދާދާސާހެބް ފާލްކޭ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް (ޑީޕީއައިއެފްއެފް) އެވޯޑްސްގެ ޝަރަފުވެރި ވަނަތައް ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ފާހަގަކޮށްލެވޭ ފަންނާނުންތަކަށް އަރުވައިފިއެވެ.

މި އަހަރުގެ އެވޯޑު ލިބުނު ފަންނާނުންގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު ޕޮޕް ތަރި ޓޭލާ ސްވިފްޓާއި، ހޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ޖޭމްސް ކެމަރަން ހިމެނެއެވެ. މީގެ އިތުރުން އިންޑިއާގެ ލެޖެންޑަރީ އެކްޓަރު ކަމަލް ހާސަން، ބޮލީވުޑްގެ ހުނަރުވެރި ތަރި ރަންވީރު ސިންގް އަދި ކޮމޭޑިއަން ސަމޭ ރައިނާވެސް ވަނީ މި ޝަރަފުވެރި ވަނަތައް ހާސިލުކޮށްފައެވެ.

އިއްޔެ މުމްބާއީގައި ބޭއްވި މި ޙަފްލާގެ ކާމިޔާބީތައް ފެސްޓިވަލްގެ ރަސްމީ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށް އިޢުލާންކޮށްފައިވާއިރު، މި އަހަރުގެ އެންމެ މޮޅު ފިލްމުގެ މަޤާމު 'ދުރަންދަރު' ހޯދިއިރު، އަހަރުގެ އެންމެ މޮޅު ލަވައިގެ އެވޯޑު ލިބުނީ 'ސައްޔާރާ' އަށެވެ.

މި އަހަރުގެ އެވޯޑް ލިސްޓު އިތުރަށް ފުރިހަމަވެގެން ދިޔައީ އިންޑިއާގެ ފަންނާނުންގެ އިތުރުން ދުނިޔޭގެ މުނިފޫހިފިލުވުމުގެ ދާއިރާގެ އެންމެ އުހުގައި ފިޔަޖަހާ ތަރިން މި ލިސްޓުން ޖާގަ ހޯދުމުންނެވެ. އެގޮތުން އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް 'އިންޓަނޭޝަނަލް އާޓިސްޓް އޮފް ދަ އިޔާ'ގެ ޝަރަފުވެރި މަޤާމަށް ހޮވުނުއިރު، ދުނިޔޭގެ ސިނަމާއަށް ކޮށްދީފައިވާ އަގުނުކުރެވޭ ޚިދުމަތްތަކުގެ އަގުވަޒަންކޮށް ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ޖޭމްސް ކެމަރަންއަށް ވަނީ 'އައުޓްސްޓޭންޑިންގް ކޮންޓްރިބިއުޝަން އިން ގްލޯބަލް ސިނަމާ' އެވޯޑް އަރުވާފައެވެ.

ދާދާސާހެބް ފާލްކޭ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް (ޑީޕީއައިއެފްއެފް) އެވޯޑްސްގެ ޝަރަފުވެރި ވަނަތައް ހާސިލުކުރި ބައިނަލް އަޤްވާމީ ފަންނާނުން ކަމަށްވާ، ޓޭލަ ސްވިފްޓް، ޖޭމްސް ކެމެރަން އަދި މައިކަލް ީ ޖޯޑަން -- ފޮޓޯ/ އިންޑިއާޓުޑޭ

އިންޑިއާގެ ފިލްމީ ދާއިރާގެ ވަނަތަކަށް ނަޒަރު ހިންގާލާއިރު، މި އަހަރުގެ އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު 'ދުރަންދަރު' ވަނީ މުހިންމު ގިނަ އެވޯޑްތަކެއް ކާމިޔާބުކޮށްފައެވެ. އޭގެތެރޭގައި އެންމެ މޮޅު ޕްރޮޑިއުސަރުގެ އެވޯޑު އަދި އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު ހިމެނެއެވެ. އެ ފިލްމުގައި ދެއްކި އާދަޔާ ޚިލާފު އެކްޓިންގްއަށް ރަންވީރު ސިންގްއަށް އެންމެ މޮޅު އެކްޓަރުގެ މަޤާމު ލިބުނުއިރު، ފިލްމުގައި ދެއްކި ހުނަރުގެ އަގުވަޒަންކޮށް އަކްޝޭ ކަންނާއަށް ވެސް ވަނީ ޚާއްޞަ ޝަރަފެއް އަރުވާފައެވެ.

އެންމެ މޮޅު ބަތަލާގެ ޝަރަފު ފިލްމު 'ސައްޔާރާ'އިން އަނީތު ޕައްޑާ ހާސިލުކުރިއިރު، ކްރިޓިކްސްގެ ނަޒަރުގައި އެންމެ މޮޅު ފިލްމަކަށް ހޮވިފައިވަނީ 'ކަންތާރާ: ޗެޕްޓާ 1'އެވެ. ކްރިޓިކްސްގެ އެންމެ މޮޅު އެކްޓަރުގެ މަޤާމު ރިޝަބް ޝެޓީ ކާމިޔާބުކުރިއިރު، ކްރިޓިކްސްގެ އެންމެ މޮޅު ބަތަލާގެ ޝަރަފު ލިބުނީ ޔާމީ ގޯތަމް ދަރްއަށެވެ.

ސިނަމާގެ އިތުރުން ވެބް ސީރީޒްތަކާއި ޓެލެވިޜަން އަދި މިއުޒިކްގެ ދާއިރާއިންވެސް ފާހަގަކޮށްލެވޭ ފަންނާނުންގެ އަގު މި ޙަފްލާގައި ވަޒަންކޮށްފައިވެއެވެ. އެގޮތުން އެންމެ މޮޅު ވެބް ސީރީޒްގެ މަޤާމު 'ދަ ބޭޑްސް އޮފް ބޮލީވުޑް' ހޯދިއިރު، އެ ސީރީޒް ޑައިރެކްޓްކުރި އާރްޔަން ޚާންއަށް ވަނީ ވެބް ސީރީޒްގެ ބައިން އެންމެ މޮޅު ޑައިރެކްޓަރުގެ ޝަރަފު ލިބިފައެވެ. ހަމައެއާއެކު 'ޕާތާލް ލޯކް'އިން ޖައިދީޕް އަހްލާވަތު ވެބް ސީރީޒްގެ އެންމެ މޮޅު އެކްޓަރުގެ މަޤާމު ހޯދިއިރު، 'ދިއްލީ ކްރައިމް 3'އިން ޝެފާލީ ޝާހް ވަނީ އެންމެ މޮޅު ބަތަލާގެ އެވޯޑް ކާމިޔާބުކޮށްފައެވެ.

ޓެލެވިޜަންގެ ދާއިރާއަށް ބަލާއިރު އަހަރުގެ އެންމެ މޮޅު ޓީވީ ސީރީޒްގެ މަޤާމު 'ތާރަކް މެހެތާ ކާ އުލްޓާ ޗަޝްމާ' ހޯދިއިރު، 'ކިޔުންކީ ސާސް ބީ ކަބީ ބަހޫ ތީ 2'ގައި ދެއްކި ފާހަގަކޮށްލެވޭ ހުނަރަށް ސްމްރިތީ އިރާނީއަށް ވަނީ ޚާއްޞަ ޝަރަފެއް ދީފައެވެ.

އިންޑިއާގެ ސިނަމާގެ ބައްޕަގެ ގޮތުގައި މަޝްހޫރުވެފައިވާ ދާދާސާހެބް ފާލްކޭގެ ނަމަށް ނިސްބަތްކޮށް ބާއްވާ ދާދާސާހެބް ފާލްކޭ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލްއަކީ އަމިއްލަ ފަރާތަކުން އިންތިޒާމުކޮށްގެން ބާއްވާ ފިލްމް ފެސްޓިވަލެކެވެ. މި ޕްލެޓްފޯމުގެ މައިގަނޑު މަޤްޞަދަކީ ފިލްމާއި، ޓެލެވިޜަން، މިއުޒިކް އަދި ޑިޖިޓަލް މުނިފޫހިފިލުވުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ އުފެއްދުންތެރި މަސައްކަތްތަކުގެ އަގުވަޒަންކުރުމެވެ. ފާހަގަކޮށްލެވޭ ކަމަކީ، މިއީ އިންޑިއާ ސަރުކާރުން ނޭޝަނަލް ފިލްމް އެވޯޑްސްގައި ދޭ ލައިފްޓައިމް 'ދާދާސާހެބް ފާލްކޭ އެވޯޑް'އާ މުޅިން ތަފާތު، ވަކިން އިންތިޒާމުކުރެވޭ ޙަފްލާއެއް ކަމެވެ.

comment ކޮމެންޓް