ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާން--ފޮޓޯ/ފިލްމުފެއަ

ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމު "މާތްރޫބޫމީ: މޭ ވޯ ރެސްޓް އިން ޕީސް"ގެ ޓްރެއިލާ މާ ދިގުކަމަށާއި، އޭގެން މުޅި ފިލްމުގެ ވާހަކަ ހާމަވާކަމަށް ބުނެ އަމާޒުވަމުންދާ ފާޑުކިޔުންތަކަށް އޭނާ ހޫނު ރައްދެއް ދީފިއެވެ.

އަޕޫރްވާ ލާކިއާ ޑައިރެކްޓްކޮށް، އަންނަ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު ސިނަމާތަކުގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމު ބެލުމުގެ ކުރިން، ފިލްމާމެދު ވަކި ގޮތެއް ނުނިންމުމަށް ސަލްމާން ވަނީ ބެލުންތެރިންނަށް އިލްތިމާސްކޮށްފައެވެ.

ފިލްމު އިޝްތިހާރުކުރުމުގެ ގޮތުން، ފިލްމުގެ ބަތަލާ ޗިތުރަންގަދާ ސިންގްއާއެކު ދާދިފަހުން ހައިދަރުއާބާދަށް ކުރި ދަތުރުގައި، ފިލްމުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ވީއެފްއެކްސް ބޭނުންކޮށްފައިވާ ގޮތާމެދު ދެކެވޭ ވާހަކަތަކަށްވެސް އޭނާ ވަނީ އަލިއަޅުވާލާފައެވެ. އެގޮތުން، ފިލްމުގައި ދައްކުވައިދޭ ސިފައިންގެ މީހާގެ ޖަޒުބާތީ ވާހަކައަށް ވުރެ ބޮޑަށް، އޭގައި ބޭނުންކޮށްފައިވާ ޓެކްނޮލޮޖީއަށް ބެލުންތެރިންގެ ސަމާލުކަން ހުއްޓެނީ ކީއްވެތޯ ސަލްމާން ސުވާލު އުފެއްދިއެވެ.

ފިލްމު "މާތްރޫބޫމީ: މޭ ވޯ ރެސްޓް އިން ޕީސް"ގެ ޓްރެއިލާގެ މަންޒަރެއްގައި ސަލްމާން ޚާން--ފޮޓޯ/ފިލްމުފެއަ

ހަމައެއާއެކު، ޓްރެއިލާއަށް ފާޑުކިޔާ ފަރާތްތަކާ މުޚާޠަބުކުރަމުން ސަލްމާން ބުނީ، ޓްރެއިލާ ދިގުކަމަށް ނުވަތަ މުޅި ވާހަކަ އޭގެން ބޭޒާރުވާކަމަށް ބުނެ ބޭނުން އެއްޗެއް ކިޔުމުގެ އިޚްތިޔާރު ކޮންމެ މީހަކަށްވެސް އެބައޮތް ކަމަށާއި، ނަމަވެސް ފިލްމުގެ އަސްލު ސިފަ ދައްކާލާނީ ޑިސެމްބަރު ހަތަރު ވަނަ ދުވަހު ކަމަށެވެ.

މަޝްހޫރު ހަރުބަހަކުން މިސާލު ޖައްސަމުން ސަލްމާން އިތުރަށް ބުނީ، ފޮތެއްގެ ބޭރުގަނޑަށް ބަލައިފައި މުޅި ފޮތާމެދު ގޮތެއް ނިންމުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށެވެ. މިހާރު ބެލުންތެރިން ގޮތް ނިންމާފައިވަނީ ހަމައެކަނި ބޭރުފުށަށް ބަލައިފައިކަން ފާހަގަކުރަމުން، އެ ނިންމުން މުޅިން ގޯސްވެއްޖެނަމަ ވާނެ ގޮތަކާމެދު ބެލުންތެރިން ވިސްނާލުމަށް ސަލްމާން ވަނީ އެދިފައެވެ. އަދި އެ ނިންމުން ގޯސްވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށްވެސް ސަލްމާން ވަނީ ބުނެފައެވެ.

މީގެ އިތުރުން، ފާޑުކިޔުންތެރިންނަށް މަލާމާތުގެ ރާގެއްގައި ރައްދު ދެމުން ސަލްމާން ބުނީ، ވަކިވަކި ކަންކަމަށް ފާޑުކިޔުމަށްޓަކައި ފަސް މިނެޓުގެ ކުރު ޓްރެއިލާއެއްވެސް ތަކުރާރުކޮށް އެތައް ފަހަރަކު ބަލަން ޖެހުނު ކަމަށެވެ. އެހެންކަމުން، ދެ ގަޑިއިރާއި ބައިގެ ދިގު ފިލްމަކުން އުނިކަންކަން ހޯދުމަށް އެ ފަރާތްތަކުން އެ ފިލްމު ކިތައް ފަހަރު ބަލަން ޖެހޭނެތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ.

comment ކޮމެންޓް